ހަބަރު

ގޫގުލް ބެލޫނެއް އަނެއްކާވެސް ރާއްޖެއަށް ވެއްޓިއްޖެ

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށް ގެންދާ "ލޫން ޕްރޮޖެކްޓް" ގައި ބޭނުން ކުރަމުން އައި ބެލޫނެއް އަނެއްކާވެސް ރާއްޖެ ސަރަހައްދަށް ވެއްޓިއްޖެ އެވެ.

ބެލޫން ވެއްޓުމުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބި ނުރައްކަލެއް ކުރިމަތި ވެފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ ލޫން ޕްރޮޖެކްޓްގެ ގޫގްލް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ކަމުގެ މައުލޫމާތު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް މިއަދު ހެނދުނު ރިޕޯޓު ކުރި ކަމަށެވެ.

މި ބެލޫން ވެއްޓިފައި ވަނީ ގދ. ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށެވެ. ސިފައިން ވަނީ އެ ބެލޫން ނަގާފަ އެވެ. އަދި ބެލޫން ވެއްޓުނު ސަރަހައްދުގައި ސިފައިން އަދިވެސް ހަރަކާތްތެރިވަމުންދެ އެވެ.

މީގެ ކުރިންވެސް މި ޕްރޮޖެކްޓުގެ ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރހައްދަކަށް ވަނީ ވެއްޓިފަ އެވެ. އެ ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.