ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކަރަންޓީނާއެކު ބޮޑު ޗުއްޓީ ހަރާބު

މި އޮތީ އަހަރުގެ ޗުއްޓީ ސީޒަނާއި ދިމާވެފަ އެވެ. އަހަރުގެ ކުރީކޮޅުގައި އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ޗުއްޓީ ޕްލޭން ކުރާއިރު ދަރިންގެ ސްކޫލް ބަންދާއި ދިމާކޮށް ގިނަ މީހުން ޗުއްޓީ ޕްލޭންކޮށްލަ އެވެ. މިދުވަސްވަރު ބައެއް އޮފީސްތައް އޮންނަނީ ވެސް "ދުންގަނޑެއް" އަޅާފަ އެވެ. ނޮވެމްބަރު މަހަކީ ސުކޫލްގެ ބޮޑު ޗުއްޓީ ކަމުގައި ވާތީ އެވެ. އަހަރު އެއްކޮށް ބުރަ މަސައްކަތްކޮށް ލިބޭ 30 ދުވަހު ދަރިންނާއި އެކީ ރަނގަޅަށް ހަމަޖެހިލައިގެން ހޭދަ ކޮށްލާށެވެ.

ރަށަށް ދާށެވެ. ނުވަތަ ރާއްޖެއިން ބޭރަށް ދާށެވެ. އެހެންވެސް ބޮޑު ކަމެއް އޮތީއްޔާ އެކަމުގަ އެވެ. ކައިވެނި ޕާޓީތައް ވެސް އޮންނަ ސީޒަނަކީ ވެސް މިއީ އެވެ. މުޅި އަހަރުގައި ވެސް ބޮޑު ޗުއްޓީއަކީ ވަރަށް އުއްމީދު ކުރާ ދުވަސްތަަކެކެވެ. ވިހިވިހީ ގައި ދުނިޔެ ލައްވާލި ރޯގާ އާއި އެއްކޮށް މި ހުރިހާ ޕްލޭނެއް ވެސް ހަރާބެވެ. ރާއްޖެއިން ބޭރަށް ދާން ގަތް ޓިކެޓާއި ރީފަންޑް ކުރަން ޖެހުނީ އެވެ.

ވިހިވި މިއީ ކުރިމަތިވި އާދަޔާ ހިލާފު އަހަރެކެވެ. ފްރަންޓްލައިން ފިޔަވާ އެއްމެންނަށް އޮފީސް ބަންދުވެ ގޭގައި ތިބެންޖެހުނަސް އެއީ އަދި ޗުއްޓީއެއް ނޫނެވެ. އެތަށް ކަމަކާއި ލައިގަތެވެ. ހާސް ކަމާއި ނުތަނަސްވަކަމާއި އެކުއެވެ. މާޔޫސްކަމާއި އައިސޮލޭޝަން އާއި ބައްޔާއި ކުރިމަތިލާން ޖެހިފަ އެވެ.

މި އަހަރު މިހާ ހިސާބަށް އައި އިރު މިއޮތީ އެހެން އޮފީސްތަކުގައި މަސައްކަތް ކުރާ އެމީހުންގެ ޗުއްޓީއަށް ދެން ވާނީ ކިހިނެއްތޯ ސުވާލު ކޮށްލެެވެ އެވެ. އަހަރީ ޗުއްޓީގައި ރަށަށް ދާން ޕްލޭން ހަދާލާ ރަށަށް ދާން ނިންމާ އިރު އެއްކަލަ އަަހަރީ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން 14 ދުވަސް މިއޮތީ ހޯމްކަރަންޓީން ކުރުމުގެ އުސޫލެކެވެ.

ވަކި ބަޔަކަށް ކަރަންޓީނަކާއި ނުލައި ދެވޭ ގޮތެއް އޮތުމުން މިކަމާއި ޝަކުވާ ނުކޮށް ހިމޭނުން ހުންނަން އެންމެ ބަހެއް ނުބުނާ މީހާއަށް ވެސް އުނދަގުލެވެ.

"އަހަރެން ޗުއްޓީ އަށް ރަށަށް ދާން އޮފީސް އިން ޗުއްޓީ ލިބެނީ އަންނަ ޑިސެމްބަރު 15 ގައި. ޗުއްޓީ އެއްކޮށް ދާނީ ކަރަންޓީނުގައި. ދެން އަންނަ އަހަރުގެ ޗުއްޓީއާއި އެކު ހަމަޖެއްސޭން އޮތީ. ކުދިން ބައްޔެއް ކަމެއްވިޔަސް ކުދިންގެ ޒިންމާ ނަގާ މީހާގެ ހައިސިއްޔަތުން ވަރަށް އުނދަގޫ ކުރިއަށް އޮތް އަހަރުގެ ޗުއްޓީ އެއްކޮށް ބޭނުންކޮށްލަން. އެކެމަކުވެސް މި ނޫން ގޮތެެއް ނެތް،" ޕްރައިވެޓް ކުންފުންޏެއްގައި އުޅޭ މަންމައަކު ބުންޏެވެ.

އެހެން މީހަކު ބުނިގޮތުގައި މިއަހަރު ފެށުނީ ވަރަށް އުއްމީދާއި އެކުއެވެ: "ދަރިން ގޮވައިގެން ރާއްޖެއިން ބޭރަށް ދާން ގަސްދުކޮށްގެން ޓިކެޓް ނަގާ ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ. އެކަމް ދަތުރު ކެންސަލްކޮށްލަން ޖެހުނީ. މިހާރު މި ބަލަނީ ރަށަށް ދެވޭތޯ. އޮފީހުން ހިއެއް ނުވޭ ވޯކްފްރޮމް ހަމަޖެހޭނެ ހެނެއް. ޗުއްޓީ މިއޮށް ހަރާބުވީ"

ރަށް ރަށަށްދާން މިދުވަސްވަރު އެެއްމެން ހިފާލައިގެން މި ތިބީ ގޭގެ ހަތަރު ފާރުން ބޭރުވެ ހަށިފުރާ ނޭވާލާ ހަމަޖެހިލާށެވެ. އެހެނަސް ރަށަށް ގޮސްވެސް އަނެއްކާ ކަރަންޓީނުގައި ތިބެން ޖެހުމުން މިކަން ކުރަން މިއޮތީ ދަތިވެފައެވެ. ހާސްބޮޑުކޮށް ދިޔަ އަހަރެއްގައި ޗުއްޓީއަކަށް ނުދެވިއެވެ.

އިންޑިއާގެ ކެރަލާ ސްޓޭޓްގައި އެހެން ސްޓޭޓްތަކުން އެ ސްޓޭޓަށް އަންނަ މީހުންގެ ކަރަންޓީނު މުއްދަތަކީ 7 ދުވަހަށް ވާ އިރު އިނގިރޭސި ވިލާތުގައި މިހާރު ވަނީ ސެލްފް އައިސޮލޭޝަންގެ މުއްދަތު ކުރިން އޮތް 14 ދުވަހުން 5 ދުވަހަށް ބަދަލު ކޮށްފައެވެ. "ޓެސްޓް އެންޑް ރިލީސް" ސްކީމްގެ ދަށުން ފަސް ދުވަހަށް އައިސޮލޭޓް ކުރުމަށް ފަހު އަމިއްލަ ހަރަދުގައި ޓެސްޓުހެދުމުން އިތުރަށް ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ.

ރާއްޖޭގައި އަތޮޅުތަކަށް ބަލި ފެތުރުނަ ނިދުމުގެ ބޭނުމުގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތުގެ އުސޫލު ރަވާފައިވާ އިރު ރާއްޖެއިން ބޭރުން އަންނަ ފަރުތުވެރިޔާ އަށް އޮތީ ތަފާތު ގޮތެކެވެ. މުޅި ދުނިޔޭގައި ވަށާ ބުރުޖަހާފައި ރާއްޖެއަށް އަންނަ އިރު އެމީހުންނަށް މަރުހަބާ ކިޔައެވެ. ކަރަންޓީނުވުމެއް ނެތެވެ. ގެސްޓް ހައުސް އާއި ރިސޯޓް ތަކަށް ދެވެއެވެ. އޮފީސްތަކުގެ ބޭނުމަށާއި ރަސްމީ ދަތުރުތަކުގައި އަތޮޅު ތެރެއަށް ފަސް ދުވަހަށް ވުރެ ކުރު މުއްދަތެއްގައި ދާ ނަމަ އަނެއްކާވެސް ކަރަންޓީނު ކުރުމެއް ނެތެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އެޗްޕީއޭގެ މި އުސޫލަށް މިދުވަސްކޮޅު އަމާޒުވަމުންދާ އިރު އެ ފަރާތުން ބުނެފައިވަނީ ކޮވިޑް-19 އިގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން ބަލި ނެތް ރަށަކަށް ދާއިރު ކަރަންޓީންވާން ޖެހޭ ޖެހުން ނިމުމަކަށް ގެނެވެން އޮތީ ޕޮޒިޓިވިޓީ ރޭޓާއި، އިންޑިޕެންޑެންޓް ކޭސްތައް ދަށްވެގެނެވެ.