ރައީސަކަށް ހުންނަ މީހަކަށް ހުރިހާ ކުށަކަށް މައާފު ނުދެވޭނެ ކަމަށާއި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމާމެދު ގޮތެއް ނިންމަވާނީ ސުޕްރީމް ކޯޓުގެ މަރުހަލާއަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމްގައި ރައީސް ޔާމިން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކާ އެކު އެއްވެސް އެއްބަސްވުމެއް ހައްދަވާފާނަންތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ރައީސަކަށް ހުންނަ މީހަކަށް ހުރިހާ ކުށަކަށް މައާފް ނުދެވޭނެ ކަމަށެވެ.
އަދި ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ މީހަކާ ދޭތެރޭ އަމަލު ކުރަމުންދާ ގޮތް ގާނޫނުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީނާއި ދޭތެރޭ ގޮތެއް ނިންމަވަން އެނގިވަޑައިގަންނަވާނީ ސުޕްރީމް ކޯޓުގެ މަރުހަލާއަށް ފަހު ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަތަކުގައި ރައީސް ޔާމީނަށް ވަނީ ދައުވާތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން މަނީލޯންޑްރިންގެ ދައުވާގެ ކުށް ސާބިތު އެމަނިކުފާނު މިހާރު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މި ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއާއި އަވަށްޓެރި އެހެން ގައުމަތަކާއި ދެމެދު އޮތް ގުޅުން ކަނޑާލުމަކީ ރައީސް ޔާމިން ކުރެއްވި ވަރަށް ގޯސް ކަމެއް ކަމަށެވެ. އަދި ބޭރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކު ގުޅުން ކަނޑާލުމަކީ ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކުރެއްވި ކަމެއް ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ އާއި ރާއްޖެއާއި އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ހީނަރުވެގެން ގޮސްފަ އެވެ.