ބޮލީވުޑް

"ދޫމް 4" ކުޅެން އަމީތާބް ބައްޗަން އަށް ހުށައެއްނާޅާ

Oct 19, 2015

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނިކަމަށްވާ ޔާޝް ރާޖް ފިލްމްސްގެ "ދޫމް" ސިލްސިލާގެ ތިން ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު މިސިލްސިލާގެ ހަތަރު ވަނަ ފިލްމު އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެ އެވެ.

"ދޫމް 4"ގެ ލީޑްރޯލުން ފެނިގެންދާ ތަރިން މިހާރު ހަމަޖެއްސުމުގެ މަސައްކަތް މިފިލްމުގެ ޕްރޮޑިއުސަރު ކުރަމުން އަންނަ ކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނައިރު، މެގަސްޓާ އަމީތާބް ބައްޗަން އަށް މިފިލްމުގެ ރޯލެއް ޕްރޮޑިއުސަރު އަދިތްޔާ ޗޯޕްޅާ އާއި ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ ހުށަހަޅާފައިވާ ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.

އަމީތާބް އަށް "ދޫމް 4" ހުށަހަޅާފައިވޭތޯ އެހެމުން ވިޖޭ ވަނީ އަދި މިފިލްމުގެ ރޯލެއް އަމީތާބަށް ހުށަހެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެފަ އެވެ.

އަމީތާބްގެ އިތުރުން މިފިލްމުގެ ލީޑްރޯލު ކުޅެން މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި ބަތަލާ ދިޕިކާ ޕަދުކޯން އަށް ހުށަހަޅާފައިވާ ވާހަކަތައް ވިޖޭ ޔަގީންކޮށްދީފައެއް ނުވެ އެވެ.

"މިފިލްމުގެ ތަރިންނަކީ ކޮންބައެއް ކަން ވަރަށް އަވަހަށް މީޑިއާތަކާއި ހިއްސާކުރާނެ. އޭރުން ފިލްމާއި ބެހޭ ހުރިހާ މައުލޫމާތެއް އެނގިގެންދާނެ" ވިޖޭ ބުނެފައިވެ އެވެ.

މިހާތަނަށް މިފިލްމުގެ އެއްވެސް މައުލޫމާތެއް ޔާޝް ރާޛް ފިލްމްސް އިން އާންމުކޮށްފައިނުވާއިރު، އެފަރާތުން ވަނީ ފިލްމުގައި އެއްވެސް ތަރިއެއް ހިމެނޭކަމަށް ބުނެ ހަބަރު ނުފެތުރުމަށް އެދިފަ އެވެ.

މިސިލްސިލާގެ ކޮންމެ ބައެއްގެ ބަތަލު އަދި ބަތަލާ ކޮންމެ ފަހަރަކު ބަދަލުވެފައިވާއިރު، މުހިންމު ރޯލުން ފެނިގެންދާ އަބީޝެކް ބައްޗަން އާއި އުދޭ ޗޯޕްޅާ އަންނަނީ އެންމެފުރަތަމަ ފިލްމުން ފެށިގެންވެސް މިސިލްސިލާގެ ފިލްމުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ރިތިކް ވަނީ "ދޫމް 2" ގައި ބަތަލާ އައިޝްވާރިޔާ ރާއީ އާއެކު ފެނިގެންގޮސްފަ އެވެ.