ލައިފްސްޓައިލް

ޔޫކޭ ހޮސްޕިޓަލެއްގައި ތުއްތު ކުދިންތަކެއް މެރި ނަރުހަކަށް ދައުވާކޮށްފި

އަލަށް އުފަންވި ތުއްތު ކުދިންގެ އަށް ކުއްޖަކު މަރާލައި އިތުރު 10 ކުއްޖަކު މަރާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިނގިރޭސި ވިލާތުގެ ނަރުހަކަށް ދައުވާ ކޮށްފި އެވެ.

ލޫސީ ލެޓްބީ ކިޔާ 30 އަހަރުގެ މި ނަރުސް ތިން ވަނަ ފަހަރަށް މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ މި އަނިޔާވެރި އަމަލުތައް ހިންގާފައި ވަނީ އޭނާ މަސައްކަތްކުރި ކައުންޓެސް އޮފް ޗެސްޓާ ހޮސްޕިޓަލުގެ ނިއޯނެޓަލް ޔުނިޓްގައި ބާއްވާފައި އޮތް ތުއްތު ކުދިން ތަކަކަށެވެ.

ސީއެންއެންގައިވާ މި ޚަބަރުގައިވާ ގޮތުން އިނގިރޭސި ވިލާތުގެ ލިވަޕޫލްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި ތިބި ތުއްތު ކުދިންތަކެއް އާދަޔާޚިލާފު ގޮތަކަށް މަރުވާން ފެށުމުން އެ ހޮސްޕިޓަލުން އަމިއްލައަށް މި މައްސަލަ ބަލަން ފެށި އެވެ. ދުވަސް ނުފުރާ ވިހާފައިވާ މި ހުރިހާ ކުދިން ވެސް މަރުވެފައި ވަނީ ހާޓް ފޭލް ވެގެން ނުވަތަ ފުއްޕާމޭ ފެއިލް ވެގެނެވެ. މި ކުދިންތައް މަރުވެފައިވަނީ 2015 ގެ މާޗުން 2016 ގެ ޖުލައިގެ ނިޔަލަށް ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

ނަމަވެސް މި ކުދިންތައް މަރުވިތާ ތިން އަހަރު ފާއިތުވިއިރު ވެސް އެ ހޮސްޕިޓަލަށް އެކަން ދިމާވި ގޮތެއް ހޯދިފައެއް ނެތެވެ. ލޫސީ އަށް ޝައްކު ކުރެވުނަސް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ތިން ފަހަރެއްގެ މަތިން އޭނާ ހައްޔަރު ކުރުމަށް ފަހު ވެސް ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އެހިސާބުގަނޑުގެ ފުލުހުންނަށް މި މައްސަލައިގައި ލޫސީއަށް ދައުވާ ކުރުމުގެ ހުއްދަ މިހާރު ވަނީ "ދަ ކްރައުން ޕްރޮސެކިއުޝަން ސާވިސް" އިން ދީފަ އެވެ.

އަށް ކުއްޖަކު މަރާލައި އިތުރު 10 ކުއްޖަކު މަރަން މަސައްކަތް ކުރުމުގެ ދައުވާ މި ނަރުހަށް އުފުލާފައިވާއިރު އޭނާ މަރާލި ކުދިންގެ މައިންބަފައިންނަށް މި ތަހުގީގާއި މައްސަލަ ހިނގަމުންދާ ގޮތް ދުވަހަކުން ދުވަހަށް އަންގަމުންދާ ކަމަށް ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެމީހުންނަށް ލިބުނު ހިތާމައާއި ހިތްދަތި ކަމުން އަރައިގަތުމަށް އެހީތެރިވުމަށް އެކަމަށް ޚާއްސަކޮށް ތަމްރީނު ކޮށްފައިވާ އޮފިސަރުންގެ ޓީމެއް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކަމާ ބެހޭ އިދާރާތަކުން ކުރަމުންދާ ތަހުގީގުގައި 2015 ގައި އެ ހޮސްޕިޓަލުގައި މަރުވި 17 ކުއްޖެއްގެ މައްސަލަ ބަލާފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން ލޫސީ ގަސްދުގައި މަރާލިކަމުގެ ހެކި ލިބުނީ އަށް ކުއްޖެއްގެ އެވެ.

ލޫސީ 2018 ވަނަ އަހަރުގެ ޖުލައި މަހު ވެސް ހައްޔަރު ކުރި އެވެ. ނަމަވެސް ބެއިލްގެ ދަށުން މިނިވަން ވެގެން މި ހުރިހާ ދުވަހަކުވެސް އުޅުނީ މިނިވަނެއްގެ ގޮތުގަ އެވެ.

ހޮސްޕިޓަލުގެ ރަސްމީ ވަޒީފާ ލިބުމުގެ ކުރިން ކުޑަކުދިންގެ ޚާއްސަ ނަރުހަކަށް ސްޕެޝަލައިޒްވުމަށްޓަކައި ސްޓޫޑަންޓް ނާސް އެއްގެ ގޮތުގައި ނިއޯނެޓަލް ޔުނިޓްގައި ތިން އަހަރުދުވަހު ލޫސީ ތަމްރީނު ވެފައި ވެއެވެ. އަދި ގްރެޖުއޭޓް ވުމަށްފަހު އޭނާ ރަސްމީކޮށް އެތަނުގައި ވަޒީފާ އަދާކުރަން ފެށީ އެވެ.

ލޫސީ އަކީ ބަލާ ބެލުމަށް މޫނުގައި ވަރަށް މައުސޫމް ގޮތެއް ހުރި ޒުވާން އަންހެނެކެވެ. އޭނާގެ އެކުވެރިއަކު ބުނި ގޮތުގައި ލޫސީ އަކީ ތަންކޮޅެއް އެހެން ފާޑަކަށް އުޅޭ މީހެއް ނަމަވެސް ވަރަށް ހިތްހެޔޮ ފާޑެއް ޖަހަ އެވެ. އެހެން އެކުވެރިއަކު ބުނި ގޮތުގައި ލޫސީ އަކީ ރަނގަޅު މީހެކެވެ.

ހޮސްޕިޓަލުގެ އާ ނިއުނެޓަލް ވޯޑެއް އަޅަން ހަތަރު މިލިއަން ޕައުންޑުގެ ފަންޑް އެއްކުރަން ކުރި މަސައްކަތެއްގައި ވެސް ލޫސީ އަމަލީ ގޮތުން ބައިވެރިވެފައި ވެއެވެ.