ރާއްޖެ ކުޅިވަރު

ބަކާ ނެތްތަން ފޫބެއްދޭނެ: ސުޒޭން

ފާއިތުވި ދެ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނެތްތަން އެ ކްލަބަށް ފޫބެއްދޭނެ ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ބަކާ ވަނީ މިޔަންމާގެ ކޭބީޒެޑް އެފްސީ އަށް ބަދަލުވެފަ އެވެ. މިޔަންމާގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކޭބީޒެޑް އަށް ބަކާ ބަދަލުވީ މާޒިޔާ އާއި ނިއު އިން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

ސުޒޭން ބުނީ ބަކާގެ ބަދަލުގައި އެ ފެންވަރުގެ ކުޅުންތެރިއެއް "ރާއްޖެއަކުން ނުހޯދޭނެ" ކަމަށެވެ. އެކަމަކު ބަކާ ނެތްތަން ފޫބައްދަން ރަނގަޅު ބިދޭސީ މިޑްފީލްޑަރެއް މާޒިޔާ އިން ގެންނާނެ ކަމަށެވެ.

"ބަކާ ރާއްޖޭން ބޭރުގައި ކުޅެން މި ނިންމީ. އަޅުގަނޑުމެންގެ ހެޔޮ އެދުންތައް ބަކާ އަށް އޮންނާނެ. ދިވެހި ކޮންމެ ކުޅުންތެރިއެއް ވެސް ހޯދާ މި ކަހަލަ ކުރިއެރުންތަކަށް އަޅުގަނޑުމެންގެ އަބަދުވެސް ތާއީދުކުރަން،" ސުޒޭން ބުންޏެވެ. "ބަކާގެ ރިޕްލޭސްމަންޓެއް ރާއްޖެއަކުން ނުލިބޭނެ. ބަކާ އަކީ ރާއްޖޭގައި މިހާތަނަށް އެފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު. އަޅުގަނޑުމެން ބިދޭސީ މިޑްފީލްޑަރަކަށް އެބަ ބަލަން. އެއީ ބަކާ ރިޕްލޭސް ކުރެވޭ ފެންވަރުގެ ކުޅުންތެރިއެއް. މީގެ އިތުރުން (މޫސާ ޔާމީން) ޔާމްބޭ އައި (މުހައްމަދު އިރުފާން) އިރޭ އިތުރަށް މެޗުއާވެ، އެ ކުޅުންތެރިން ބޭނުން ވެސް މާ ރަނގަޅަށް ހިފޭނެ."

ސުޒޭން ބުނީ މިދިޔަ ސީޒަންގައި މާޒިޔާ އަށް ކުޅުމަށް ފަހު، މި ސީޒަންގައި ނިއު އަށް ބަދަލުވެފައިވާ ގައުމީ ޓީމުގެ ފޯވަޑް އައްސަދު އަލީ (އަޑުބަރޭ) ނެތްތަން ކްލަބް އީގަލްސް އިން މާޒިޔާ އަށް ބަދަލުވި ޒުވާން ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) އަށް ފޫބެއްދޭނެ ކަމަށެވެ.

"އަޑުބަޜޭ ނެތްތަނަށް ވަރަށް ރަނގަޅު ރިޕްލޭސްމަންޓެއް ލިބިއްޖެ. އާއްކޮ ކަހަލަ ކޮންމެ ތަނަކަށް ވެސް ކުޅެވޭ ކުޅުންތެރިއަކަށް އެތަން ފޫބެއްދޭނެ. އެކަމަކު  އާއްކޮމެން ކަހަލަ ކުޅުންތެރިން ވެސް އެހެން ލެވެލް އަކަށް ވިސްނަންވެއްޖެ. ސީޒަން ނިންމާލާއިރު 11 ގައި ކުޅެ ކްލަބަށް ހޯދާ ކާމިޔާބެއްވުރެ، މޮޅު ކުޅުންތެރިއާގެ މަގާމު ނުވަތަ ރަންބޫޓަށް މަސައްކަތްކުރަންވެއްޖެ،" ސުޒޭން ބުންޏެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ އިއްޔެ ފަރިތަކުރުންތައް ފަށައިފަ އެވެ. ފަރިތަކުރުންތަކުގައި މާޒިޔާއާ މި ސީޒަނަށް ގުޅުނު ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހައްމަދާއި އާއްކޮ އާއި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަދި ޒުވާން ޑިފެންޑަރު އިބްރާހިމް ހަސީބް ބައިވެރިވި އެވެ.

މާޒިޔާ މި އަހަރު ކުރިމަތިލާ ފުރަތަމަ މުބާރާތަކީ މި މަހުގެ 22 ވަނަ ދުވަހު ފަށާ ޕޮމިސް ކަޕެވެ. މި މުބާރާތުގައި ދެން ވާދަކުރަނީ ލީގު ޗެމްޕިއަން ނިއު އާއި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ މެލޭޝިއާގެ ޕީޑީއާރްއެމް އަދި ސިންގަޕޫރުގެ ސިންގަޕޯ ލަޔަންސް އެވެ.

ސުޒޭން ބުނީ މާޒިޔާގައި މިހާރު އޮތް ސްކޮޑާއެކު، "ތައްޓައް ނޫން އެހެން އެއްޗަކަށް" ޕޮމިސް ކަޕްގައި މާޒިޔާ އަށް ވިސްނެން ނެތް ކަމަށެވެ.

" މާޒިޔާގައި މި އޮތީ މީގެން ޒަމާނަކު ވެސް ރާއްޖޭގެ ކްލަބެއްގައި ނެތްވަރުގެ ވަރުގަދަ ސްކޮޑެއް. އެހެންކަމުން މި ސްކޮޑާއެކު ތައްޓަށް ނޫން ގޮތަކާށް މާޒިޔާ އަށް ނެތް މުބާރާތަށް ކުރިމަތިލެވޭކަށް. އަޅުގަނޑުމެން ނިކުންނާނީ ތައްޓަށް،" ސުޒޭން ބުންޏެވެ.