ކުޅިވަރު

ބާސާ އާއި އެތުލެޓިކޯއަށް ފަސޭހަ މޮޅެއް

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ކެޕްޓަން ލިއޮނެލް މެސީ މުހިންމު ހިއްސާއާ އެކު ރެއާލް ބެޓިސް އަތުން ބާސެލޯނާ 5-2 މޮޅުވި އިރު ކާޑިޒް އާ ދެކޮޅަށް، ޔޯއާ ފެލިކްސް ކާމިޔާބު ކުރި ދެ ލަނޑާއެކު 4-0 ން އެތުލެޓިކޯ މެޑްރިޑް ވެސް މޮޅު ވެއްޖެ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެސީ ކުޅެން ނުކުތުމުގެ ކުރިން ފުރަތަމަ ހާފުގައި ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ބާސާއިންނެވެ. އެންޓްއާން ގްރީޒްމަން ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކުރީ އުސްމާން ޑެމްބެލޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންޓޯނިއޯ ސަނާބްރީއާ ވަނީ ބެޓިސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެ ވަނަ ހާފަށް ނުކުމެ ހަތަރު ވަނަ މިނެޓްގައި ޖޯޑީ އަލްބާ ހުރަސް ކޮށްދިން ބޯޅައިން ގްރީޒްމަން ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ބާސާގެ ތިން ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ބެޓިސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ އަސިއާ މެންޑީ އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ އެކެވެ. އޭރިއާ ތެރެއިން މެންޑީ އަތުގައި ބޯޅަ ޖެހުމުން ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދޮނޑުން ފޮނުވާލި އެވެ.

ފުރަތަމަ ހާފުގައި، ބާސާއަށް ލިބުނު ޕެނަލްޓީ، ބެޓިސްއަށް ކުޅެމުންގެންދާ ބާސާގެ ކުރީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ދިފާއު ކުރި ނަމަވެސް، މެސީގެ ޕެނަލްޓީ ދިފާއު ކުރާނެ ފުރުސަތެއް މެސީ، ބްރާވޯއަކަށް ނުދެ އެވެ. ރަނގަޅު ފަޅިއަށް ބްރާވޯ ޑައިވް ކުރި ނަމަވެސް މެސީ ބޯޅަ ފޮނުވާލީ މަތީ ދާގަނޑަށް އަމާޒުކޮށެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް، ބެޓިސް ކުޅެމުން ދިޔައީ އޯޕަން ގޭމެކެވެ. އެހެންވެ އެ ޓީމުން ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ތަނަވަސް ކުރި އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ލޯރެން މޯރޮން ކާމިޔާބު ކުރީ 73 ވަނަ މިނެޓްގަ އެވެ.

މެސީ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 80 ވަނަ މިނެޓްގަ އެވެ. އެ ލަނޑު އޭނާ ކާމިޔާބު ކުރީ ސާޖީ ރޮބާޓޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ބާސާގެ ފަސް ވަނަ ލަނޑު ޕެޑްރީ ކާމިޔާބު ކުރީ ވެސް ސާޖީ ރޮބާޓޯ ތަނަވަސް ކޮށްދިން ފުރުސަތުންނެވެ.

ކާޑިޒް އާ ދެކޮޅަށް ދެ ލަނޑު ޖެހުމުގެ އިތުރަށް ފެލިކްސް ވަނީ އިތުރު ލަނޑެއް ޖެހުމަށް ވެސް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ފެލިކްސް ވަނީ ލީޑް ނަގައިދީފަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 22 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާކޯސް ޔޮރެންޓޭ އެވެ. ދެ ވަނަ ހާފަށް ނުކުމެ ލުއިސް ސުއަރޭޒް ވަނީ ފެލިކްސް ތަނަވަސް ކޮށްދިން ފުރުސަތުން ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފެލިކްސްގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ.

އޮސަސޫނާ އާ ދެކޮޅަށް ކުޅުނު ސެވިއްޔާ މެޗު ކާމިޔާބު ކުރީ 1-0 ންނެވެ. ސެވިއްޔާގެ ލަނޑު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ލޫކަސް އޮކޮމްޕޯސް އެވެ.