ރައްޔިތުންގެ ވެރިކަމެއް ކުރުމަށް ރައްޔިތުން އުސޫލުތަކަކަށް އެއްބަސްވެ ނިޒާމެއް އުފައްދައި އެ ނިޒާމް ހިންގަން އެންމެ ރަނގަޅު ބަޔަކު ހޮވުމަށް މިރާއްޖޭގައި މިވަނީ އެއްބަސްވެ އެކަން ކުރާނެ ގޮތުގެ ގާނޫނުއަސާސީ ލިޔެފަ އެވެ. ގާނޫނުއަސާސީގައި ލިޔެފައިވާ ގޮތަށް ވެރިކަން ހިންގައި ދިނުމަކީ މިވަގުތު ރައްޔިތުން މަގާމުތަކަށް ހޮވައި ގެނެސް މިނިޒާމު ހިންގުމަށް ސަރުކާރު ހަވާލުކޮށްފައިތިބި މީހުންގެ ހަމައެކަނި މަސްއޫލިއްޔަތެވެ. ވެރިކަމުގެ ތަންފީޒީ ބާރާ މިވަގުތު ހަވާލުވެގެންތިބި މީހުން އެކަން ފުރިހަމައަށް ކުރުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ ހައްގެކެވެ. މިސަރުކާރުގައި މިހާތަނަށް ޑިމޮކްރަސީގެ ރުކުންތަކުގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ ރުކުނަށް ފުރިހަމައަށް އަމަލުކުރާގޮތާ ދޭތެރޭ ރައްޔިތުން މިދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މއުލޫމާތު ހޯދައި ލިބިގަތުމާއި އުނގަންނައި ދިނުމަކީ ގާނޫނުއަސާސީން މުތުލަގަށް ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގެކެވެ.
ސަރުކާރު ހިންގަން ރައްޔިތުންތެރެއިން ބަޔަކާ ރައްޔިތުން ހަވާލުކުރީ އެހަވާލުވި ބަޔަކަށް ފެންނަގޮތަކަށް ފެންނަ މިންވަރަކަށް ކަންކަން ކުރާކަށް ނޫނެވެ. ސަރުކާރު ހިންގަން ރައްޔިތުން ބަޔަކު ވެރިކަމަށް ހޮވީ ކޮންމެ ރައްޔިތަކުވެސް އަމާންކަމާއި، ރައްކާތެރިކަމާއި، މިނިވަންކަމާއެކު މުސްލިމެއްގެ ގޮތުގައި ދިރިއުޅުމުގެ ރައްކާތެރިކަމުގެ ހައްގު މިރާއްޖޭގައި ކަށަވަރުކުރުމަށެވެ. މިއަމާންކަން ލިބޭގޮތަށް ވެރިކަން އެބަ ހިންގާތޯ ކަށަވަރުކުރުން އެއީ ކޮންމެ ރައްޔިތެއްގެ އެންމެ ބޮޑު އެއް ހައްގެވެ. ރައްޔިތުންނަށް މިކަން ކަށަވަރު ކުރެވޭނީ ސަރުކާރު ހިންގާގޮތުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބިގެންނެވެ. އެހެންކަމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ވެރިކަމެއްގެ ނިޒާމުގައި ނުވަތަ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް ރުކުނެވެ.
ރައްޔިތުން މައުލޫމާތު ހޯދައި ލިބިގަތުމަށްޓަކައި އެކަން ކަށަވަރު ކުރުމަށް ޚާއްސަ ގާނޫނެއްވެސް މިރާއްޖޭގެ ވުޖޫދުގައި އެބައޮތެވެ. މިރާއްޖޭގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ކުރުމަށް ގާނޫނީ ފުރިހަމަ ނިޒާމެއް އެބައޮތެވެ. ނަމަވެސް މި ގާނޫނުތައް ހުރެމެ ރައްޔިތުންނަށް މައުލޫމާތު ހޯދައި ލިބިގަތުމުގައި މިއަދު މިވަނީ ރައްޔިތުންގެ ބާރު ނިކަމެތިވެ ރައްޔިތުންގެ ބާރު ސަރުކާރު ހިންގަން ތިބި މީހުން އެމީހުން ބޭނުން މިންވަރަކަށް ފެންނަ މިންވަރަކަށް މައުލޫމާތު ދިނުމުގެ ބާރު ނަގައިގަނެފައިވާތަނެވެ.
ރާއްޖޭގެ ފަސްގަނޑުގައި ރައްޔިތުންނަށް ނުރައްކަލެއް ނެތްކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އޮތުމަކީ ރައްޔިތުންގެ ހައްގެކެވެ. އެކަންވަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފަ އެވެ. ބޭރުގައުމެއްގެ އަސްކަރީ ހަރަކާތްތަކެއް ހިނގާ ނުހިނގާގޮތުގެ މައުލޫމާތު ހޯދުމަށް ކަމާގުޅޭ އިދާރާގައި ދާދިމިދާކަށްދުވަހު ރައްޔިތކު އެދި އެމައުލޫމާތު ނުލިބިގެންގޮސް އެންމެފަހުން މައުލޫމާތުހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ރައްޔިތުންގެ ނަމުގައި އައްޔަންކޮށްފައިހުރި ކޮމިޝަނަރާ ހިސާބަށް މައްސަލަ ހުށަހެޅި، ޝަރީއަތެއް ހިންގުމަށްފަހު އެކޮމިޝަނަރު ނިންމާފައި ވަނީ އެ މައުލޫމާތަކީ ދޭން ނުޖެހޭ މައުލޫމާތެއްކަމަށް ނިންމާފައެވެ. ނަމަވެސް އަދި މައުލޫމާތު ހޯދަން އެދުނު ފަރާތަށް ގާނޫނުގެ ދަށުން ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފުކުރުމުގެ ފުރުޞަތު އެބައޮތެވެ.
މައުލޫމާތު ހާމަ ނުކުރުމަކީ ގާނޫނުއަސާސީގެ ދަށުން ކުށެކެވެ. ޑިމޮކްރަސީއެއްގައި މައުލޫމާތު ފޯރު ކޮށްދިނުމަކީ ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް އޮތް ފުރަތަމަ ފިޔަވަޅެވެ. ސަރުކާރުން މައުލޫމާތު ލިބިގެން މެނުވީ ސަރުކާރުން ކުރާކަމެއް ގޯސްތޯ ނުވަތަ ގޯސް ނޫންތޯ ރައްޔިތުންނަށް ނުނިންމޭނެ އެވެ. އެހެންކަމުން ކަމެއް ގޯސްނަމަ އެކަމެއް ރަނގަޅު ކުރުމަށް ފިޔަވަޅު އެޅޭނެ ގޮތެއްވެސް މައުލޫމާތު ނުލިބި ނޯންނާނެ އެވެ. މައުލޫމާތު ނުލިބޭނަމަ ޖަވާބުދާރީ ކުރުވޭނެގޮތް ވެސް އެހިސާބުން ބަންދުވީ އެވެ. އަދި ޚުދުމުޚުތާރު ވެރިކަމުގެ ސަގާފަތަކަށް އެހިސާބުން ބަދަލުވާން ފަށައެވެ.
ގައުމީ މަސްލަހަތު ގެއްލުމުގެ ބިރު އުފެދެނީ މިހިސާބުންނެވެ. މައުލޫމާތު ނުލިބުމުން ރައްޔިތުން އެގޮތް މިގޮތަށް ވާހަކަދައްކައި ފިތުނަ އުފެދި ރައްޔިތުން ބިރުވެރިކަމަކަށް ވެއްޓި ރައްޔިތުންގެ ކެއްތެރިކަން ކޮޅުންލައި ގައުމުގެ މަސްލަހަތު ގެއްލުމުގެ މިސްރާބު ހިފާތީއެވެ. އެހެންކަމުން އެފދަ ނުރައްކާތަކަށް ހައްލު ހޯދޭނީ ރައްޔިތުންނަށް މައުލޫމާތު ލިބިގެންނެވެ. ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭންޖެހެނީ އެސަބަބާހެދިއެވެ.
މީހަކު ހޯދަން އެދުނު އެމައުލޫމާތު ނުދިނުމުގެ ހާދިސާއާ ގުޅިފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާ އަދި ސިޔާދަތަށް ނުރައްކާވެފައިވާ ކަމަށް ރައްޔިތުން އަޑުއުފުލާ ވަރުގަދަ އޮއިވަރެއް ހިނގަމުންދާ ދަނޑިވަޅަކާއެވެ. އެހެންކަމުން ކޮމިޝަނަރާ ހަމައިން މިހައްގު ނިގުޅައިގަނެވިދާނެކަމަށް ރައްޔިތުން ނުދެކެއެވެ. އެ ރައްޔިތުން ހާމަކުރާ ގޮތުގައި ހޯދަން އެދުނު މައުލޫމާތު ހިފެހެއްޓުމަށް ގާނޫނުއަސާސީއާއި އަދި މައުލޫމާތުހޯދައި ލިބިގަތުމުގެ ގާނޫނުގެ އެއްވެސް މާއްދާއަކުން މަނަލެއް ނުކުރެއެވެ. އަދި އެމައުލޫމާތު ނުދީ މިހާތަނަށް ހިފަހައްޓާފައިވަނީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށެވެ. އެހެންކަމުން ކޮމިޝަނަރާ ހަމައިން އެ މައުލޫމާތު ނުދީ ހިފެހެއްޓި މައްސަލަ ނުނިމި އިސްތިއުނާފުގެ މަރުހަލާ އޮތުމާއެކު ރާއްޖޭގެ ކަމާގުޅޭ ކޯޓުތަކުން ދާދީ އަވަހަށް އެމައްސަލަ ފެނިގެންދިއުން ގާތެވެ.
މީގެއިތުރުންވެސް ރާއްޖޭގައި ރައްޔިތުން މައުލޫމާތު ހޯދަން އެދި ސަރުކާރުގެ މުއައްސަސާތަކުން މައުލޫމާތު ދިނުމަށް ދެކޮޅުހަދާފައިވާ މިފަދަ އެތަކެއް ހާދިސާ އެއް މިދަނީ ފެންމަތިވަމުންނެވެ. އެހެންކަމުން ރައްޔިތުން ދެކޭގޮތުގައި މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ މިސްރާބު މިވަގުތު ހުރީ އެގާނޫނުގެ ޖަނާޒާއަކާ ދިމާލަށެވެ. އެހެންކަމުން މައުލޫމާތު ހޯދުމުގެ ހައްގު ހިމާޔަތް ކުރެވިގެން ދިއުމަށް ރައްޔިތުންގެ މަޖިލިހުންނާއި ސަރުކާރުން އަދާކުރަންޖެހޭ ދައުރު ބޮޑުކަމުގެ އަޑުމިވަނީ އެތަންމިތާ ގަދަވެފައެވެ. ރައްޔިތުންގެ ވެރިކަމެއްގައި ނުވަތަ ޑިމޮކްރަސީއެއްގައި ސަރުކާރުގެ ސިޔާސަތުތަކުގެ ދެފުއްފެންނަން ހަމަ ކޮންމެހެންވެސް ކޮންމެހެންވެސް ލާޒިމެވެ. ސިއްރުން ކަންކަން ކުރަން ފެށުމަކީ ރައްޔިތުންގެ ވެރިކަމެއްގެ ނުވަތަ ޑިމޮކްރަސީއެއްގެ ނިމުމުގެ ފެށުމެވެ.