(އަށްވަނަ ބައި)
މިކާޝްގެ ކަނާތު ކުޑަވައި އިނގިލި ހިއްލައިލިއެވެ. އެ އިނގިލި މަޑުމަޑުން ދިގުވަމުން ދިގުވަމުން ދިޔައެވެ. ބަލައިބެލުމަށް ވައްތަރީ ރޮބަޓެއްގެ އިނގިއްޔަކާއެވެ. އިނގިލި ފެންނަނީ ވެސް އޮފުއަރާ އެލްމިނިއަމް ކުލައިންނެވެ. އެއާއެކު އިނގިލީގެ ކުރިން ފަލަ ދިގުކަށްޓެއް ނިކުތެވެ. މަޑުމަޑުން އައިޝަމްގެ ބުރަކަށްޓާ ދިމާއަށް އިނގިލި ކައިރިކޮށްލިއެވެ. އެއާއެކު ގެނައި ކުއްލި ހަރަކާތަކާއެކު އެ އިނގިލި އައިޝަމްގެ މައިބަދައަށް ހަރައިލިއެވެ.
ވީތަދުން އައިޝަމަށް މިކާޝް ފޮޅުވާލެވުނެވެ. ބާރުބާރަށް މިކާޝް ފަހަތަށް ކޮށްޕައިލެވުނެވެ.
މިކާޝް ވެސް ހުޝިޔާރެވެ. ދެ މީހުން ދެމީހުންނަށް ތަޅަމުން ފޮޅަމުން ދިޔައެވެ. އެކަކު އަނެއްކަކަށް ދޫދޭކަށް ބޭނުމެއް ނުވެއެވެ. ވައިގެ ތެރޭގައި އެކަކު އަނެއްކު ގައިގައި އޮޅުލަމުންނެވެ. މިކާޝް ވެސް ދޫކުރާކަށް ބޭނުމެއްނުވެއެވެ. ހީވަނީ ކަރާޓީ ފިލްމެއްގެ މަންޒަރެއް ސިފަވާހެންނެވެ. އެއްފަހަރަކުވައިގެ ތެރޭގައި އެކަކު އަނެއްކު ގައިގައި އޮޅުލަމުންނެވެ. ގިނަފަހަރު ކުރި ލިބެނީ އައިޝަމަށެވެ. އެއްފަހަރަކު މިކާޝްގެ މޫނުމަތީގައި އައިޝަމް ޖެހުމުން ތުންފަތް ފަޅައިގެން ދިޔައެވެ. ތުންފަތް ފަޅައިގެން ދިޔަތަނުން ލޭތައް ކަނިޖަހައިލާ ތިރިއަށް ސޮހިގަތެވެ. ނަމަވެސް ބަލަބަލައި ހުއްޓާ ޒަހަމުވިތަން ބެދިގެން ގޮސް ލޭމަނާވެގެން ދިޔައެވެ.
އެހެންވެ އައިޝަމް ގާތަށް ރުޅިއައެވެ. މިކާޝް ވެސް ރައްދުދިނުމަށް ތައްޔާރުވިއެވެ. އޭރުވެސް އެމީހުން ތިބީ ކުރިން ވަށައިލެވުނު ކަޅުކަން ގަދަ ފޮތިގަނޑުގެ ތެރޭގައެވެ. ކުރިން ވެސް އަރަމުން ދިޔަ ހިމަ ދިގު ރޮނގުތައް އެ ފޮތިގަނޑުން ތިރިން މައްޗަށް އަރައަރައި ހުއްޓެވެ. އެއާއެކު ކަޅު ވިލާގަނޑުތައް ފަދައިން ދުންތައް އެމީހުން ވަށައިގެން ހަރަކާތްކުރަމުން ދިޔައެވެ.
އައިޝަމް ދަތްކުނޑި ވިކައިގަތުމަށްފަހު މިކާޝްއާ ދިމާއަށް މިސްރާބު ޖެހިއެވެ. މީހާގެ މޫނުމަތިން ރުޅިވެރިކަމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. އެއާއެކު ބާރުބާރަށް އޭނާއަށް ހަޅޭއްލަވާ ގަނެވުނެވެ. މިކާޝް ކަންފަތަށް އުނދަގޫވެގެން ފަހަތަށް ޖެހިލެވުނެވެ. އޭނާ މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފޮތިގަނޑުގައި ޖެހުނެވެ. އެހެންވެ ހުއްޓުން އަރައިފައި ތުންފަތަށް ލާނެތް ހިނިތުންވުމެއް ގެނުވައިލިއެވެ. ހަމަޖެހިލައިގެން މަޑުމަޑުން މަޑުކޮށްލިއެވެ.
އޭރު އައިޝަމް ބާރު ސްޕީޑުގައި އަންނަ މަންޒަރު ފެނެއެވެ. އައިޝަމްގެ އަމާޒަކީ ސީދާ މިކާޝްއެވެ. އޭނާ ގައިގާ ހުރި ބާރެއްލައިފައި އައިސް މިކާޝް ފޫދުއްވާލަން ބޭނުންވާ ކަހަލައެވެ. މިކާޝް މާ ހުޝިޔާރެވެ. އައިޝަމްގެ ކިބައިން އޭނާ ރެކިގަތެވެ. އޭރު އައިޝަމް އޮތީ ފޮތިގަނޑުގެ ތެރެއަށް މޫނުވަނުމުގެ ސަބަބުން ހަރަކާތްތައް ހުއްޓިފައެވެ. މިކާޝް ގެނައި ކުއްލި ހަރަކާތަކާއެކު އެ ބިޔަ ފޮތިގަނޑުން އައިޝަމް ވަށައިގެން ބަނދެލިއެވެ. އޭނާގެ މޫނު އެކަނި ފެންނާނެހެން މުޅި ގައިގައި ފޮތިގަނޑު އޮޅައިލިއެވެ. އޭރުވެސް އެ ހިމަ ދިގު ރޮނގުތައް ފޮތިގަނޑުގައިވާ ޖީބުތަކުން ތިރިން މައްޗަށް އަރަމުން ދިޔައެވެ.
މިކާޝް ބާރު ސްޕީޑުގައި ގޮސް އައިޝަމްގެ ދެ ކޮނޑުގައި ފައިޖައްސައިލަމުން އައިޝަމްގެ މޫނުގައި ދެ އަތުން ތަޅަށްފެށިއެވެ. ތަޅައިތަޅައި ގޮސް އައިޝަމްގެ ތުންފަތް ފަޅައިލިއެވެ. އޭނާގެ ކޯތާފަތްމަތި ޒަހަމުވަމުން ދިޔައެވެ. ލޭތަށް ފޮތިގަނޑަށް އެޅެމުންދިޔައެވެ. އޭރު ފޮތިގަނޑު އޮތީ ސުނާމީ ބިނާ ސަރަހައްދުގެ މަތީގައި ފަޒާގެ ތެރޭގައި ފަންސާހަކަށް ފޫޓުމަތީގައެވެ.
މަންޒަރު ބަލަންހުރި އައިރީނަށް ކަމެއް ހަނދާންވުމުން އަތްނަގައި މައްޗަށް ދިއްކޮށްލިއެވެ. އޭރު އޭނާގެ އަނގޮޓިން ފާޑެއްގެ ރެނދަން ކަންޏެއް އަރައި ފޮތިގަނޑާ ދިމާއަށް އެ އަލިކަން ދަތުރުކުރަމުން ދިޔައެވެ. ފޮތިގަނޑުގައި އަލިކަން ޖެހުމާއެކު މިކާޝް ސިހިފައި ތިރިއަށް ބަލައިލިއެވެ. ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު އައިޝަމް ފޮތިގަނޑުގެ ތެރެއިން ވީއްލިގަތެވެ. އެއާއެކު އައިޝަމް ތިރިއަށް ވެއްޓިގެން ވައިގެ ތެރޭގައި އެނބުރެމުން އެނބުރެމުން ދިޔައެވެ. އައިޝަމް ގޮސް ޖެހުނީ ސުނާމީ ބިނާ މައިޒާނަށް ވަންނަ ދިމާއަށެވެ. އައިޝަމްގެ ހުވާހެއް ނެތެވެ. މުޅިމޫނުގައިވަނީ ޒަހަމުތަކެވެ. ޒަހަމުތަކުން ލޭތަށް ފައިބަމުން ދިޔައެވެ.
އައިރީން ސުނާމީ ބިނާގެ ބުރުތެރެއިން ބޭރަށް ދުއްވައިގަތެވެ. އެއާއެކު އަނގޮޓިން ފޭދެމުން ދިޔަ އަލިކަން ކެނޑުނެވެ.
މިކާޝް އަވަސްއަވަހަށް ތިރިއަށް ފޭބިއެވެ. އޭރު ފޮތިގަނޑުފެންނާކަށް ނެތެވެ. އެ އޮފު ކަޅު ހެދުމުގައި މިކާޝް ފެންނަނީ ނުހަނު ޗާލުކޮށެވެ. ގައިގެ ވަނާތައް ހާމަވާހާ ބާރު އެ ހެދުމުގައި އޭނާގެ ރީތިކަން އިންތިހާކުރުވައެވެ. އޮފުކަން ގަދަ އެހެދުމުގައި ދިގު ކަށްޓެއްލީ ބޫޓަކަށް އަރައިގެންހުރި މިކާޝް ރަނޑުގޮތަކަށް އަވަސް ހިނގުމެއްގައި، އައިޝަމާ ދިމާއަށް އަންނަމުން ދިޔައެވެ. މިކާޝް ގޮސް ހުއްޓުނީ އައިޝަމްގެ ލަކުނުތައްލީ ފައި ކައިރީގައެވެ. މަޑުމަޑުން އައިޝަމްގެ ޖީންސްގެ ފައިކުރި މައްޗަށް ހިއްލައިލިއެވެ. އައިޝަމްގެ ފައިގައިވާ ތިން ލަކުނަށް ހުޝިޔާރުކަމާއެކު ބަލައިލިއެވެ. މަޑުމަޑުން ކަނާތްނަގައި އެއްލަކުނުގެ ތެރެއަށް ޝަހާދަތް އިނގިލި ކޮށްޕައިލިއެވެ. އެއާއެކު ނޫކުލައިގެ އަލިކަމަކުން އައިޝަމްގެ ފައިގައި ލަކުނުތައް ހިމެނޭ ސަރަހައްދު ދިއްލުނެވެ. މިކާޝް ގެނައި ކުއްލި ހަރަކާތްތަކަކާއެކު ލަކުނު ތެރެއިން ހުދުކުލައިގެ ދިރޭ އެއްޗެއް ނުކުންނަށް ފެށިއެވެ. ޖެލީގަނޑެއްހެން އޮތް ހިމަ ދިގު ފައިތަކެއް ހިމެނޭ އެއްޗެކެވެ. ފައިތައް ބަރަނިފަށެއް ހައި ހިމައެވެ. ކޮންމެ ފަޔެއްގެ ކޮޅުން ވަކިން ހަރަކާތްކުރަމުން ދިޔައެވެ. ހުރިހާ ފައިތަކެއް ވެސް ވަނީ ދިއްލިފައެވެ. އޭނާމަޑުމަޑުން ސޫތްޕެއްފަދަ އެ ހުދުކުލައިގެ ޖެލީގަނޑު ނަގައި އަތުގައި އޮތް ފޮށީގެ ތެރެއަށްލިއެވެ. އެއާއެކު ދެވަނަ ލަކުނުގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ.
އޭރު އައިރީންނަށް އެހައި ހިސާބަށް އާދެވުނީއެވެ. އައިރީން ބަލައިކަށް ނުހުރެ މިކާޝްއާ ދިމާއަށް އަނގޮޓީގެ އެސް ދިމާކޮށްލިއެވެ. ލިބުނު ކުއްލި ސިހުމާއެކު މިކާޝްއަށް ތެޅި ގަނެވުނެވެ. ކުއްލިއަކަށް ގެނައި ހަރަކާތްތަކާއެކު މިކާޝް ހުޅުލެއާ ވީކޮޅަށް މިސްރާބު ޖެހިއެވެ. އެއާއެކު މިކާޝް ފަޒާގެ ތެރެއިން ލޮލުކޮޅަށް ގެއްލިގެން ދިޔައެވެ.
އައިރީން އަވަސްއަވަހަށް އައިޝަމްގެ ގާތަށް ތިރިވެލިއެވެ.
އޭރު އައީޝަމްގެ ހުވާހެއް ނެތެވެ. އައިޝަމް އޮތީ ގާތަކު މައްޗަށް ވެއްޓިފައެވެ. މޫނުމަތި ވަނީ ނޫފާ ގެންފައެވެ. ލޯކައިރި ވެސް ވަނީ ކަލުވެފައެވެ. ދެ ލޯ ވަނީ ކުޑަކޮށް ހުޅުވިފައެވެ. ހިސާބަކަށް ކަރުނަ ހިލިފައެވެ. ނޭފަތުން ފައިބައިފައިވާ ސޮނިތަކާއި އަނގައިން ނުކުމެފައިވާ ރަތްކުލައިގެ ލޭތަކާއި ކުޅުތައް ތުންފަތް ކައިރީ ހުއްޓެވެ. ހިސާބަކަށް ގަނޑު ލޭވެސް ހުއްޓެވެ. ތުންފަތް ކައިރިން ލޭ ހިލެމުން ދިޔައެވެ. ދަތްދޮޅިވަނީ ޒަހަމުވެފައެވެ. ލޭހިލެމުން ދިޔަ ރޯ ފާރުތައް ހުރީ ކަޅުވެފައެވެ. ފާރުތަކުގެ ވަށައިގެން ކަޅު ރަތް ލޭ ގަނޑުވެފައި ހުއްޓެވެ.
އައިރީން އަވަސް އަވަހަށް އައިޝަމް ނަގައި އުނގަށްލިއެވެ. މަޑުމަޑުން އައިޝަމްގެ މޫނުގައި ފިރުމާލަމުން ދެ ފަހަރަކު ގޮވައިލިއެވެ. ޚަބަރެއް ނުވުމުން އަނެއްކާ ވެސް ގޮވައިލިއެވެ. ލޯތްބާއި އަސަރުން ފުރިގެންވާ ގޮތަކަށެވެ.
"ޝަމް. ޝަމް ލޯ ހުޅުވަބަލަ. ޝަމް." އައިރީން ހާސްވާން ފެށީ އެހައި ހިސާބުންނެވެ.
އައިޝަމް ނޭވާ ނުލައިކަން އެނގުމުން އައިރީން ހާސްވެ ކަންބޮޑުވާން ފެށިއެވެ. މަޑުމަޑުން އައިޝަމް ނަގައި ގަޔާ ކައިރިކޮށްލިއެވެ. ލޯތްބާއެކު ދެ ފަހަރަކު މޫނުގައި ފިރުމައިލިއެވެ. އަތުގެ ނުފުށުން އައިޝަމްގެ މޫނުގައި ހުރި ވެލިތައް ފޮޅައިލިއެވެ. ކުއްލިއަކަށް އައިޝަމް ހަރަކާތެއް ކޮށްލިހެން ހީވިއެވެ. އެހެންވެ އަނެއްކާ ވެސް އައިރީންގެ ހަރަކާތް ތަކުރާރުކޮށްލިއެވެ. އެއީ ހީއެއް ކަމަށް ގަބޫލުނުކުރެވިގެންނެވެ.
އަތުގެ ނުފުށުން އައިރީން އައިޝަމްގެ މޫނުގައިވާ ފާރުގަނޑުގައި ބީހިލިއެވެ. މަޑުމަޑުން އައިޝަމަށް ދިރުން އަންނަހެން ހީވާން ފެށިއެވެ. އައިރީންގެ އަތްތިލަ ދަށުން މަޑު ނޫކުލައިގެ އަލިކަމެއް ފޭދެމުން ދިޔައެވެ. ލިބުނު ހައިރާން ކަމާއެކު އައިރީންއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އޭރު އައިރީންގެ އަތުގެ ނުފުށުން ފާޅުވަމުން ދިޔަ އަލިކަން ބޮޑުވަމުން ފުޅާވަމުން ދިޔައެވެ. މަޑުމަޑުން އައިރީން ވާނުވާ ބަލަން ބޭނުންވިއެވެ.
ކަންވީ އައިރީން ހީކުރި ގޮތަށެވެ. އައިރީންގެ ކަނާތުގެ ކަށި އިނގިލީގައި އަޅައިފައި އޮތް އަނގޮޓީގައިވާ އެސް އައިޝަމްގެ މޫނުގައިވާ ޒަހަމުތަކުގައި ޖެހުމުން އަލިކަމެއް އުފެދެނީއެވެ. އެހެންވެ މަޑުމަޑު އައިރީންގެ އަތް މައްޗަށް ހިއްލައިލިއެވެ. އަނގޮޓިއާއި ޒަހަމުތަކާ ދެމުދުގައި ނޫކުލައިން ދިއްލިފައިވާ ފަށަލައެއް ހަރަކާތްކުރަމުން ދިޔައެވެ. ހީވަނީ ލޭޒަރ ސްކޭނަރަކުން ފާރުގަނޑުތަކަށް ފަރުވާދެމުންދާ ހެންނެވެ.
ބަލަބަލައި ހުއްޓާ އައިޝަމްގެ ކޯތާފަތްމަތިން ފަޅައިގެން ގޮސްފައިވާ ތަންތަން ބެދުނެވެ. އައިރީނަށް ހިނިތުންވެވުނެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
މަޑުމަޑުން އަތް އުފުލައިލަމުން އައިޝަމްގެ މޫނުމަތީގައިވާ ޒަހަމުތަކާ ދިމާއަށް އަނގޮޓީގެ އެސް ދިމާ ކޮށްލިއެވެ. އެއާއެކު އުފެދުނު އަލިކަމާ އެކު އައިޝަމްގެ މޫނުމަތީގައިވާ ޒަހަމުތައް ބެދެމުން ދިޔައެވެ. މަޑުމަޑުން އައިޝަމްގެ ހަރަކާތްކުރަމުން ދިޔައެވެ. އޭރު އައިޝަމްގެ މޫނުމަތީގައިވާ ހުރިހާ ޒަހަމުތަކެއް އެކުގައި ފިލައިގެން ހިނގައްޖެއެވެ.
އައިޝަމް ލޯ ހުޅުވައިލިއެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން އިހުސާސްކުރެވޭ ކަހަލަ ގޮތަކަށެވެ. އެތައް ދުވަހަކު ބަލިވެ އުޅުނު މީހަކު ފަދައިންނެވެ. މަޑުމަޑުން އައިރީނަށް ބަލައިލިއެވެ. އައިރީން ހިނިތުންވެލިއެވެ.
"ޝަމް." އައިރީން މަޑުމަޑުން އައިޝަމް އަށް ގޮވައިލިއެވެ.
އާއެކޭ ބުނުމުގެ ގޮތުން އައިޝަމް ވެސް ހޫނ އަޅުވައިލިއެވެ.
"އޯކޭތަ؟ އަދިވެސް ތަދުވަނީތަ؟" އައިރިން އަހައިލިއެވެ.
އައިރީން މަޑުމަޑުން އައިޝަމްގެ ނިތްކުރީގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ.
"އިރާދަކުރެއްވިއްޔާ ޝަމް ރަނގަޅުވާނެ. އަހަންނަށް އެނގޭ ޝަމްއަށް ދޭންވީ ފަރުވާ. ހާސް ނުވޭ!"
އައިޝަމް ތެދުވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ބޯ ހިއްލައިލަން ހަރަކާތް ކުރި ނަމަވެސް ބޯ ހިއްލައި ނުލެވުނެވެ.
"ކިހިނެއްވީ؟ ބޮލަށް ތަދުވަނީތަ؟" އައިރީން އަހައިލިއެވެ.
"ކަނދުރާއަށް މިކާޝް، ކަށްޓެއް...؟" އައީޝަމްއަށް ބުނެވުނީ އެވަރަށެވެ.
އޭނާ ކޮށިއަރައިގެން ކެއްސަން ފެށީއެވެ. އަނގަބަންދުވީއެވެ. ބުނަން އުޅުނު ވާހަކަ އެއްކޮށް ނުބުނެވުނީއެވެ.
"އެހެންތަ! ގެނޭ އަހަރެން މަޑުމަޑުން ހިއްލައިލައިފަ ބަލައިލާނަން. އަދި ރަނގަޅުކޮށްލަ ދޭނަން." އިތުބާރާ ޔަގީންކަމާއެކު އައިރީން ބުނެލިއެވެ.
އެއާއެކު އައިރީންގެ އެހީގައި އައިޝަމް ތެދުވެ މަޑުމަޑުން އިށީނެވެ. އައިރީން އައިޝަމްގެ ކަނދުރާއަށް ބަލައިލިއެވެ. ހިމަ ދިގު ކަށްޓެއް ފަދަ އެއްޗެއް ހަރާލުމުން ހުންނަފަދަ ތަނެއް އައިޝަމްގެ ކަނދުރާއިން ފާހަގަ ކުރެވުނެވެ. އެތަނުގައި ހުރި ލޭތައް ގަނޑުވެފައި ހުއްޓެވެ. މަޑުމަޑުން ލޭތައް ނައްޓައި އެތަން ހާމަ ކޮށްލިއެވެ. އިސާހިތަކު ލޭ އަންނަން ފެށިއެވެ. އެހެންވެ އަވަސް އަވަހަށް އައިރީންގެ އަނގޮޓީގެ އެސް އެ ފާރުގަނޑާ ދިމާ ކޮށްލިއެވެ. ކުރިއެކޭ އެއްގޮތަށް އަނގޮޓިން މަޑު ނޫކުލައިގެ އަލިކަމެއް ނުކުމެ ފާރުގަނޑަށް އެޅެމުން ދިޔަވަރަކަށް އެ ތަން ބެދެމުން ބެދުމުން ގޮސް ފާރުގަނޑު އެކުގައި ބެދިގެން ދިޔައެވެ.
އައިރީން ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ފުރާނަފަދައިން ލޯބިވާ ފަރާތަށް ލިބިފައިވާ އަނިޔާތަކުން އޭނާ ސަލާމަތް ކުރެވޭ ކަމުގެ ޔަގީންކަމާއެކުގައެވެ. (ނުނިމޭ)