ހަބަރު

ނޫސްވެރިން ޒިންމާދާރުވާން ރައީސްގެ އިލްތިމާސް

Nov 11, 2020

ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ގައުމުގެ މިސްރާބު ކޮންމެގޮތަކަށްވެސް ބަދަލުކޮށްލެވިދާނެފަދަ ބާރެއް ކަމަށާއި، އެ ބާރު ޒިންމާދާރު ގޮތެއްގައި ބޭނުންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ހައްގުތަކެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ގައުމުގެ މިސްރާބު ކޮންމެގޮތަކަށްވެސް ބަދަލުކޮށްލެވިދާނެފަދަ ބާރެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ހަމަނުޖެހުމެއްގެ ތެރެއަށްވެސް ވައްޓާލެވިދާނެ. ހަމަޖެހުމާއި ސުލްހަ މަސަލަސްކަންވެސް ގައުމުގައި ފަތުރާލެވިދާނެ،" ނޫސްވެރިކަމުގެ ބާރަށް އަލިއަޅުވައިލައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ހަގީގަތް ހާމަކުރުމަށް އިސްކަންދީގެންކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.

ވަރަށް ގިނަ ދާއިރާތަކަށް އަލި އަޅުއްވާލެއްވި ހިތާބުގައި ރައީސް ވަނީ ކޮވިޑް-19 އިގެ ދަތި ހާލަތުގެ ތެރެއިން ވެސް އަންނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް، އިގުތިސޯދީ ދަތިކަމުން އަރައިގަތުމާ ދިމާލަށް ގައުމުގެ ގެންދަވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އަދި ރައީސްކަމުގައި ހުންނެވިހާ ދުވަހަކު ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު މިއަދުވެސް ދެއްވި އެވެ.