ވާހަކަ

ލޯބިން ބުނެލަން

(8 ނޮވެމްބަރ 2020 އާ ގުޅޭ)

"ކެންޒާ..." ކާރުން ފޭބި ޔާދިން ބާރަށް ގޮވާލިއެވެ. އޭނާއަށް ކުރެވޭނެ ކަމެއްނެތެވެ. ކޮރުޖަހަމުން އައިސް ލައިތުގެ ގާތުގައި ޔާދިން އިށީނެވެ. އޭނާ ލައިތުގެ ހަށިގަނޑު ބަލަން ފެށިއެވެ. މޭކަށިގަނޑުގެ ތިރިން ބައެއް ބިންދައިގެން ގޮސްފައިވާކަން ޔާދިންއަށް ޔަގީންވެއެވެ. ވޭނީ އާޙުގެ ލައިތުގެ ގައިގާ ޔާދިން އަތްލާއިރަށް ގޮއްވާލައެވެ. އެ އަޑު ވެސް މަޑުވެ ކެނޑުނީއެވެ. ލައިގެން ހުރި ގަމީސް ބާލައި ލައިތުގެ އަރިކަށީގައި ޖައްސާ އޮބާލަމުން ލޭމަނާ ކުރެވޭތޯ ޔާދިން އުޅުނެވެ.

"ސްޓޭ ވިތް މީ... ޕްލީޒް... ކަމޯން ބްރޯ..." އާދޭހާއެކު ޔާދިންގެ ދުލުން ތަކުރާރުކޮށް ލައިތަށް ގޮވިއެވެ. ނަމަވެސް ދެ ލޯ މަރާލި ގޮތަށް ލައިތު ހަރަކާތެއްނުކުރިއެވެ.

* * * * *

ފޯނުން ވާހަކަދައްކަމުން އަސަދު ކޮޅަށް ތެދުވިގޮތުން ކާމޭޒުދޮށުގައި ތިބި އެންމެންގެ ސަމާލުކަން ހުއްޓިފައިވިއެވެ. ފޯނުކޯލު ނިމުނުތަނާ ކަސްތޫރީ ސުވާލުކުރަން ފެށިއެވެ. އަސަދަށް މާގިނަ ވާހަކައެއް ނުދެއްކުނެވެ. ކާމޭޒުދޮށުގައި އިން ޖިނާނާއި ސެހްރާނު ގާތު އަންނާށޭ ބުނުމާއެކު، ސުޖާއުއަށް ގުޅިއެވެ. ކާމޭޒުދޮށުން އެންމެން ތެދުވެ އަސަދުގެ ފަހަތުން އައެވެ. މުސްކުޅި މަންމައަށް ބަލާލައި އަސަދަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެހެންނަމަވެސް އެ މޫނުން ފާޅުވޭވޭ ހުރި ސިހުން އެކަކަށް ވެސް ސިއްރެއްނުވެއެވެ. ފިނިނޭވާއަކާއެކު އަސަދު ކިޔާލީ ލައިތުގެ ނަމެވެ. ޔާދިންއާއި ލައިތުގެ ގާތަށް އަސަދު ދާންޖެހިއްޖެކަން އޭނާ ބުންޏެވެ. ކަސްތޫރީއަށް ލިބުނު ހާސްކަމާއެކު ސުވާލުތައްވީ އިތުރެވެ. މަންމަގެ ގައިގާ ސަރަފީނާ ހިފަހައްޓާލިއެވެ. ފަރުޒީނު އަވަސްއަވަހަށް އަސަދަށް ބެލުމަށް ސެހްރާނުގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ.

އަސަދާއެކު ސެހްރާނު ކާރަށް އެރިއިރު އެމީހުންގެ ފަހަތުން ޖިނާނު ސައިކަލުގައި ނައްޓާލަން އިނީ ތައްޔާރަށެވެ. ޢާއިލާގެ ދެންތިބި މެންބަރުން ގޭގެ ދޮރުމަތީ މަޑުކޮށްލައިގެން ތިއްބެވެ.

"އެކުއްޖާއަށް އަނިޔާއެއްވީތަ؟" ގާތުގައި ހުރި ސަރަފީނާގެ ގާތުން ކަސްތޫރީ އަހާލިއެވެ. ނަމަވެސް މަންމައަށް ދޭނޭ ޖަވާބެއް އޭނާ އަތަކު ނެތެވެ. އެހެންވެ ދޮގަކަށް ވިޔަސް އެންމެންގެ ހިތްހަމަޖެހުމަށް ސަރަފީނާ ވާހަކަދެއްކިއެވެ. ލައިތާއެކު ޔާދިން ހުރިކަން ސަރަފީނާ ބުންޏެވެ. އެ ދެބެން ގޮވައިގެން އަސަދު ގެއަށް އަންނާނޭކަން ސަރަމީނާ ބުންޏެވެ.

"ކެން..." ލައިރާ ހަނދާންވީ ކެންޒާގެ މަތިންނެވެ. އޭނާ އަވަހަށް ފޯނު ނަގައި ކެންޒާއަށް ގުޅަންފެށިއެވެ. ނަމަވެސް ރިންގުވެފައި ކެނޑެނީއެވެ. ފަރުޒީނަށް ފެނިގެން ލައިރާއާ ސުވާލުކުރިއެވެ.

"އިހަށް ކެންޒާއަށް ގުޅާކަށް ނުފެނޭ، ވީގޮތެއް ވެސް ނޭނގެއެއްނު..." ކެންޒާއަށްކަން ލައިރާ ގުޅަނީ އެނގުމުން ފަރުޒީނު ބުންޏެވެ.

ރޭގަނޑުގެ ކެއުން މެދުކަނޑާލާފައި އަސަދު ނުކުމެގެން ދިއުމުން ދެން ތިބި މެންބަރުން ވެސް ކާކޮޓަރިއަށް ދިއުމުގެ ޝައުގު ކެނޑިއްޖެއެވެ. އެންމެން ބޮޑުކޮޓަރީގެ ސޯފާތަކުގައި ތިބީ އަސަދު ގުޅާނޭ އިރަކަށެވެ. ވީގޮތެއް ނޭނގޭއިރު ކޮންމެ މީހަކުވެސް ހިތާހިތުން އެދެމުންދިޔައީ ބޮޑުކަމެއްނުވުމަށެވެ. ވީހާ ވެސް އަވަހަކަށް އަސަދާއެކު ހުރިހާ ކުދީން ސަލާމަތުން ގެއަށް އައުމަށެވެ.

ދެ ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. ކަސްތޫރީގެ ކެތްތެރިކަން ކުޑަވާގޮތްވިއެވެ. އަސަދަށް ގުޅުމަށް އޭނާ ސަރަފީނާ ގާތު ބުންޏެވެ. ޚުދު ސަރަފީނާ ވެސް އިނީ އަސަދުގެ ޚަބަރެއްނުވެގެން ކަންބޮޑުވެފައެވެ. ކަސްތޫރީ އެދުމުން އިތުރު ހިތްވަރެއް އޭނާއަށް ލިބުނެވެ. ފިރިމީހާގެ ފޯނަށް ސަރަފީނާ ގުޅިއެވެ. އެންމެންގެ މޫނުތައް އޭނާއާ ދިމާއަށް އެނބުރިފައި ހުއްޓެވެ. ދެފަހަރަކު ގުޅާފައި ސަރަފީނާ ދެއަތަށް ބޯހޫރާލިއެވެ. ފޯނު ތިރިކޮށްލި ވަގުތު މެސެޖު އައުމުން، އަވަސްއަވަހަށް ސަރަފީނާ ބަލަންފެށިއެވެ.

"ހޮސްޕިޓަލަށް އަންނާށޯ..." ހައިރާންކަމާއެކު އެންމެންގެ މޫނަށް ބަލަމުން ސަރަފީނާ ބުންޏެވެ.

* * * * *

ހަލުވިކޮށް ވަދެގެން އައި މުބީންގެ ނަޒަރު ސޯފާގައިން މިފްރާހުއާއި އާޤިބަށް ހުއްޓުނެވެ. އެވަގުތު ވެސް އޭނާ ހުރީ ފޯނުގައެވެ. މީހަކާ ވާހަކަދައްކަމުން ދިޔައިރު އޭނާއަށް ހިނގައިދިޔަ ކަންތަކުގެ ޚަބަރު ލިބިއްޖެކަން ޔަގީނެވެ. މުބީން ފެންނައިރަށް އާޤިބު ކޮޅަށް ތެދުވިއެވެ.

"ޝާނު... އޭނާ ބާރުދިނީ..." ފޯނުކޯލު ނިމިއްޖެކަން އެނގުނު ހިނދު އާޤިބު ވާހަކަދެއްކިއެވެ.

"އެވަރަށް ބުނީމަ ވެސް ނަ*** ހަމަހެޔަކުނޫނޭ ހުރީ، ކޮބާ އެ ޅ*" މުބީން ހުރީ ރުޅިގަދަވެފައެވެ.

"ޝިއަށްޓެއާއެކު އެކޮޅު އައްޑައިގަ... މާބެ ގޮތެއް ނިންމަންދެން..." އާޤިބުގެ ވާހަކަ ނުނިމެނީސް މުބީން ވާހަކަދެއްކިއެވެ.

"އަސަރޭއަށް ވަޅި ދިނީ އޭނަ، ވޭން ކޮބާ؟ މަޓޭ ބުނީ މިކޮޅުން މީހަކު ހަވާލުވާން ޖެހޭނޭ... އެމީހުންނާ އެއްކޮޅަށް ވެސް އެބަތިބި ބޮޑެތި ގޮލައިންތަކެއް، މިކަން ހޫނުވާނޭ ބުނީ، މިފަހަރު ކުޑައެއްޗަކުން ނުވާނޭ ބުނީ." މުބީން ވެސް ހުރީ ހާސްވެފައެވެ. ކަންތައް ހިނގައިދިޔައީ އިރުޝާދު ދިން ގޮތާ ޚިލާފަށްވީމައެވެ.

"ކޮބާ އެ އަންހެންޅ*" މުބީން ބުނެލި ގޮތުން މިފްރާހު ބަލާލީ ނުރުހުމާއެކުއެވެ.

"ފުރަން ތައްޔާރުވޭ... ޓިކެޓު އޮންނާނެ ނަގާފަ." މުބީން ބުންޏެވެ. މިފްރާހު ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީއެވެ. އެހިނދު މުބީންގެ ކޮނޑުގައި އާޤިބު އަތްބާއްވާލީ ހަމަޖެހޭށޭ ބުނުމުގެ ގޮތުންނެވެ. މޫނުގައި ދެއަތްތިލަ ހާކާލުމާއެކު އިސްތަށިގަނޑު ތެރޭ އިނގިލިތައް ހިންގާލިއެވެ.

"މިފޫ އޯކޭއެއްނޫން... ޝާނު ކަތިވަޅި ހޫރާލީ، އަސްރާރު ދިމާކުރީ ކަތިލަން، މިފޫގެ އަޑެއް އެކަކު ވެސް ނޭހި، އަހަރެންނަށް ނުކުންނަން ޖެހުނީ އެހެންވެ، އަސްރާރު އަތުގައި ހިފެހެއްޓީ އަހަރެން... އެވަރުވީމަ އެކޮޅުން މަޑުންނުތިބޭނެކަން އެނގޭ." އާޤިބު ކުރުކޮށް ކިޔާދިނެވެ.

"އެޅ* ނެރޭނީ، އަސަރޭއާ ދެމީހުން... ސަފާރީން ބައެއް މަޓޭމެންގެ އަތަށް ދޫކޮށްލާނީ، އެމީހުން ފަޅާލާނެ ދެތިން ހަތަރުތަން، އެހެންވިޔަސް މިކަން ބޮޑުނުވެ ނިމޭނީ އޭރުން، ގުބޭ ވެސް ނައްޓާލާ، އެކޮޅުން މައްސަލަ ކުރިއަށްދާ ގޮތުގެ އަޕްޑޭޓް މަޓޭ ދޭނެ."

"ދެން މިފޫ..." އާޤިބު ބުންޏެވެ.

"އަހަރެން ޓިކެޓު ހަމަޖައްސާފަ ކުރިން އޮންނާނީ، މިކަންތައްގަނޑު ކުރިއަށް ދާއިރު މިފޫ މިކޮޅުގަ ބަހައްޓާކަށް ބޭނުމެއްނޫން، އޭނާ ހޯދަން އެމީހުން އެންމެ ބޮޑު މަސައްކަތެއް ކުރާނީ... އެ ދެމީހުން އެކީ ފޮނުވާލަން އަހަރެން ނިންމީ، ކުރިން ވެސް ނިންމާފަ އޮތީ ދެމީހުން އެކީގަ ދާ ގޮތަށް." މުބީން ބުންޏެވެ.

"އެހާ ފަސޭހައިން އޭނާ ނުގެންދެވޭނެ." އާޤިބު ބުނެލިއެވެ.

"މަށަށް އެނގޭ، އޭނާ އެއްބަސްވާނެ، އެއްބަސްކުރުވާނޭ ގޮތް ވެސް މަށަށް އެނގޭ، މިކަން ނިމުމަކަށް އަންނާނީ އޭނާ ސައިޒުކުރެވިގެން." މުބީންގެ ނަޒަރު ދަތުރުކޮށްލީ މިފްރާހުގެ ކޮޓަރިއަށެވެ. އޭނާގެ ހިތަކު ކެންޒާގެ މައްޗަށް ރަޙުމެއްނެތެވެ. އެއަށްވުރެ އޭނާ ރުޅިގަދަވެފައި ހުރީ ކެންޒާގެ ސަބަބުން ބޯމަތިވެފައިވާ މުސީބާތުންނެވެ. މިފްރާހުގެ މައްޗަށް އެކަމުގެ ހިޔަނި އެޅުމުގެ ކުރީން މައިންބަފައިންގެ ގާތަށް އަނބުރާ ފޮނުވާލަން މުބީން ގަސްދުކުރީ އެހެންވެއެވެ. ކެންޒާއާ ނުލާ މިފްރާހު ފިޔަވަޅެއް ވެސް ނާޅާނޭކަން މުބީނަށް އެނގެއެވެ. ކޮއްކޮ ދިފާއުކުރުމުގައި އޭނާގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހޭނެކަން މުބީން ދެނަހުއްޓެވެ. ދުވަސްކޮޅަކަށް ކަންކަން މަޑުޖައްސާލަން މުބީނަށް މަޖުބޫރުވާނެއެވެ. އެހެންވިޔަސް އޭނާ އެ ހުރީ ދުރާލާ ތައްޔާރުވެގެންނެވެ.

އަރިއަކަށް އެނދުމަތީ އޮތް ކެންޒާގެ ރުއިމުގެ އަޑު ކޮޓަރިތެރޭގައި ވިއެވެ. ދެއަތް ފުރަގަހަށްލާ އައްސާފައި އޮތްއިރު، އަރިއަށް އޮވެއޮވެ އޭނާގެ ކަނާއަތް އިޙްސާސް ނުވާވަރު ވެއްޖެއެވެ. ލައިތުއަށް ދިން ހަމަލާގެ މަންޒަރުތައް ލޯ ކުރިމަތީ ތަކުރާރުވޭވޭ ހުރި ކަހަލައެވެ. އެފަދަ ބިރުވެރި މަންޒަރެއް ކެންޒާ ނުދެކެއެވެ. ހާސްވެ ބިރުގަތްވަރުން ނޭވާލާން ދަތިވެގެން ތެޅެންފެށުމުން ކެންޒާގެ އަނގައިގެ ތެރޭ އޮތް ސްކާފުގަނޑު މިފްރާހު ނައްޓުވާލިއެވެ. ކެންޒާ ކޮޅަށް ނަގަން އޭނާ އުޅުނެވެ. ނަމަވެސް ދެފައިން ކޮށްޕަމުން ކަހަލަ ގޮތަކަށް ކެންޒާ ޖެހުނީ އެނދުގެ ބިއްދޮށަށެވެ. އުނދަގުލުން ވިޔަސް އޭނާ އަނެއްފަރާތަށް އެނބުރުނީ މިފްރާހުގެ މޫނު ދުށުމަށް ވެސް ކެތްނުވެގެންނެވެ. މިހާލަތަށް އޭނާ ގެނައި މީހަކީ މިފްރާހެވެ.

* * * * *

ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ އިތުރުން ސެހްރާނާއެކު ހުރި ޖިނާނު ފެނި ހުރިހާ މެންބަރުންގެ ހިތްތައް މޮޅިވެގެންއައެވެ. އަސަދު ކޮބާތޯ މާމަ އެހުމުން ވާހަކަދެއްކީ ސެހްރާނެވެ. ޔާދިންގެ ގާތުގައި ވެއްޖެކަން ބުންޏެވެ. ލައިތުގެ ކިރިޔާ ދުނިޔޭގައި އޮތްކަމާއި އަދިވެސް ހެޔެއްނެތޭ ބުނިއިރު ސެހްރާނުގެ ލޮލުން ކަރުނައިގެ ތެތްކަން ފާޅުވެއެވެ. ފަރުޒީނަށް މޭގައި ކަނާއަތް ޖައްސާލެވުނީ ލިބުނު ޚަބަރު ޤަބޫލުނުކުރެވިގެންނެވެ. މުޅި ޢާއިލާއަށް ސިހުން ގެނުވައިފިއެވެ. ލައިތަށް ނޭނގުނަސް، އޭނާ ޤަބޫލުނުކުރި ނަމަވެސް އެ ޢާއިލާގެ ޚިއްޞާއެއްކަމުގައި އެއިން ކޮންމެ މެންބަރެއްވަނީ އޭނާ ބަލައިގެންފައެވެ. ނުހަނު މަތީ ދަރަޖައަކަށެވެ.

"ރޫމާން..." މަޑު އާޙެއް ފަދައިން ސަރަފީނާއަށް ބުނެވުނެވެ. ލައިތަށް ކަމެއްވެއްޖެނަމަ އަސަދަށް ވާނީ ކިހިނެއްކަން ސަރަފީނާއަށް ޔަގީންވަނީއެވެ. މިއަދާ ހަމައަށް ވެސް އަސަދަކީ އޭނާގެ ޢާއިލާދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. އެއްވެސް ކުއްޖަކަށް ތަފާތު ކުރުމެއްނެތިއެވެ. އެހެންވިޔަސް އެ ހިތުން އެކަކަށް ވެސް ނުހޯދޭނެ ފަދަ ޚާއްޞަކަމެއް ލައިތަށް ދެވިފައިވާކަން ސަރަފީނާއަށް އެނގެއެވެ.

"އަހަރެން ގެންދެބަލަ ލައިތު ކައިރިއަށް." ކަސްތޫރީ ބުނެލިއެވެ.

"އަދި އެކަކަށް ވެސް ނުވަދެވޭ." ސެހްރާނު ބުންޏެވެ.

ލައިރާ އައިސް ކޮއްކޮގެ ގައިގާ ހިފަހައްޓާލީ ހިތްވަރަށް އެދިގެންނެވެ. ކިހިނެއްތޯވީ އޭނާ ސުވާލު ކުރިއެވެ. އަނެއްކާ ވެސް ބަޔަކު ހަމަލާދިނީ ތޯ ލައިރާ އެއްސެވެ. ޖިނާނު ހުރީ ރުޅިގަދަވެފައެވެ. ހަޤީޤަތުގައި ދެރަވެގެން ގޮސް ރުޅި އާދެވުނީއެވެ. ލައިތާއި ޔާދިންއަށް އެވަރު ކުރި ބަޔަކު ހޯދެންވެއްޖެކަމުގައި ޖިނާނު ބުންޏެވެ. ޖިނާނުގެ އަނެއްފަރާތުން ފަރުޒީނު ގާތްވެލިއެވެ. އަޑުގަދަ ނުކުރާށޭ ބުނާ ފަދައިން ޖިނާނުގެ ކޮނޑާ ދިމާލުން ފަރުޒީނު ފިރުމާލިއެވެ.

"އާންޓީއަށް ޒިންބެ ފެނުންނަމަ އެނގޭނީ... މީހާ ލެއިން ފޯވެފަ، އަރިކައްޓާ ދިމާއިން މަސްގަނޑު ފޭވެފަ..."

"ނާނު..." ސެހްރާނު ކުއްލިއަކަށް ގޮވާލީ ބާރަށެވެ. އޭނާ ދެފަރާތަށް ބޯހޫރާލުމާއެކު އެތަނުގައި މާމަ ހުރިކަން ލޮލުން ދައްކާލިއެވެ. ލައިތަށް ވެފައި އޮތް ގޮތުގެ ވާހަކަ ނުދެއްކުމަށް އަސަދު ވެސް އޮތީ އެ ކުދީން ގާތު ބުނެފައެވެ. އޭރުން އެންމެންގެ ކަންބޮޑުވުން އިތުރުވާނޭތީއެވެ.

ޔާދިންގެ ކަނާތުފަޔާއި ވައަތުގައި ޕްލާސްޓަރު އަޅާފައި އޮތެވެ. ބޮލުގައި ބޭސްގަނޑެއް އަޅާފައި ހުރިއިރު ބުރަކަށީގައި ރަތްވެ ފިތްނަގާފައި ހުރި ތަންތަން މަދެއްނޫނެވެ. ލައިތުއާ ވަކިވީއްސުރެ އޭނާއަށް އެހެންކަމަކާ ނުވިސްނެއެވެ. ލައިތު ކިހިނެއްތޯ ކައިރީގަ ހުރި ބައްޕަ ގާތުން އޭނާ އަހާލާއިރު ރަނގަޅުވާނޭ ބުނެއެވެ. އެހެންވިޔަސް ރަނގަޅެއްނޫނޭ ޔާދިންގެ ހިތް ބުނަނީ އޭނާއަށް ލައިތަށް ވެފައި އޮތްވަރު ފެނިފައިވީމައެވެ. ސުޖާއުއާއި އަސަދު ވެސް ހުރެގެން ކަންތައްވީގޮތް ފުލުހުންނަށް ޔާދިން ކިޔައިދެމުންދިޔައެވެ. ދަރިފުޅު ފޮރުވަމުންދިޔަ ޖަޒުބާތުތައް އަސަދަށް ރަނގަޅަށް ފެނެއެވެ. ރަނގަޅަށް އޮތް އަތުން އެނދުގެ ގޮދަޑީގައި ހިފައި ޔާދިން ބާރުކުރަމުންދާއިރު އޭނާ ހުރިހާ ވާހަކައެއް ކިޔައި އެ ދެނީ ހިތްވަރަށްކަން އަސަދު ދެނެގަތެވެ. ދަރިފުޅުގެ ކޮނޑުގައި އަސަދު ހިފަހައްޓާލީ އެހެންވެއެވެ. ބައްޕަ ހުރީ ގާތުގައިކަމާއި ޔާދިންވަނީ އެ ބައްޕަގެ ރައްކާތެރިކަމުގައިކަން ޢަމަލުން އަސަދު ބުނެދިނެވެ.

ފުލުހުން ދިއުމުން ޔާދިން އެދުނީ ފާޚާނާއަށް ވަދެލަން ބޭނުންވާކަމެވެ. އެނދުން ތެދުވެލުމާއެކު ޔާދިންގެ ގައިގާ އަސަދު ހިފަހައްޓާލިއެވެ. ކޮރު ޖަހަމުން ފުރޮޅުލީ ގޮނޑީގައި ޔާދިން އިށީނެވެ. ފާޚާނާއާ ދިމާއަށް އޭނާ ގޮވައިގެން އަސަދު އައެވެ.

"އައި އޭމް ސޮރީ ޑޭޑް." އިސްޖެހިފައި އިނދެ ޔާދިން ބުނެލިއެވެ. ލައިތަށް ބޮޑަށް އަނިޔާވީ މީހުންގަނޑުގެ ތެރެއަށް ޔާދިން ވަނަނުދޭން ކުރި މަސައްކަތުގައެވެ. އޭނާ އެންމެ ފަހުވަގުތު ވެސް ޔާދިން ގާތު ސަލާމަތްކޮށްދޭކަށް ނުބުނެއެވެ. އޭގެ ބަދަލުގައި އަމިއްލަ ފުރާނަ ސަލާމަތްކުރުމަށް ކާރަށް އަރައި އެތަނުން ދިއުމަށް ޔާދިންއަށް ގޮވާލީއެވެ. ކާރާ ދިމާއަށް ޔާދިން ކޮށްޕާލިއިރު ވެސް ލައިތުގެ ހަށިގަނޑުން ލޭ އޮހޮރެން ފަށައިފިއެވެ.

"ކެންޒާ..." ޔާދިން ބުނަން މަސައްކަތްކުރިއެވެ. ނަމަވެސް ފާޚާނާކޮށްގެން އަވަހަށް ނުކުންނަން އަސަދު ބުނެލި ގޮތުން ޔާދިންގެ ވާހަކަ ހުއްޓުނީއެވެ.

ފާޚާނާއަށް ވަނުމާއެކު ދޮރުގައި ލެނގިލައިގެން ޔާދިންއަށް ހުރެވުނީއެވެ. ދެން މަޑުމަޑުން ލޯމަތީ ކަނާއަތްތިލަ އަޅައި ފޮރުވާލިއެވެ. އޭނާ ނުރޯން ވަރަށް ހިތްވަރުކޮށްފިއެވެ. އެހެންވިޔަސް އެ ދެ ލޮލަށް ކުޅަދާނަނުވީއެވެ. މޭގައި އަދިވެސް ހިތް ނެގިނެގިފައި ޖެހޭ ކަހަލައެވެ. ލައިތުގެ ހަށިގަނޑު ހިމޭންވަމުން އައިއިރު ޔާދިން ގޮތްހުސްވެފައިވިއެވެ. އެ މަންޒަރުތައް ސިފަވުމުން ޔާދިންނަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. ލޯމަތިން ނެގި އަތްތިލަ އަނގަމަތީ އަޅާލީ ފާޚާނާގެ ކައިރީ ހުރި ބައްޕައަށް އެ އަޑު އިވިދާނޭތީއެވެ. ބައްޕަގެ ހިމޭންކަމުގައިވީ ރިހުން ޔާދިންއަށް އިޙްސާސްވެއެވެ. ބައްޕަގެ ހިތް ރޯނޭވަރު ޔާދިންއަށް އެނގެއެވެ.

ފާޚާނާގެ ދޮރުފަތަށް އަސަދުގެ ނަޒަރު ހުއްޓިފައިވިއެވެ. ދޮރުފަތުގައި ޔާދިން ލެނގިލައިގެން ހުރިކަން ދޮރުގެ ތިރިން އަސަދަށް ފެންނަން ހުއްޓެވެ. ހަމައެއާއެކު ޔާދިން ސިއްރުކުރަން މަސައްކަތް ކުރި ނަމަވެސް ދަރިފުޅު ރޮނީކަން އަސަދުގެ ޚިއްޞުތައް ދެނެގަތެވެ. އިވިލާ ކުޑަކުޑަ އަޑުން ވެސް ޔާދިންގެ ހިތަށްކޮށްފައިވާ އަސަރު އަސަދަށް އިޙްސާސްވެއެވެ. ލައިތާއި ޔާދިންގެ ޚިޔާލު ތަފާތުވިޔަސް، އެ ދެބެންނަކީ ދެ ހަތުރުން ކަމުގައި ފެނުނަސް، އެއީ އަސަދުގެ ދަރީންނެވެ. އެ ލޭނގައި ފުރާނައަށް ފެންބޮވައި ގަންނަފަދަ ކިލަނބުކަމެއްނުވެއެވެ. އެ ދެބެންގެ ހިތުގައި އެކަކުއަނެކަކުގެ މައްޗަށް އޯގާތެރިކަމާއި ލޯބިވާކަން މިއަދު އޭނާއަށް އެބަފެނެއެވެ. ލައިތުގެ ހާލާމެދު ޔާދިން ރޮއެ ހިތާމަކުރާނޭ ހީކުރާނީ ކާކުހެއްޔެވެ. ޔާދިން ނުކުންނަންދެން އަސަދު ހިމޭންވެ ހުރީ އެވެ. އެއްފަހަރުވެސް ދަރިފުޅަށް ގޮވާ ނެރޭކަށް އޭނާ ގަސްދެއްނުކުރިއެވެ. ޚުދު އަސަދުގެ ހިތް ވެސް ވަނީ ރޯން ބޭނުންވެފައެވެ. އެހެންނަމަވެސް އޭނާ ކަރުނައިގަ ބަނދެވި ބަލިކަށިވެއްޖެނަމަ ޢާއިލާގެ ހާލަކީ ކޮބާ ހެއްޔެވެ. ފަރުތަމަ ވެސް އަސަދަށް ވިސްނާލެވުނީ ފަރުޒީނަށް ލައިތު ފެނިއްޖެނަމަ ވާނޭ ގޮތެވެ. އަސަދަށްވުރެ ވެސް ބޮޑަށް ލައިތައިގެން އުޅެނީ ފަރުޒީނެވެ. އެ ދަރިފުޅު މަންމަ ކަމުގައި ދުށްނަމަ އެމީހަކީ ފަރުޒީނެވެ. ދެން ހުރީ ސެހްރާނެވެ. ފެންނަ ފެނުމަށް ހަރުދަނާވެފައި ދޮށީ ލައިތުކަމަށް ހީވިޔަސް، ސެހްރާނު އަބަދުވެސް ލައިތަކީ ކޮއްކޮ ކަމުގައި ޤަބޫލުކުރެއެވެ. ލައިތާމެދު އޭނާ ޚާއްޞަ އިސްކަމެއް ދެއެވެ.

ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް އަސަދު ސިހުނެވެ. ނަމަވެސް އެކަން ނުދައްކާ އޭނާ ގޮނޑި ކައިރިކޮށްލިއެވެ. ޔާދިން އިށީނުމުން އެނބުރި އެނދު ކައިރިއަށް އައެވެ. ސުޖާއު އޭރު ވެސް ހުރިތަނުގައި ހުއްޓެވެ. ޢާއިލާ އައިސްތިބި ޚަބަރު ސުޖާއު ދިނެވެ. ބޭރުގައި އެންމެން އެބަތިބިކަން ބުންޏެވެ. ޔާދިން އިހުނަށްވުރެ ކަންބޮޑުވިއެވެ. ޢާއިލާއަށް ހުރިހާކަމެއް ކިޔާދޭން އަލުން އެވާހަކަތައް ދައްކަން ޖެހޭނެތީއެވެ. މިވަގުތު އޭނާގެ ހިތް އެދެނީ ލައިތު ދުށުމަށެވެ. އޭނާގެ ހާލު އަމިއްލަ ލޮލުން ދުށުމަށެވެ. ޑަކްޓަރުން ކަންތައްކުރާ ގޮތް ގާތުގައި ހުރެ ބެލުމަށެވެ. އޭނާއަކީ މޮޅު ޑަކްޓަރެކެވެ. ޢަމަލީގޮތުން ޑަކްޓަރެއްގެ ޒިންމާ އަދާކުރުން މެދުކަނޑާލާފައި ވިޔަސް އޭނާއަށް ލިބިފައި ހުރި ޢިލްމު ނެތިގެނެއް ނުދެއެވެ. ލައިތު ސަލާމަތްކުރުމުގައި މަސައްކަތްކުރާ ޓީމުގެ ތެރޭ އިސްކޮށް އޭނާ ހުންނަން ބޭނުމެވެ. ނަމަވެސް ޑަކްޓަރީ ފާސް އޮވެމެ އޭގެ ބޭނުމެއްނުކުރެވުނެވެ. މިވަގުތު އޭނާ ވެސް އެވަނީ ބަލިމީހާގެ މަޤާމުގައެވެ. ކެންޒާގެ ޚިޔާލު ހިތަށް އުނދަގޫކުރަން ފެށީ ދެނެވެ. ލައިތު ހޭއަރަންވާއިރަށް ކެންޒާ ހޯދާނޭ ޔާދިންގެ ޟަމީރު ބުނަންފެށިއެވެ.

"ބައްޕަ އެއްޗެކޭ ނުބުނީ ކެންއަށް ބްލޭމްކުރާތީތަ؟" ކުއްލިއަކަށް ޔާދިންގެ ހިތަށްވަނެވެ.

(ނުނިމޭ)