ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިން ތަކަށް އަމަލު ކުރޭތޯ ބަލަން "މިސްޓްރީ ގެސްޓުން" ފޮނުވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް ފެސިލިޓީތަކުގައި ހުރި ކަންކަން ސިއްރިޔާތުގައި ބަލައި، އެކަންކަން ދަނީ ގައިޑްލައިންއާ އެއްގޮތަށްތޯ ކަށަވަރު ކުރަން "މިސްޓްރީ ގެސްޓުން" ފޮނުވަން ނިންމުމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ ފޮނުވާ "މިސްޓްރީ ގެސްޓުން" ޓޫރިސްޓު ފެސިލިޓީ ތަކަށް ދާން ބުކިން ހައްދާނީ އެ މީހުން އަމިއްލަ އަށް ކަމަށެވެ.
ސިއްރުން ކަންކަން ބަލަން މިސްޓްރީ ގެސްޓުން ފޮނުވުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރާ ކަމެކެވެ.
މިގޮތަށް ރާއްޖޭގެ ޓޫރިޒަމް ޓޫރިޒަމް ފެސިލިޓީއަކަށް ދާ ޓޫރިސްޓުން އެ ފެސިލިޓީއެއްގައި ގާއިމްކޮށްފައިވާ ޕްރޮސީޖާ އާއި ގައިޑްލައިން ތަކަށް އަމަލު ކުރާ މިންވަރު ޓޫރިޒަމް މިނިސްޓްރީ އަށް ރިޕޯޓު ކުރާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނީ މިސްޓްރީ ގެސްޓުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް ގައިޑްލައިންތަކާ އެއްގޮތަށް ޓޫރިސްޓް ފެސިލިޓީ ތަކުން މަސައްކަތް ކުރޭ ތޯ ބަލަން އިންސްޕެކްޝަންތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. މި ފިޔަވަޅު އަޅަން ނިންމީ ގެސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށް ބުނެފައިވެ އެވެ.
ޓޫރިސްޓުން ބައިތިއްބާ ތަންތަނަށް މިސްޓްރީ ގެސްޓުން ފޮނުވަން ނިންމިއިރު، ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވެ މަރުވުމުގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވިފަހުން ގިނަ އަދަދެއްގެ ޓޫރިޒަމް ފެސިލިޓީތައް މިހާރު ވަނީ އޮޕަރޭޝަނަަށް ގެނެސްފަ އެވެ. ނަމަވެސް މި ތަންތަން ހުޅުވާފައިވަނީ ސިއްހީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއެކުގަ އެވެ. ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މިހާތަނަށް 44،000 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.