ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންނަށް ހެޔޮއެދޭނަމަ ގުޅިފަޅު ހާއްސަ ކުރަންވީ ބޯހިޔާވަހިކަމަށް: މުއިއްޒު

މާލެއަށް ނިސްބަތްވާ ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ބޯހިޔާވަހި ކަމަށް ހާއްސަ ކުރަންވީ ގުޅިފަޅު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރުމަށެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ގުޅިފަޅުގައި މިދިޔަ ސަރުކާރުން ނިންމާފައި ވަނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގާށެވެ. ގުޅިފަޅުގައި މިހާރު ހިއްކާފައިވާ ބިމުގެ ސަރަހައްދު ވެސް ހިއްކާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ތަނުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަޝްރޫއެއްގެ ދަށުންނެވެ. ނަމަވެސް އެ މަސައްކަތް އޮތީ ފަހުން ހުއްޓިފަ އެވެ.

މުއިއްޒު މިއަދު ވިދާޅުވީ ގުޅިފަޅުގައި ޕޯޓް ހެދުން އަދިވެސް ހުއްޓާލެވޭނެ ކަމަށެވެ. މާލެ ރައްޔިތުންނަށް ހެޔޮ އެދޭނަމަ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތް ގޮތަށް ޕޯޓް ތިލަފުށްޓައް ބަދަލުކޮށް ގުޅިފަޅަކީ ބޯހިޔާވަހި ކަމަަށް ހާއްސަ ތަނަަކަށް ހެދުމަށް މުއިއްޒު ވަނީ އާދޭހާއެކު ގޮވާލައްވާފައެވެ.

"އަދި ހުޅުމާލެ ފޭސް ދޭ ގެ ބިން މުއްސަދި މަދު ބަޔަކަށް ވިއްކާ ހުސްކޮށްލުމުގެ ބަދަލުގައި ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ލިބޭނެ ގޮތް ހެއްދުވުމަށް ގޮވާލަން. މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ނުޖަހާ،" މުއިއްްޒު ވިދާޅުވިއެވެ.

މުއިއްޒު ކުރިން ވިދާޅުވީ މުޅި މި ސަރަހައްދުގައިވެސް ޕޯޓް ހެދުމަށް ތިލަފުށްޓަށްވުރެ ރަނގަޅު ރަށެއް ނެތް ކަމަށެވެ. އަދި ގުޅިފަޅުގައި ޕޯޓް ހެދުމަށް މި ސަރުކާރުން ދައްކަމުން ދަނީ އަސާސެއް ނެތް ބަހަނާތަކެއް ކަމަށެވެ. މީގެ އިތުރުން މުއިއްޒު ވަނީ ގުޅިފަޅު ޕޯޓަކީ ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާނެ މަޝްރޫއެއް ކަމަށްވެސް ސިފަ ކޮށްފަައެވެ.