ކޮވިޑް-19 އާ ގުޅިގެން ވިޔާފާރި ތަކަށް ދިމާވާ ދަތިތަކަށް އެހީ ވުމަށް ބީއެމްއެލްގެ ރީޓެއިލާސް ލޯނަށް ބަދަލު ތަކެއް ގެނެސްފި އެވެ.
މި ލޯނަކީ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރެވޭ ލޯނެކެވެ. ވިޔަފާރިތަކުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިންގުނައާ ހަމަޔަށް ރީޓެއިލާސް ލޯނު ބެންކުން ދޫކުރެ އެެވެ.
ބެންކުން މިއަދު ބުނީ، ލޯނުގެ ޝަރުތުތަކަށް މިއަދު ގެނައި ބަދަލުތަކާއެކު، މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރި ތަކުން ހޯދަންޖެހޭ އާމްދަނީ 50،000 ރުފިޔާއިން 30،000 ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި، މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ވިޔަފާރިތަކަކަށް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށެވެ.
ރީޓެއިލާސް ލޯނަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގާފައި ހުންނަންޖެހޭނެ އެވެ. ބެންކުން ބުނީ، ގެނައި ބަދަލުތަކުގެ ތެރޭގައި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން އެންމެ ބޮޑަށް ގެއްލުންވި މަސްތަކުގެ ވިޔަފާރި ނުހިމަނާ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސްދުވަހުގެ އެވްރެޖްގެ ގޮތުގައި 30،000 ރުފިޔާ ހަމަކުރާއިރު އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ވިޔަފާރި ނުހިމަނާނެ ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ރީޓެއިލަސް ފައިނޭންސިން އަށް ވެސް ވަނީ މި ބަދަލުތައް ގެނެސްފައި ކަމަށް ބެންކުން ބުނެ އެވެ.
ކޮވިޑްއާ ގުޅިގެން ބެންކުން ވަނީ އިތުރު ލޯނު ތަކަކަށް ވެސް ބަދަލު ގެނެސްފަ އެވެ.