ޑރ. މުހައްމަދު މުއިއްޒު

"ތިލަފުއްޓަށް ޕޯޓް ބަދަލު ނުކުރެވޭނެ ސަބަބެއް ނެތް"

ގުޅިފަޅުގައި އަޅަން ނިންމާފައިވާ ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމުގައި ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތް ކަމަށާ އެކަން ސަރުކާރަށް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރުމަށެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރައީސް ވަހީދާއި ރައީސް ޔާމީންގެ ސަރުކާރުގަައި ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުއިއްޒު ގެންދަވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުންނެވެ. މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށްޓަކައިވެސް ގުޅިފަޅުގައި ޕޯޓް ހެދުން ހުއްޓާލަން ޖެހޭ ކަމަށާ ރައްޔިތުންގެ ހައްގުގައި އެކަމަށް އެދި މުއިއްޒު ވަނީ ސަރުކާރަށް އާދޭސް ދަންނަވާފައެވެ.

މިއަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރަހައްދުގައި ޕޯޓް އަޅަން އެންމެ ރަނގަޅީ ތިލަފުށީގައި ކަމަަށާ އެއީ ޓެކްނިކަލީ ބަލާއިރު ފެންނަން އޮތް ހަގީގަތް ކަމަަށެވެ.

"ގުޅިފަޅުގައި އަޅަން ނިންމާފައި އޮތް ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމުގައި 'ޓެކްނިކަލް' އެއްވެސް މައްސަލައެއް ނެތް. އެކަން މި ސަރުކާރަށް ނުކުރެވޭނެ އެއްވެސް ސަބަބެއް އޮވެެގެން ނުވާނެ،" އެ ދާއިރާއިން މަތީ ތައުލީމު ލިބިވަޑައިގެން ހުންނެވި މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވިސްނާލުމެއް ނެތި ގުޅިފަޅުގައި މި ސަރުކާރުން ޕޯޓް ހެދިނަމަވެސް އެ ޕޯޓް ތިލަފުށްޓަށް ބަދަލު ކުރައްވާނެ ކަމަށްވެސް މުއިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ މުޅި މި ސަރަހައްދުގައިވެސް ޕޯޓް ހެދުމަށް ތިލަފުށްޓަށްވުރެ ރަނގަޅު ރަށެއް ނެތް ކަމަށެވެ. އަދި ގުޅިފަޅުގައި ޕޯޓް ހެދުމަށް މި ސަރުކާރުން ދައްކަމުން ދަނީ އަސާސެއް ނެތް ބަހަނާތަކެއް ކަމަށެވެ.

"ގުޅިފަޅުގައި މި ހަދަނީ ތިލަފުށީގައި ހަދަން ޖެހޭ ޕޯޓެއް. މާލެ ރައްޔިތުންގެ އެއްވެސް ހައްގަކަށް ވިސްނާލުމެއް ނެތި ގުޅިފަޅުގައި ޕޯޓް ހަދަން މި މަސައްކަތް ކުރަނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުންނަށް، ޔަގީން ކުރައްވާށޭ ޕީޕީއެމްގެ ސަރުކާރެއްގައި، މި ސަރުކާރުން ގުޅިފަޅުގައި ޕޯޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަނަމަވެސް އެ ޕޯޓް ނަގާ ތިލަފުށްޓަށްް ބަދަލުކޮށްފައި ގުޅިފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެން ދެން. ގުޅިފަޅުގައި ޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔަނަމަވެސް އެ ޕޯޓްގެ މަސައްކަތް އަޅުގަނޑުގެ ބަދަލުކުރާނަން. ގުޅިފަޅު ވާންޖެހޭނީ ރައީސް ޔާމީން އިއުލާނުކުރައްވާފައިވާ ބޯހިޔާވަހިކަމުގެ މަރުކަޒަކަށް،" މުއިއްޒު ވިދާޅުވިއެވެ.