ލައިފްސްޓައިލް

ޕައިލެޓަކު ފައިސާ ދަތިވެ ނޫޑްލްސް ވިއްކަނީ

މެލޭޝިޔާގެ ސުބަންގް ޖާޔާގައި ދިރިއުޅޭ އަޒްރީން މުހައްމަދު ޒަވާވީ ކޮންމެ ދުވަހަކު ވެސް ހެނދުނު އޭނާގެ ކެޕްޓަން ޔުނިފޯމް އަޅައި ކެޕްޓަނުން އަޅާ ކަޅު ތޮފި އަޅައިގެން މަސައްކަތު ދާން ނުކުމެ އެވެ. ނަމަވެސް ފާއިތުވީ 20 ވަރަކަށް އަހަރު އޭނާ މިގޮތަށް ހެދުން އަޅައިގެން ކޮންމެ ދުވަހަކު ދިޔައީ އެއާޕޯޓަށް ނަމަވެސް މި ދުވަސްވަރު އޭނާ ޔުނިފޯމް އަޅައިގެން ދަނީ ކުއަލަ ލަމްޕޫރުގެ ރަށްބޭރުގައިވާ ސްޓޯލަކަށެވެ. އެއީ ނޫޑްލްސް ތައްޔާރުކޮށް ވިއްކުމަށް އޭނާ ހަދައިގެން އުޅޭ ކުޑަ ކުޑަ ސްޓޯލެކެވެ.

އަޒްރިން، 44، އަކީ ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން މަތިންދާބޯޓުތައް ގްރައުންޑް ކުރަން ޖެހުމުގެ ސަބަބުން އެއާލައިންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާ ގެއްލުނު އެތައް ހާސް މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އަޒްރިން ބުނި ގޮތުގައި އޭނާ މަސައްކަތްކުރި ކުންފުނިން މީހުން ކެނޑިއިރު އޭނާގެ ވަޒީފާވެސް ވަނީ ގެއްލިފަ އެވެ. އެހެންވެ އާމްދަނީ ހޯދަން ކޮންމެވެސް މަސައްކަތެއް ކުރަން އޭނާއަށް މަޖްބޫރެވެ.

އަޒްރިން މަސައްކަތްކުރީ މަލިންޑޯ އެއާ ގައެވެ. އެ އެއާލައިނުން މިދިޔަ މަހު ވަނީ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކޮށްފަ އެވެ. އެހެންވެ އޭނާގެ ހަތަރު ދަރިންނާއި އާއިލާ ބެލެހެއްޓުމަށް އެކަށީގެންވާ އާމްދަނީ އެއް ހޯދަން އަޒްރިން އަށް މަޖްބޫރުވީ އެވެ. އެގޮތުން އޭނާ ފެށި މަސައްކަތަކީ ކުޑަ ސްޓޯލެއްގައި މެލޭޝިޔާގެ ކެއުންތައް ތައްޔާރުކޮށް ވިއްކުމެވެ. ޚާއްސަކޮށް އާއިލީ ރެސިޕީއަކަށް ކަރީ ނޫޑްލް ޑިޝް އަކާއި މިކްސްޑް ފުރުޓް ޑިޝް އެއް އޭނާ ތައްޔާރުކޮށް ވިއްކަމުން ގެންދެ އެވެ.

އަޒްރީންގެ ވިޔަފާރިއަށް މިހާރު ވަރަށް ރަނގަޅެވެ. އޭނާ ކެޕްޓަނެއްގެ ޔުނިފޯމްގައި ރެޑް އޭޕްރަނެއް އަޅައިގެން ނޫޑްލްސް ވިއްކަން ހުއްޓާ އޭނާގެ އަންހެނުން ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން އެ ޕޯސްޓް ވައިރަލްވެ ގިނަ ބަޔަކު ކެޕްޓަން ޔުނިފޯމްގައި އޭނާ ނޫޑްލްސް ވިއްކާތަން ބަލާލަން އެ ސްޓޯލް ކައިރިއަށް އަންނަން ފެށުމާ ގުޅިގެންނެވެ.

އަޒްރިންގެ ސްޓޯލަކަށް އޭނާ ދީފައިވަނީ "ކެޕްޓަންސް ކޯނާ" އެވެ. މިތަނުން ކާން އައިސް ހުރި ކަސްޓަމަރަކު ބުނީ އަޒްރިން ކައްކާ އެއްޗެހި ވަރަށް މީރު ކަމަށެވެ. މިހާރު ދެ ފަހަރަކަށް އެތަނަށް އައިސް ކައިފި ކަމަށާއި ފުރަތަމަ އައީ އަންހެނުން ގޮވައިގެން ކަމަށާއި މިފަހަރު އައީ އެކުވެރިން ގޮވައިގެން ކަމަށް އެމީހާ ބުންޏެވެ. އެހެން ކަސްޓަމަރެއް ކަމަށްވާ ސައީދު ކަޑްޒިލް ވަނީ އަޒްރިން މި ވިޔަފާރި ކުރިޔަށް ގެންދާ ގޮތަށް ތައުރީފުކޮށްފަ އެވެ. އަދި އޭނާ އަކީ ވަރަށް ކްރިއޭޓިވް މީހެއް ކަމަށް ސައީދު ބުންޏެވެ.

"ވަރަށް ޔުނީކް ގޮތަކަށް އޭނާ މި ވިޔަފާރި ކުރިޔަށް ގެންދަނީ. ކެޕްޓަންގެ ޔުނިފޯމްގައި ހުރުމަކީ ވެސް ގިނަ ބަޔަކު މިތަނަށް އަންނަން ޝައުގުވެރިވާ ކަމަށް ވަނީ،" ސައީދު ބުންޏެވެ.

އަޒްރިން ބުނީ އޭނާ ކުރާ މަސައްކަތުން ހިތްވަރު ލިބިގަނެ، މިގޮތަށް ވަޒފާ ގެއްލުނު އެހެން މީހުން ވެސް އަތް އުރާލައިގެން ކުރާނެ ކަމެއް ނެތިފައި ނުތިބެ މިފަދަ ކޮންމެވެސް ކަމެއް ކުރަން ފަށާނެ ކަމަށެވެ.

"ގޮންޖެހުންތަކަށް ހިތްވަރުލައިގެން ކުރިމަތިލާ. އެއްގޮތަކަށް ވެސް ބަލި ގަބޫލުނުކުރޭ. މިއީ ހަމަ އެއާކްރާފްޓެއް އުދުއްސުން ފަދަ ކަމެއް. އަހަރެމެން އަބަދުވެސް ދަތުރުކުރާނީ ކުރިއަށް،" އޭނާ ބުންޏެވެ.