ޗައިނާއަށް ވަޑައިގަތުމަށްފަހު ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ ވަޑައިގަތުން ލަސް ކުރެއްވުމަށްފަހު ސިންގަޕޫރަށް ވަޑައިގެންފި އެވެ.
ސިޔާސީ ޕާޓީތައް ބައިވެރިކޮށްގެން ޗައިނާގައި ބޭއްވި ސިލްކް ރޫޓް މަޝްވަރާތަކަށާއި އެ ގައުމުގައި ބޭއްވި ރާއްޖޭ އިންވެސްޓްމަންޓް ފޯރަމް ހުޅުއްވައި ދެއްވުމަށް ނައިބު ރައީސް ޗައިނާގެ ބެއިޖިންއަށް ދަތުރުފުޅެއް ފެއްޓެވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
"އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވަން އޮތީ 21 ވަނަ ދުވަހުގެ ރޭގަ އެވެ. ނަމަވެސް މި މަހުގެ 19 ވަނަ ދުވަހު އިންވެސްޓްމަންޓް ފޯރަމް ހުޅުއްވައި ދެއްވުމަށް ފަހު ނައިބު ރައީސް ވަނީ ޗައިނާ މަގުން ސިންގަޕޫރަށް ވަޑައިގެންފައި ކަމަށް އެ މަނިކުފާނުގެ އަރިސްބޭފުޅަކު ވިދާޅުވި އެވެ.
ޝެޑިއުލަށް ބަދަލު ގެންނެވި އިރު ނައިބު ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އިންވެސްޓްމަންޓް ފޯރަމް ހުޅުއްވައި ދެއްވުމަށް ފަހު ވަޑައިގަންނަވާނީ ރާއްޖެ އެވެ.
އެމަނިކުފާނާ އެކު އެ ފޯރަމަށް ވަޑައިގެންނެވި، ޕީޕީއެމްގެ އެހެން ބައެއް އޮފިޝަލުން ވެސް ވަނީ އިއްޔެ ރޭ މާލެ ވަޑައިގެންފަ އެވެ.
ނައިބު ރައީސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުގެ އެއްވެސް ކޮމެންޓެއް ނުލިބުނެވެ. އަދި ރާއްޖެ ވަޑައިގަންނަވާނެ ދުވަހަކާ ގުޅޭ ގޮތުން ވެސް ކޮމެންޓެއް ނުލިބުނެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ޗައިނާގެ ރައީސް ޝީޖިންޕިން އާއި އެ ގައުމުގެ ނައިބު ރައީސް އާ ވެސް ބައްދަލު ކުރެއްވުމުގެ އިތުރުން އިންވެސްޓްމެންޓް ފޯރަމްގައި ތަގުރީރު ކުރެއްވި އެވެ. ނަމަވެސް އެ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން އެއްވެސް ސިފައެއްގައި އާންމުކޮށް ރައީސް އޮފީހުގެ ވެބްސައިޓްގައި ކަވަރުކޮށްފައެއް ވެސް ނުވެ އެވެ.
މީގެ ކުރިން ހުންނެވި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް މަގާމުން ވަކި ކުރުމުގެ ކުރިން ބޭސްފަރުވާއަށް ފުރަތަމަ ވަޑައިގެންނެވީ ސްރީލަންކާއަށެވެ. ނަމަވެސް ރާއްޖެ ވަޑައިނުގެން އިންގިރޭސިވިލާތަށް ވަޑައިގެން އަމިއްލަފުޅަށް އަރުވާލެއްވުނީ އެވެ. އެމަނިކުފާނު މަގާމު ދުރުކުރީ އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށެވެ.
ރައީސް ބޭނުންފުޅު ކުރައްވާ ރިޔާސާ ލޯންޗްކޮޅު "ފިނިފެންމާ" ގައި ބޮމެއް ގޮއްވާލި މައްސަލައިގެ ތަހުގީގެއް ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީން ކުރިޔަށް ގެންދާއިރު ބައެއް ފަރާތްތަކުން ގެންދަނީ މި ހަމަލާގެ ތުހުމަތުގެ އިނގިލި އަދީބަށް ދިއްކުރަމުންނެވެ.
ހަމައެއާއެކު ނައިބު ރައީސް ދިރިއުޅުއްވާ އެކި އެޕާޓްމަންޓްތަކާއި އެމަނިކުފާނާ ގާތްގުޅުން އޮންނަ ފަރާތްތަކުގެ އެޕާޓްމަންޓްތައް ފާސްކުރުމުގެ އިތުރަށް އެކި ތަންތަނުގެ ސީސީޓީވީ ފްޓޭޖްތައް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އެ މައްސަލައިގައި ނައިބު ރައީސް އަށް ތުހުމަތުތައް ކުރެވުނަސް އެމަނިކުފާނު ވަނީ އެ ހުރިހާ ތުހުމަތެއް ދޮގު ކުރައްވައިފަ އެވެ. ނައިބު ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނު ރާއްޖެ ނާންނާނެ ގޮތެއް ނެތް ކަމަށެވެ.