ހަބަރު

ރެޒިޑެންޓް ވިސާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފަތުރަން ގޮވާލައިފި

ކޯޕަރޭޓް ރެސިޑެންޓް ވިސާއާބެހޭ ގޮތުން ދޮގު ވާހަކަތައް ނުފެތުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ކަމަށެވެ.

އިމިގްރޭޝަން ގާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން އޭޕްރީލް 27، 2015 ގައެވެ. އެ ގަވާއިދާއި އެކު، ކޯޕަރޭޓް ރެސިޑެންޓް ވިސާއާ ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި، ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސާވިސް ފަދަ ހިދުމަތްތައް ޕްރޮމޯޓު ކުރަމުން އެދުވަސްވަރު އައިސްފައިވާ ކަމަށާ އެ އިނާޔަތްތައް، ކޯޕަރޭޓް ރެސިޑެންޓް ވިސާއާ ގުޅުވައިގެން ދިނުމަކީ، މި ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިމިގްރޭޝަން ގާނޫނަށް ގެނެވުނު އިސްލާހު ގެޒެޓުކުރެވުމުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޫކުރާނީ އެ އިސްލާހުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ގާނޫނުގެ ދަށުން ރަޖިސްޓްރާ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުން ކަމަށްވެސް ބުންޏެވެ. މި އިސްލާހުގައިވާ ގޮތުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްތަކަށާއި ދިވެހިރާއްޖޭގެ ބޭންކެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، މަދުވެގެން 250,000 އެމެރިކާ ޑޮލަރު ދިވެހިރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ފަސް އަހަރުން އައު ކުރެވޭނެ ގޮތަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހެއެވެ.

މި އިސްލާހަށް އަމަލުކުރަން ފެށުމުން ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން ޓޫރިސްޓު ވިސާގައި އައިސް ވިޔަފާރިއާބެހޭ ކަންތައްތައް ކުރުމުގެ ބަދަލުގައި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ކުރުމުން ކޯޕަރޭޓް ރެސިޑެންޓް ވިސާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި ކުރިއެކޭ އެއްގޮތަށް ރާއްޖޭގައި އަލަށް ވިޔަފާރިކުރުމަށް އެދޭ ކޮންމެ ފަރާތަކުންވެސް ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓަރީ ކުރުމަށް ލާޒިމުވާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަީ ދިވެހިރައްޔިތުންގެ އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ތައާރަފުކޮށްފައިވާ ކަމަށް ބުނެ، މައުލޫމާތު ދެމުންދާތީ ކޯޕަރޭޓް ރެސިޑެންޓް ވިސާއާބެހޭ ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.