ރިޕޯޓް

ދަރިވަރުން މޫނު ބުރުގާ އެޅުމަކީ މައްސަލައެއްތަ؟

ބަޔަކު މީހުންނަށް އެކަން މައްސަލައަކަށްވެއްޖެހެން އެބަ ހީވެ އެވެ. އެއީ ދިރާސީ އާ އަހަރު ފެށިއިރު، ސްކޫލްތަކަށް ކިޔަވަން ދިޔަ ބައެއް ދަރިވަރުން މިއަދު މޫނު ބުރުގާ އަޅައިގެން ތިބީމަ އެވެ.

"ހަވީރު" ނޫހުން ޝާއިއުކޮށްފައިވާ އެއް ފޮޓޯ އަކީ މި ގޮތަށް ސޯޝަލް މީޑިއާގައި އެންމެ ބާރު މިނުގައި އެނބުރެމުންދާ އެއް ފޮޓޯ އެވެ. އޭގައި ފެންނަނީ އަހުމަދިއްޔާ ސްކޫލްގެ ދަރިވަރަކު އޭނާގެ "ބެލެނިވެރިޔަކާ" އެކު ހިނގާލާފައި ސްކޫލަށް ދާ މަންޒަރެވެ. ބެލެނިވެރިއެއްގެ ސިފައިގައި ހުރި އަންހެން މީހާ، ކަޅު ހެދުން ލައިގެން މޫނު ބުރުގާ އަޅައިގެން ހުރިއިރު ދަރިވަރު ވެސް ހުރީ "މޫނު ބުރުގާ" އަޅައިގެންނެވެ.

ނަމަވެސް އެ ދަރިވަރު މޫނު ބުރުގާ އަޅާފައި ވަނީ ޔުނީފޯމަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްގެނެއް ނޫނެވެ. ފެންނަ ފެނުމަށް މޫނު ނިވާކޮށްފައި ވަނީ ޔުނީފޯމުގެ ބޭރުން ބޭނުކޮށްފައިވާ ވަކި ފޮތިކޮޅަކުންނެވެ.

ކޮންމެއަކަސް މި ފޮޓޯފެނިގެން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް، މޫނު ބުރުގާއާ ދެކޮޅަށް ނުރުހުން ވެސް ފާޅުކުރަމުންނެވެ. ދަރިވަރުންނަށް އެގޮތަށް މޫނު ބުރުގާ އެޅިގެން ނުވާނެ ކަމަށް ބުނާ ބަޔަކު އަޑުގަދަކޮށްފައިވާއިރު ދަރިވަރުންނަށް މޫނު ބުރުގާ އެޅެން ޖެހޭނެ ކަމަށް ބުނާ ބަޔަކު ވެސް އެބަތިއްބެވެ.

އެކަމަކު، އޭގެ ކުރިން، އެންމެ ފުރަތަމަ އަހުމަދިއްޔާ ސްކޫލުން މި ވާހަކަ ފަށަމާ ހިނގާށެވެ. އެ ސްކޫލްގެ ދަރިވަރަކު ޔުނީފޯމުގައި "މޫނު ބުރުގާ" އަޅައިގެން މަގުމަތިން ފެނުނު ކަމަށް ބުނާ މައްސަލާގައި ސުވާލުކޮށްލުމުން އެ ސްކޫލުގެ ވެރިން ވިދާޅުވީ މޫނު ބުރުގާ އަކީ އެ ސްކޫލްގެ ޔުނޯފޯމުގެ ބަޔަކަށް ނުވާއިރު އެފަދަ ކަމެއް ހިނގާފާނެ ކަމަކަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގި ކަމުގެ މައުލޫމާތު ވެސް ލިބިފައި ނުވާ ކަމަށެވެ.

"އަހުމަދިއްޔާ ތެރެއަކުން ތި މަންޒަރެއް އަޅުގަނޑުމެންނެއް ނުދެކެން. ދަރިވަރަކު މޫނު ބުރުގާ އަޅައިގެން އަޔަސް އެ ދަރިވަރަކު ނެތް ސްކޫލަކަށް ވަދެފައި އެގޮތަކަށް. އަނެއްކޮޅުން އަހުމަދިއްޔާ ސްކޫލްގެ ޔުނީފޯމާ ހިލާފަކަށް އެއްވެސް ދަރިވަރަކަށް ސްކޫލަކަށް ނުވަދެވޭނެ،" ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ މިހެންނެވެ.

"އަހުމަދިއްޔާގެ ޔުނީފޯމަކީ މޫނު ބުރުގާ އެޅޭ ގޮތަށް ގަވާއިދުކޮށްފައިވާ ޔުނީފޯމެއް ނޫން. ހަމައެކަނި މި ޔުނީފޯމަކީ ބުރުގާ އާއި ބުރުގާ ނާޅާ ކުދިންނަށް ހާއްސަ ޔުނީފޯމެއް. މޫނު ބުރުގާ އެޅޭގޮތަކަށް ނޫން ގަވާއިދުކޮށްފައި ވަނީ."

މި މޭރުމުން ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ ދަރިވަރުންތަކެއް މޫނު ބުރުގާ އަޅަން ބޭނުންވިޔަސް އަދި އެފަދަ ފުރުސަތެއް ސްކޫލްގެ ޔުނީފޯމާ ބެހޭ ގަވާއިދުން ނުދޭ ކަމަށެވެ. އަދި އެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ފަދަ ގޮތެއް ހެދުމުގެ ވިސްނުން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ސްކޫލް ތެރޭގައި ދަރިވަރުން މޫނު ނިވާކޮށްގެން ތިބެން ޖެހޭ ކަމަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެހެންވީމަ މޫނު ބުރުގާ އަޅައިގެން އަންނަ ކުއްޖަކަށް އަހުމަދިއްޔާގެ ގޯތި ތެރެއަށް ވަނުމުގެ ފުރުސަތެއް ނުލިބޭނެ، އިނގޭތޯ،" ރަޝީދު ވިދާޅުވި އެވެ.

"މޫނު ބުރުގާ އަޅަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ލިބޭ ފަދަ ގޮތަކަށް ޔުނީފޯމަށް ބަދަލުތަކެއް ގެނައުމަކީ އަޅުގަނޑުމެން މިހާތަނަށް މަޝްވަރާވެސް ކޮށްފައިވާ ކަމެއް ނޫން. ސްކޫލް ތެރޭގައި މޫނު ނިވާކޮށްގެން އުޅުމުގެ ފުރުސަތު ދަރިވަރުންނަށް ދޭން ޖެހޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ވެސް ނުކުރެވޭ. އެފަދަ ފުރުސަތެއް ދޭކަށް ވެސް އަޅުގަނޑުމެން ނުވިސްނަން."

މިއީ މޫނު ބުރުގާ ޔުނީފޯމާ މެދު އަހުމަދިއްޔާ ސްކޫލްގެ އެންމެ އިސްވެރިޔާގެ ހިޔާލު ހުންނެވި ގޮތެވެ. އެހެންވީމަ އެ ސްކޫލްގެ ވާހަކަ ދެން އެއް ފަރާތެއްގައި ބާއްވަމާ ހިނގާށެވެ.

އަހުމަދިއްޔާ ސްކޫލްގެ ދަރިވަރަކު ޔުނީފޯމާ އެކު "މޫނު ބުރުގާ" އަޅައިގެން އުޅުނު މަންޒަރު އާންމުވެފައި ވިޔަސް މިކަން އަދި މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. އަހުމަދިއްޔާ އާއި އެހެން ސްކޫލްތަކުގެ ގިނަ އަންހެން ދަރިވަރުންތަކެއް ޔުނީފޯމާ އެކު މޫނު ބުރުގާ އަޅަން ބާރު އަޅަނީކީއެއް ވެސް ނޫނެވެ.

ނަމަވެސް ދަރިވަރުންގެ ޔުނީފޯމާއި މި މައްސަލަ އޮތީ ކުރިން ވެސް ހިލިފަ އެވެ. އަދި މޫނު ބުރުގާ އަޅައިގެން ދަރިވަރަކު ކިޔަވަން ދިޔަ މައްސަލައެއް ވެސް މިފަހުން ހޫނުވެފައިވެ އެވެ.

އެއީ މޫނު ބުރުގާ އަޅައިގެން ކުއްލިއްޔާ އަށް ކިޔަވަން ދިޔަ ގއ. ދާންދޫ، ބީޗްވިލާ، މެހެނާޒް ހުސެއިންގެ މައްސަލަ އެވެ. އޭނާގެ މައްސަލަ 2012 ވަނަ އަހަރު ފަލަ ސުރުހީތަކަށް އެރީ، މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިޔުމުން ކުއްލިއްޔާ އިން އޭނާ ބޭރުކޮށްލުމުންނެވެ.

އެ ހިސާބުން އޭނާ އެ މައްސަލަ ކޯޓަށް ވެއްދީ، މޫނު ބުރުގާ އަޅައިގެން ކުއްލިއްޔާ އަށް ކިޔަވަން ނުދެވޭ ގޮތަށް އޮތް ގަވާއިދުގެ އެ މާއްދާ ބާތިލުކޮށް ދިނުމަށް އެދި އެވެ. އެމީހުން ޝަކުވާކުރީ، މޫނު ބުރުގާ އެޅުމަކީ އިންސާނީ ހައްގުތަކުގެ ތެރެއިން ހައްގަކަށްވާއިރު އެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށް ބުނެ އެވެ.

އެންމެފަހުން އެ މައްސަލަ ކޯޓުން ނިންމާލީ، ފިއްތުންތަކާ ގުޅިގެން ކުއްލިއްޔާގެ ގަވާއިދު އިސްލާހުކޮށް މޫނު ބުރުގާ އަޅައިގެން ވެސް ދަރިވަރުންނަށް ސްކޫލަށް ދެވޭނެ ކަމަށް ކަނޑައެޅުމުންނެވެ.

އެހެންވީމަ އެންމެފަހުން ކުއްލިއްޔާގެ މައްސަލަ ނިމިގެން ދިޔައީ މޫނު ބުރުގާ އަށް ކުރި ލިބިގެންނެވެ. ނަމަވެސް އެއީ ޔޫނީފޯމް ކަނޑައެޅިފައިވާ ސްކޫލެއް ނޫނެވެ. ބަޔަކު ފިއްތުންތަކެއް ކުރިމަތިކޮށްގެން އެންމެފަހުން ހެދުން އަޅަން ޖެހޭ ގަވާއިދުން، މޫނު ބުރުގާއާ ދެކޮޅު ބާބު އުނިކޮށްލީ އެވެ. 

މިހާރު އިންޓަނޭޝަނަލް ސްކޫލެއްގެ ތައްގަނޑު ޖަހާފައިވާ އަހުމަދިއްޔާ ސްކޫލުން އެ ބުނަނީ މޫނު ބުރުގާ އަށް އެ މީހުން އަވަސް މުސްތަގުބަލެއްގައި ފުރުސަތު ނުދޭނެ ކަމަށެވެ. މިފަދަ ފިކުރުތަކެއް ސްކޫލްތަކުގެ އެންމެ އިސްވެރިންގެ ކިބައިގައި ހުރި ނަމަ ސްކޫލްތަކަށް ކިޔަވަންދާ ކުދިންގެ ތެރެއިން ޔުނީފޯމާ އެކު މޫނު ބުރުގާ އަޅަން ބޭނުންވާ ދަރިވަރުންނަކަށް އެ ފުރުސަތެއް ނުލިބޭނެ އެވެ.

ސަބަބަކީ ސްކޫލްގެ ޔުނީފޯމްގެ ފުރަތަމަ މަރުހަލާގެ ގޮތް ކަނޑައެޅުމުގެ ހުރިހާ ބާރެއް މި އޮންނަނީ ސްކޫލްތަކަށް ކަމަށްވާތީ އެވެ. މުޖުތަމައުގެ މިންގަނޑާއި އުސޫލުތަކާ ގުޅޭ ގޮތަށް އަދި ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ފަސޭހަވާނެ ފަދަ ގޮތަކަށް ޔުނީފޯމް ޑިޒައިންކޮށް ހުރިހާ ކަމެއް މި ކުރަނީ ސްކޫލްތަކުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީސް މި ޔުނީފޯމުތަކަށް ފެހި ސިގްނަލް ދެނީ އެއަށް ފަހު އަޅާކިޔާ ކިޔުމަކަށް ބަލައިގެންނެވެ. ކޮންމެއަކަސް ފާހަގަކޮށްލަން ޖެހެނީ، ސްކޫލްތަކުން މޫނު ބުރުގާ އަށް ފުރުސަތު ނުދޭ ނަމަ އެޑިއުކޭޝަނަށް ވެސް ކުރެވޭނެ ވަކި މާ ބޮޑު ކަމެއް މީގައި ނެތް ކަމެވެ.

ދެން އޮތީ ދަރިވަރުންނާއި ބެލެނިވެރިންގެ ބާރެވެ. އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރެއް ކަމުގައިވާ އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ، ޔުނީފޯމާ އެކު ދަރިވަރުންނަށް މޫނު ބުރުގާ ނޭޅިގެން ނުވަތަ ޔުނީފޯމާ އެކު މޫނު ބުރުގާ އަޅަން ބޭނުން ވެގެން ވެސް، އެއްވެސް ކަހަލަ ޝަކުވާއެއް މިހާތަނަށް ލިބިފައި ނެތް ކަމަށެވެ.