ހަބަރު

މީ މުޅި ދައުލަތަށް ދިން ހަމަލާއެއް، މައްސަލައިގެ އެންމެ ފުނަށް ފީނާނަން: އޭޖީ

  • ހަމަލާގެ ހަގީގަތް ނުހޯދިއްޖެ ނަމަ އެއީ ބިރެއް
  • ތަހުގީގަށް ފުރުސަތު ދޭން ޖެހޭ
  • ތަހުގީގު ގެންދަނީ ކަމަށް އެންމެ ގާބިލް ބޭފުޅުން

ރައީސްއަށް އަމާޒުކޮށްގެން އެމަނިކުފާނުގެ ލޯންޗްކޮޅުގައި ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ކޮށް އެ ހަމަލާގެ އެންމެ ފުންމިނަށް ފީނުމަކީ މި ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭ މައްސަލަ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިރޭ ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަނިލް ވިދާޅުވީ ރައީސްގެ ލޯންޗްކޮޅުގައި ދިން ހަމަލާ އަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި އެއް އުދުވާނީ ހަމަލާ ކަމަށެވެ. އަނިލް ވިދާޅުވީ ރައީސް އަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ވާއިރު ސީދާ ރައީސްއަށް އަމާޒުކޮށް ހަމަލާއެއް ދިނުމަކީ މުޅި ދައުލަތް ނައްތާލުމަށް ބަޔަކު ރާވައިގެން ދިން ފިޑި ހަމަލާއެއް ކަމަށެވެ. އަނިލް ވިދާޅުވީ އެއީ އެންމެ މީހަކު ހަމަ ހުރެފައި އެކަނިމާ އެކަނި ރައީސްއަށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ އެތައް ބަޔަކު ގުޅިގެން އޭގައި އެތައް މަގުސަދުތަކެއް ހިމެނިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އެ ހަމަލާގެ އެންމެ ފުންމިނަށް މައްސަލަ ތަހުގީގު ކުރުމަށް ކަން ފާހަގަ ކުރައްވަމުން އަނިލް ވިދާޅުވީ ހަމަލާގެ ހަގީގަތް ނުހޯދިއްޖެ ނަމަ އެއީ މުޅި ދައުލަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށެވެ. އެކަމާ ގުޅިގެން އިންކްއަރީ ކޮމިޝަނާއި ތަހުގީގީ އިދާރާތައް ކުރަމުން އަންނަ މަސައްކަތުގައި ނުފޮރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"މި ތަހުގީގުގައި މި ދައުލަތުގައި ތިބި އެންމެ ގާބިލް ބޭފުޅުން އެބަ ހަރަކާތްތެރިވެ ވަޑައިގަންނަވާ. އެބޭފުޅުން މި އަންނަނީ ބޭރުގެ އެހީތެރިކަމާއި މި ދައުލަތުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އޭގެ އެންމެ ފުންމިނަށް ދިޔުމަށް މަސައްކަތް ކުރަމުން. މީގެ އެންމެ ފުންމިނަށް ދިޔުމަށް ރައީސް އިންކްއަރީ ކޮމިޝަނެއް އެކުލަވާ ލައްވައިގެން މި ތަހުގީގު މި ކުރަނީ. މިކަމުގައި ލިބެން ހުރި ލީޑުތަކުގެ ފަހަތުން ގޮސް އެކަން ރަނގަޅަށް އެބޭފުޅުން ބައްލަވަމުން އެ ގެންދަވަނީ. އަދި ވަކި ގޮތެއް ނިންމެވިއްޔަކީ ނޫން. މި ހަމަލާގެ އެންމެ ފުނަށް ތަހުގީގުގައި މި ސަރުކާރުން ދާނެ. އެއަށް ފަހު އޭގައި ފިޔަވަޅުތަކެއް އަޅާނީ،" އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަމަލާގައި ބަޔަކު އިހުމާލުވީ ކިހާ މިންވަރަކަށް ތޯ އާއި ޕްރޮޓޮކޯލްތައް ގިރާކޮށްފައި ބަޔަކު މިފަދަ ހަމަލާއެއް ރޭވި ގޮތާއި އެކަން ކުރި ބައެއްގެ މަގުސަދާއި އެ މީހުން ގުޅިފައިވާ މީހުންނާއި އެކަން ރޭވި ހަގީގީ މީހުންނަކީ ކޮބައިކަން އިނގޭނީ ތަހުގީގުތައް ނިމުންނެވެ. އަދި ތަހުގީގުތަކެއް ނުކޮށް ހަމައެކަނި ސޯޝަލް މީޑިއާގައި ވިހާ ވާހަކަތަކުގެ މައްޗަށް ބަލައިގެން މި ސަރުކާރުން ފިޔަވަޅުތަކެއް ނާޅާނެ ކަމަށް އަނިލް ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުންނާއި އާންމު ރައްޔިތުން ވެސް މި ހަމަލާގެ ތަހުގީގު ކުރުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭން ޖެހޭ ކަމަށް އަނިލް ވިދާޅުވި އެވެ. މީގެ ހަގީގަތް ހޯދުމަކީ އެންމެ ދުވަހަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އާންމު ރައްޔިތަކަށް ވެސް އަދި އެހެން ފަރާތަކަށް ވެސް ހަމަލާޔާ ގުޅުން ހުރި ނޫނީ ޝައްކު ކުރެވޭ މައުލޫމާތެއް ލިބިފައި އޮތް ނަމަ ތަހުގީގީ އިދާރާތަކަށް މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އަނިލް މިރޭ އެދިވަޑައިގެންނެވި އެވެ.

"ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނަސް އެކި ގޮތްގޮތަށް އިނގިލި ދިއްކުރެވުނަސް ސަރުކާރުން އެއީ ބަލާ ކަންކަމެއް ނޫން. ތަހުގީގުގައި ކަން ކުރާ މި ގޮތަކީ އެކަމަސް ބޭނުންވާ އެކަށީގެންވާ ހެކި ހޯދުމުގެ މަސައްކަތް ކުރިއަށް މި ގެންދަނީ. އޭރުން އޭގެ އަސްލު ހޯދޭނީ. މިއީ ރާއްޖޭގެ ސަލާމަތަށް ޓަކައި ކުރަން ޖެހޭ ކަމެއް. އެކަމަށް އެބަ ޖެހޭ ފުރިހަމަ ތަހުގީގަކަށް ފުރުސަތު ދޭން. ސަރުކާރުން މި ކުރާ ކަމަކީ މިފަދަ ހަމަލާއެއް ތަކުރާރު ވިޔަ ނުދިނުމަށް މީގެ ހަގީގަތް ހޯދުން،" އަނިލް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތްކަން މި ހަލަމާގެ ސަބަބުން ހާމަވާ ކަމަށް އަނިލް ވިދާޅުވި އެވެ. މި ހަމަލާޔަށް ފަހުވެސް އަދި މިކަމާ ގުޅިގެން ތަހުގީގުތަކަށް އެހީތެރިވުމަށް ވެސް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް މި ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަން އަނިލް ފާހަގަ ކުރެއްވި އެވެ. އެގޮތުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމުގެ ބިލް މަޖިލީހުން ނިންމައި ދެއްވުމަށް އަނިލް މަޖިލީހަށް ގޮވާލެއްވި އެވެ. އޭނާ ވަނީ މިހަމަލާގެ ތަހުގީގު ކުރިއަށް ގެންދިޔުމުގައި ޖިނާއީ އަދުލުގެ ނިޒާމްގައި ހުރި ހުރިހާ މުއައްސަސާތަކުން ފުރިހަމަޔަށް ސަރުކާރަށް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފަ އެވެ.

"ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މިހިރަ ހުރިހާ ފަރާތްތަކެއް ގުޅިގެން މި ތަހުގީގު އަޅުގަނޑުމެންނަށް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް. މީގައި ހިމެނޭ ހުރިހާ މައުލޫމާތުތަކެއް ހާމަ ކުރެވޭނީ ތަހުގީގު ނިމުމުންކަން ރައްޔިތުން ގަބޫލު ކުރައްވަން ޖެހޭ. މިހާތަނަށް ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަ ކުރަމުން ސަރުކާރުން މި ގެންދަނީ. މިއީ އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެ މާ ބޮޑު އަދި ފުނަށް ފީނަން ޖެހޭ މައްސަލައެއް،" އަނިލް ވިދާޅުވި އެވެ.