ޓެރަރިޒަމް

ޕޮލިސް އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކޮށްފި

ޓެރަރިޒަމްގެ އަމަލެއް ހުއްޓުވާ ބަޔަކު ހައްޔަރުކޮށްފައިވާ ކަަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ފުލުހުން ދެންމެ ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިރަޒަމްގެ އަމަލެއްގެ މައުލޫމާތު އިންޓަލިޖަންސަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތާއި ގުޅިގެން އެކަން ހުއްޓުވާ އެ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ މީހުންނެއް ކަމެއް ނުބުނެއެވެ. އަދި އެއީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއްވެސް ނުބުނެއެވެ.

ފުުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

"ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އަމަލު ހުއްޓުވާ ބަޔަކު ހައްޔަރުކޮށް އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަ ގެންދަން،" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ އަދި ތ. ތިމަރަފުށީގައި ކަމަށެވެ. މި އޮޕަރޭޝަންގައި މާލެ އިން މީހަކު އަދި ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ތިމަރަފުށިންވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.