ހަބަރު

ހާމިދު ސޭޓް މިރޭ މާލެ ގެންނަނީ

Oct 30, 2015
  • ހާމިދު ރާއްޖެ ގެންނަނީ މިރޭ 7:55 ގައި ޔޫއެލް އިން
  • ހާމިދާއެކު ތިބި ހަތަރު ދިވެހިން ޑިޕޯޓެއް ނުކުރޭ

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅު "ފިނިފންމާ" ގައި ދިން ބޮމުގެ ހަމަލައާ ގުޅިގެން އެކަމުގެ ތުހުމަތަށް މެލޭޝިޔާއިން ހައްޔަތު ކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓް) މިރޭ މާލެ ގެންނާނެ އެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މެލޭޝިޔާއިން ހައްޔަރު ކުރި ހާމިދު މާލެ ގެންނާނީ މިރޭ ކަމަށާއި މިރޭ މާލެ ގެންނަނީ އޭނާ އަކަނި ކަމަށެވެ. އަދި ވިދާޅުވީ އޭނާ މާލެ ގެންނާނީ މިރޭ 7:55 ގައި މާލެ އަންނަ ސްރީލަންކަން އެއާލައިންގެ ބޯޓުން ކަމަށެވެ.

އެ އޮފިޝަލު އެހެން ވިދާޅުވި ނަމަވެސް ހާމިދާއެކު ހަތަރު ދިވެއްސަކު މެލޭޝިޔާ އިން ހައްޔަރު ކުރުމަށް ފަހު މިއަދު މާލެއަށް ފޮނުވާލާފައިވާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި މިއަދު ރިޕޯޓްކޮށްފައިވެ އެވެ. އަދި ހާމިދުގެ ގާނޫނީ ވަކީލު ހުސްނުއްސޫދާ ހަވާލާދީ ރާއްޖޭފެ ބައެއް ނޫސްތަކުގައި ވެސް ބުނެފައި ވަނީ ހަތަރު ދިވެއްސަކު މެލޭޝިއާއިން މިއަދު ޑީޕޯޓްކޮށްލި ކަމަށެވެ. އެއީ އެއީ ދެ ފިރިހެނުންނާއި ދެ އަންހެނުން ކަމަށްވެއެ ބުނެވެ. ކޮން ބައެއް ކަމެއް ނުބުނެ އެވެ.

ހާމިދު ހައްޔަރު ކުރި އިރު ހިފެހެޓި ހަތަރު ދިވެހިން މެލޭޝިޔާގެ ފުލުހުން ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ޑީޕޯޓްކޮށްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.

ހާމިދު ސިންގަޕޫރުގައި ހުންނެވުމަށްފަހު އެއްގަމު މަގުން މެލޭޝިޔާއަށް ދިޔަ ވަގުތު އޭނާއާއެކުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފާއި ޕީޕީއެސްމްގެ ޕްރެޒެންޓަރު ހުޝާމާ ތިބި ކަމަށް ވެސް އަޑުތައް ފެތުރިފައވެއެވެ. އަދި އެ ދެމީހުން ހައްޔަރު ކުރުމަށްފަހު ފަހުން ދޫކޮށްލީ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ.

ބޮމުގެ ހަމަލާއަށް ފަހު ސިފައިންނާއި ފުލުހުން ފަށާފައިވާ ޖޮއިންޓް އޮޕަރޭޝަންގައި ހާމިދު ދިރިއުޅުއްވާ މ. ޝުރާމަންޒިލް އަށް ތިން ފަހަރެއްގެ މަތިން ވަދެ، ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ތިން ފަަރުވެސް ގެންދިޔަ އެވެ. ހާމިދަކީ ބޮމުގެ ހަމަލާގެ ތުހުމަތު އެންމެ ބޮޑަށް ކުރެވި މިވަގުތު ހައްޔަރުކޮށް ދޫނިދޫގައި ބަހައްޓާފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭބެއެކެވެ.