ހަބަރު

ހަމަލާގެ ތުހުމަތު މަޖިލީހުގެ މެންބަރަކު ނައިބު ރައީސްގެ މައްޗަށް ކޮށްފި

Oct 19, 2015
8
  • ހަމަލާއަށް ފަހު ނައިބުގެ އަމަލުތައް ހުރި ގޮތުން ސުވާލުއުފެއްދެވި
  • އެއީ ވެރިކަން ފޭރިގަތުމަކީ ހީލަތްތެރި ރޭވުމެއް
  • ބައިވެރިވާ އެންމެންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލި

ރައީސް އަބްދުﷲ ޔާމީން އަށް އަމާޒުކޮށްގެން ދިން ހަމަލާގެ ތުހުމަތު، ޕީޕީއެމްގެ މަޖިލީހުގެ މެންބަރު ތުލުސްދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ނައިބު ރައީސް، އަހުމަދު އަދީބުގެ މައްޗަށް ކޮށްފި އެވެ. އެ ހަމަލާގެ ތުހުމަތު ނައިބު ރައީސްގެ މައްޗަށް ކުރާ އިރު، މިއީ މަޖިލިސް މެންބަރަކު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ނައިބު ރައީސްގެ މައްޗަށް ހަމަލާގެ ތުހުމަތު އަމާޒު ކުރި ފުރަތަމަ ފަހަރެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަޝްހޫރުވެފައިވާ ލޯޔަރު ވައްޑެ ވީޓީގެ ފަސް މަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިރޭ ވިދާޅުވީ އެވަރުގެ ބޮޑު ހާދިސާއެއް ހިނގުމުން ވެސް އޭރު ގައުމުގެ ކަންކަމާ ހަވާލުވެ ވަޑައިގެން ހުންބެވި ނައިބު ރައީސް އަމަލުތައް ބެހެއްޓި ގޮތާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. ވައްޑޭ އެ އި އިޝާރާތް ކުރައްވަނީ އެ ހަމަލާގެ ދިން ދުވަހު ރައީސްއަށް އިސްތިގުބާލު ކުރުމަށް ނައިބު ރައީސް ވަޑައިގަތުމަށް އޮތް ނަމަވެސް، އެދުވަހު ވަޑައިނުގަތުމާއި ހޮސްޕިޓަލަށް ދިޔުން ލަސްވުމަށް ކަމަށް ބެލެވެ އެވެ.

ތާރީހުން މިސާލު ދައްކަވަމުން ވައްޑޭ ވިދާޅުވީ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، މުހައްމަދު އަމީންގެ ވެރިކަން ބަޣާވާތް ކޮށްލައި އެމަނިކުފާނު އަވަހާރަކޮށްލުމުގެ އަޑީގައި ހުންނެވީ އޭރުގެ ނައިބު ރައީސް ވެލާނާގެ އިބްރާހިމް މުހައްމަދު ދީދީ ކަމަށެވެ. އަދި ރައީސް އަމީން ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން މުހައްމަދު ދީދީ ހީލަތްތެރި ރޭވުންތަކެއް ރާއްވަވައި އެންމެ ފަހުން ވެރިކަން ފޭރި ގަތީ ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ. ވައްޑޭ ވިދާޅުވި ގޮތުގައި ވެރިކަމުގެ ދަހިވެތި ކަމުގައި މިފަދަ ކަން ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުުރުމުން މިފަދަ ކަމެއް މިހާރު ވެސް ނުވާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް ވައްޑޭ ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ނައިބު ރައީސް އަދީބަށް އަމާޒު ކުރައްވާ ކަހަލަ ގޮތަކަށް ވައްޑޭ ވިދާޅުވީ، "ދުޝްމަނަކަށް ވުރެ އަޑިނުބައި އެކުވެރިއަކު މާ ނުރައްކާވެފައި ނުބައިވާނެ" ކަމަށެވެ.

"މިފަދަ ހާދިސާއެއް ހިނގައިގެން ދިޔައިރުގައި ކޮބައިތޯ އެހުރިހާ ބޭފުޅުން. ކޮންތާކުތޯ ވީ، ކިހާވަތަކަށް ތޯ އެ ބޭފުޅުންނަށް މި ކަންކަން ބެއްލެވިފައި ހުރީ. އެއީ ހަމަ ޔަގީންކަމެއް އަޅުގަނޑުމެންނަށް، ބައްލަވަން ޖެހޭނެކަން. އެހެންވީމައި ދިފާއީ ބާރުގައި ތިއްބެވި ބައެއް ބޭފުޅުންގެ އަސްލުގައި އިހްމާލެއް މީގައި އެބައޮތް. ދިވެހި ރާއްޖޭގެ ނައިބު ރައީސްގެ އިހުމާލެއް މީގައި އެބައޮތް،" ވައްޑޭ ވިދާޅުވިއެވެ. "އެއީ ސީދާ ރާއީސް ޔާމީންއަށް އެ ހަމަލާއިން ގެއްލުންވެ ވަޑައިގެން ނަމަ، މިއަދު ހޮސްޕިޓަލްގައި އޮންނާނީ މެޑަމް ފާތުންއެއް ނޫން. އޮންނާނީ ރައީސް ޔާމީން،"

ނައިބު ރައީސްގެ އިހުމާލުތަކެއް ހުރި ކަމަށް ވައްޑެ ވިދާޅުވި ނަމަވެސް، ނައިބު ރައީސް ވިދާޅުވެފައި ވަނީ އެ ހަމަލާޔާ އެމަނިކުފާނާ އެއްވެސް ގޮތަކުން ގުޅުމެއް ނެތް ކަމަށެވެ. އަދީބު ވިދާޅުވެފައި ވަނީ އެދުވަހު އެއާޕޯޓަށް ދާން އޮތް ނަމަވެސް ނުދާން ފަހުން ނިންމީ އެ ރޭ އޮތް ހަފްލާއަކަށް ފަހު ރޯގާ ޖެހި ކެއްސުމުގެ ސަބަބުން ސިއްހީ ހާލަތު އެހާ ރަނގަޅު ނުވުމުން ކަމަށެވެ. އަދި އެކަމާ އުމުރު ދުވަހަށް ވެސް ހިތާމަ ކުރައްވާ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ވަނީ ނައިބު ރައީސްއަށް 500 ޕަސެންޓް އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.

ވައްޑެ ވިދާޅުވީ އެ ހަމަލާ ރާވާފައިވާ ބަޔަކު އެކަން ކޮށްފައި އޮތީ އެ ހަމަލާ ތަހުގީގު ނުކުރެވޭނެ ގޮތަށް ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށް ވައްޓެ ވިދާޅުވި އެވެ. އަދި އެ ހަމަލާ ރޭވީ ސިފައިންގެ ތެރެއިން ބަޔަކާ ވެސް ގުޅިންގެން ކަން ފާހަގަ ކުރައްވަމުން ވައްޑެ ވިދާޅުވީ ހަމަލާގެ ބޭނުމަކީ ލޯންޗްގައި ތިބި އެންމެންގެ ފުރާނަ އެކީ ދުއްވާލުން ކަމަށް ވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކާއި އިހުމާލުވި ފަރާތްތަކަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމަލާ ރޭވި ފަރާތްތަކާއި އެކަން ކުރި ފަރާތްތަކާއި އެކަމުގެ ބައިވެރިވި އެންމެންނަށް ޝަރީއަތް ކޮށް މަރުގެ އަދަބު ދިނުމަށް އޭނާ މިރޭ ގޮވާލެއްވި އެވެ. މިއީ ރައީސްގެ ފުރާނަ ދުއްވާލުމަށް ދިން ހަމަލާއެއްކަމަށް ވައްޑެ ތަކުރާރުކޮށް ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގު ހާއްސަ އިންކްއަރީ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ކުރާ އިރު، އެ ހަމަލާޔާ ގުޅިގެން ނައިބު ރައީސް އަހުމަދު އަދީުގެ ބޮޑު ބޭބެއެއް ކަމަށްވާ، ގަލްފް ކްރާފްޓްގެ މޯލްޑިވްސްގެ އެމްޑީ ހާމިދު އިސްމާއިލް ދިރިއުޅުއްވާ ގެ ވަނީ ފާސްކޮށްފަ އެވެ. އަދި މި ދަނޑިވަޅުގައި ނައިބު ރައީސްގެ އެންމެ އަރިސް، އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އެޕާޓްމަންޓާއި އެމްއެމްޕީއާރުސީ ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ފާސްކޮށްފަ އެވެ. އަދި އެމްއެމްޕީއާރުސީގެ އޮފީސް އަދިވެސް ހުރީ ސަލާމަތީ ހިދުމަތްތަކުގެ ބެލުމުގެ ދަށުގަ އެވެ. އަދި ޒިޔަތު މިއަދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.