(ނުވަވަނަ ބައި)
"އެއްވެސް ޔަޤީން ކަމެއް ނޯންނާނެ. އަބަދުވެސް މިޖެހެނީ ބިރުން ހުންނަށް. މިހާރު ދިމާ ކުރާނީ ކޮން އިރަކު ކޮން ސިފައެއްގައި ކަމެއްވެސް ނޭގެ." އައިޝަމް ވާހަކަދައްކަމުން ދިޔައީ ފޯނުންނެވެ.
"ހިމޭއަށް އެނގޭތަ ކުރިންރޭ ވެސް އައިރީން ނެތްނަމަ އަހަރެންގެ ދުވަސް ދުއްވައިލީސް. އެރޭ ވެސް ސަލާމަތްވީ ހަމަ ކިރިޔާ. އައިރީންއަށް އަހަރެން ދިން އަނގޮޓީގެ އެސް މިކާޝްގެ ގަޔަށް އަމާޒުވީމަ ބިރެއް ފެނިގެން ދިޔަ ގޮތަށް ފިލިކަމަށް އައި ބުނީ. އަނެއްކާ އަހަރެން ހުރިހާ ޒަހަމުތަކެއް ރަނގަޅުވީ ވެސް އެ އަނގޮޓީގެ އެހުން ނުކުތް އަލިކަމެއް އެޅުމުން." އައިޝަމް ފޯނުން ވާހަކަދައްކަމުން ބެލްކަނީގައި ހުރި ގޮނޑީގައި ހަމަ ޖެހިލިއެވެ.
"ޝަމް ވެސް މިހާރު ދައްކާ ވާހަކަ. ކިހިނެއް އަހަރެން ގަބޫލުކުރާނީ؟" އެކޮޅުން ހިމޭޝް ދައްކަމުން ދިޔަ ވާހަކައިގެ އަޑު ހިސާބަކަށް ފޯނުން ބޭރަށް އިވިއިވި ހުއްޓެވެ.
"މި ތެދު. ދެން ޤަބޫލުކޮށްބަލަ. އަހަރެން ވެސް ހަދަހަދައިގެން ވާހަކައެއް ނުދައްކާނެދޯ. ބުނަންތަ ސިއްރެއް؟"
"ރާއްޖޭގަ މާ މަޝްހޫރު ސްޕަރ ހީރޯއެއް އުޅޭ ކަމަށް މީޑިއާގަ ޚަބަރު ފެތުރުނެއްނު... އެނގޭތަ އެއީ ކާކުކަން؟" އައިޝަމް ހިނިތުންވެލަމުން އަހައިލިއެވެ.
"ކާކު، ކާޝްތަ؟ އެއީ ކާކު؟" ހިމޭޝް އަވަސް އަވަހަށް އަހަލިއެވެ.
"ގެސްކޮށްބަލަ." އައިޝަމް ބޭނުންވީ ހިމޭޝް ތަޅުވާލާށެވެ. "ހީވަނީ ކާކުހެން. ގެސް ކޮށްލާފަ ހުރިހާ ކަމެއް ހަނދާންކޮށްފަ ނިކަން ވިސްނައިލަބަ؟"
"އެއީ.. އެއީ ޝަމްތަ؟" ޔަޤީން ނުވާ ރާގެއްގައި ހިމޭޝް ބުނެލިއެވެ. "އަހަންނަށް ބޮޑަށް ވައްތަރީ އެއީ ޝަމްއާ. ކާޝް ކިޔާތީ މުޅިން ޔަޤީންކުރަން އުނދަގޫ. އެފްބީއިން ފެނުނު ފޮޓޯއާ ޔޫޓިބުން ފެނުނު ވީޑިއޯއަށް ބަލައިފަ އެއްޗެއް ބުނަންޏާ ބުނެވޭނީ އެއީ ހަމަ ޝަމްގެ ބޮޑީ ޝޭޕޭ."
"ހެއްހެއް! އެންމެ ގާތް ރަހުމަތްތެރިއާގެ އަސްލެއް ވެސް ހިމޭ އަކަށް ނޭނގުނުދޯ." އައިޝަމް ލާނެތް ހިނިގަނޑެއް ޖަހައިލިއެވެ. "މަ ފުރަތަމަ ވެސް ހީ ކުރީ ހިމޭ އަށޭ މަގޭ ގޮތް އެނގޭނީ. އެކަމަކު ނޭގުނުތާދޯ. މީހުން ބުނަނީ ހަމަ ތެދަށް. އެމީހެއްގެ މަންމައަކަށް އެމީހެއް ދަރިއެއް އޮޅުވައެއް ނުލެވޭނެ. ކޮންމެ ސިފައެއްގަ ދަރި ފެނުނަސް މަންމައަކަށް އެއީ އޭނާގެ ދަރިކަން ފާހަގަ ކުރަން އެނގޭނެ."
"ތިބުނީ. ނޭގުނު ތިބުނާ އެއްޗެއް؟" ހިމޭޝް ސުވާލު ތަކުރާރުކޮށްލިއެވެ.
"މި ބުނީ އެއީ އަހަންނޭ. އަހަރެން އެ ސިފައިގަ ފެނުނު ފުރަތަމަ ދުވަހު ވެސް މަންމައަށް އަހަރެން ފާހަގަ ކުރަން އެގިއްޖެޔޭ. އަހަރެން އެރޭ އަލިފާން ނިއްވާލައިފަ ބެލްކަނިން ސިއްރުން ކޮޓަރިއަށް ވަދެވުނީ މަންމަގެ ކުރިމައްޗަށް. ދެން މަންމަ ބުނެފި މަންމައަށް މާކުރިން ވެސް އެއީ ޝަމް ކަން އެނގިއްޖެޔޭ." އައިޝަމް ފޯނު ވައަތު ކަންފަތުގައި ޖައްސައިލިއެވެ. "އަހަރެންގެ ހެދުމަކީ އަހަރެންގެ ބައްޕަ އަހަންނަށް ދިން ހެދުމެއް. ހުރިހާ ބާރެއް އަހަރެންނަށް ލިބުނީ ﷲ ގެ ކުޅަދުން ވަންތަކަމުން."
"ދެން ކޮން ކާޝް އެއް އެއީ." ހިމޭޝް އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.
"ކާޝް ދޯ. މިހާރު ހިތަށް އެބަ އަރާ އެނަން ކިޔުނީ ގޯހުންނޭ." އައިޝަމް ކޮޅަށް ތެދުވެލިއެވެ.
ބެލްކަނީގެ ހޮޅީގައި އަތް އަޅުވާލަމުން މަގުމައްޗާ ދިމާއަށް ބަލައިލިއެވެ.
"އަސްލު އެ ހުރިހާ މޮޅެއް އަހަންނަށް ލިބުނީ މިކާޝްގެ ސަބަބުން. އޭނާ އަހަރެންގެ ބާރުވެރިކަމުގެ ވާހަކަ އަހަރެންނަށް ހިއްސާކުރީ. އަހަންނަކީ ކިހާވަރެއްގެ، ކާކުކަން ވެސް އަހަންނަށް ދަސްކޮށްދިނީ މިކާޝް. އެހެންވެ އަހަރެން ބޭނުންވީ އަހަރެންގެ މަޝްހޫރުކަން މިކާޝްއާ ގުޅުވަން. މިކާޝްގެ ނަމާ ގުޅުވައިގެން ކާޝްގެ ނަން ހެދުމުގައި ލޭބަލް ކުރީ."
"އޯހް! ދެން ގޯހެއް ނެތްތާ. އައިރީންއަށް އެނގޭތަ ތިޔައީ ކާޝް ކަން." ހިމޭޝް ސުވާލުކޮށްލިއެވެ.
"ނޫން އަދި ނޭނގޭނެ. އެކަމަކު އޭނާއަށް އެނގޭނެ އަހަރެންނަކީ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ މީހެއްކަން. މަތީގައި ފަޒާ ތެރޭގައި އަހަރެންނަށް އުދުހެވޭކަން. އެހެން މީހުންނަށް ލިބިފައި ނުވާ އެތައް ކަމެއް އަހަރެންނަށް ލިބިފައިވާނެކަން." ފުން ނޭވާއެއް ދޫކޮށްލަމުން އައިޝަމް ހަމަޖެހިލިއެވެ. "ދެން އަހަރެންގެ ބައްޕައަކީ ކާކުކަމާއި ބައްޕަ ހުރީ ކިހިނެއް ވެފައިކަން އޭނާއަށް އެނގޭނެ."
"އޭ ދެން ބާއްވަމާ. މަ ފަހުން ގުޅާނަން." ހިމޭޝް ލާނެތް ފާޑަކަށްހޭންފެށިއެވެ.
"ތިއެއް ނޫނޭ ކޮން އިރަކުންތަ އަންނާނީ؟ މިހާރު ހިމޭއަށް މި އިންތިޒާރު ކުރެވެނީ. އަހަރެން ބޭނުން އަހަރެން މި ވާހަކަ ނިމޭ އިރު ހިމޭގެ އެޕިސޯޑެއް މީގައި ހިމެނުން. މި ބޮޑު ހަނގުރާމައިގަ ކުޅިފަސް ލިބޭ އިރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ މަދަދުވެރިކަން ލިބުން." އާދޭހުގެ ރާގެއްގައި އައިޝަމް ބުނެލިއެވެ.
"ލަހެއް ނުވާނެ، މިހާރު އެއްކޮށް ނިމުނީ، ދެން ޓިކެޓް ކަންތަކާ ގުރެޖުއޭޝަން ކަންތައް ގަނޑު ނިންމާލާފައި ދާންވީ، އަދި ޔުނިވަރސިޓީން ނިންމަން ޖެހޭ ބައެއް ކުދިކުދި ކަންކަން އެބަހުރި. ހީވަނީ ޓޫ ވީކްސްތެރޭ މަ ހުންނާނީ މާލޭގަ ހެން." ހިމޭޝް ވާހަކަ ކުރުކޮށްލިއެވެ.
"އޯކްސް ކަޓް އިނގޭ. ސީ ޔޫ ސޫން." އައިޝަމް ހިމޭޝަށް ވަދާޢުކުރިއެވެ.
"ކޮން ތާކަށް ދާން ތިއުޅެނީ؟" ބަރުއަޑަކުން ވާހަކަދައްކާއަޑު އިވުމުން އައިރީން ފަހަތް ބަލައިލީ ސިހިގެންނެވެ.
އައިރީނަށް ފަސް އެނބުރި ބަލައިލެވުނެވެ. އައިރީނަށް ކަޅިއަޅައިގެން ހުރި އެކަކުވެސް ފެންނާކަށް ނެތެވެ. މަގުމަތި ހަލަބޮލިވެފައިވަނީ ދުއްވާ އެއްޗެހިންނާއި ހިނގާ މީހުންނެވެ. އޭރު އޭނާއަށް ހުރެވުނީ ލޮނުޒިޔާރަތް ޕާކާ ހިސާބުގައެވެ. މިސްރާބު ޖަހައިފައި ހުރީ ބުރިޖު ފެށޭ ހިސާބަށެވެ. ކުރިން ސުނާމީ ބިނާ ސަރަހައްދަށެވެ. ހީވި ހީއެއްކަމަށް ނިންމާ އައިރީން ކުރިއަށް ހިނގައިގަތީ ދެ ފިކުރެއްގެ މަތީގައި ހުރެގެންނެވެ.
"އޭ ބަލަ އިންސާނާ. ހަމަ މިހާރު ހުއްޓޭ! އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް ކަލޭގެ ދުވަސް ދުއްވާލަން ޖެހިދާނެ!" ދެމީހުން އެކުގައި ވާހަކަދައްކާހެން ހީވާ ގޮތަށް ބާރުބާރަށް އައިރީނަށް މުހާތަބު ކުރުމުން އައިރީނަށް ހުއްޓެވުނެވެ.
ގުޑިލާން ވެސް ނޭނގި ހުރެވުނީއެވެ. ކުރިއަށް އަޅަން އުޅުނު ފިޔަވަޅު ވެސް ކުރިއަށް ނޭޅި ފަހަތު ފަޔަށް ބުރަވެވުނީއެވެ. އޭނާއަށް ހީވީ ކަންފަތް ބުޑުގައި ބާރު ގޮވުމެއް ގޮވީހެންނެވެ. އެހައި ވެސް އަޑުފަށްގަނޑު ބާރުބާރަށް އައިރީނަށް ދުވަހަކު ވެސް މީހަކު މުހާތަބެއް ނުކުރެއެވެ.
"އައިރީން ގާތު މިބުނީ ހުއްޓޭށޭއެއްނު." މި ފަހަރު އައީ ރީތި އަންހެން އަޑެކެވެ.
އަޑު ސާފުވެފައި އަންހެންވަންތަކަން ރާގުގައި އެކުލެވިފައިވެއެވެ.
"އަހަރެން ބޭނުމެއް ނޫން އައިރީނަށް އެއްވެސް އުނދަގުލެއް ކުރާކަށް. އާދެބަ އަހަންނާއެކު އަރޓިފިޝަލްއަށް ދާން."
ކުރިމަތިން ރީތި ރީތި އަންހެން ކުއްޖަކު ފެނުމުން އައިރީން ސިހުނެވެ. އޭނާގެ ވާހަކަދެއްކުމުގައި އާދަޔާ ހިލާފު ގާތް ގޮތްތަކެއް ހުރިކަން ހާމަވަމުން ދިޔައެވެ.
"މިއުޅެނީ ވަރަށް ބޮޑު ކަމެއް ލައިގަނެގެން. މިކަމުގައި އައިރީންގެ އެހީ އަހަންނަށް އިންތިހާއަށް ބޭނުންވޭ. ޕްލީޒް އާދޭސްކޮށްފަ. އަހަރެން އައިރީނަށް މި އެދެނީ ވަރަށް ބޮޑުކަމަކު. މިކަމުގައި އައިރީން އަހަންނަށް އެހީތެރި ނުވެއްޖެ ނަމަ އަހަންނަށް ވެސް އައިރީންނަށް ވެސް އަދި އައިޝަމަށް ވެސް އޮތީ ހިތާމައާއި ގެއްލުން. އަހަރުމެން ތިން މީހުންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިފައިވަނީ އައިރީން. އާދޭސްކޮށްފަ އަހަންނަށް އެހީވާނަމޭ ބުނޭ. ޕްލީޒް އައިރީން!" ގޮތް ނޭނގޭ އެ އަންހެން ކުއްޖާގެ ބަސްތަކުން އައިރީން ހިތުގައި ޖެހުނެވެ.
އޭނާއަށް އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވުނެވެ.
"ތީ... ތީ ކާ... ކާކު؟" އައިރީންނަށް ބުނެވުނީ އެހައި ހިސާބަށެވެ.
"އަހަންނަކީ ކާކުކަމާއި އަހަރެންގެ ހުރިހާ ވާހަކައެއް ކިޔައިދޭނަށް އަވަހަށް މިތަނުން ހިނގާ. މިއީ ރައްކާތެރި މާހައުލެއް ނޫން. ހިނގާބަލަ އާޓިފިޝަލްއަށް. އެތަނަން ގޮސް ހަމަޖެހިލައިގެން ތިބެ ކިޔައިދޭނަން." އެ ޒުވާނާ އައިރީންގެ އަތުގައި ހިފިއެވެ.
އެއާއެކު އައިރީން ވެސް ޒުވާނާގެ ފަހަތުން މަޑުމަޑުން ހިނގައި ގަތެވެ.
"ކީއްކުރަންތަ އާޓިފިޝަލްއަށް ދާންވީ؟ ބުނެބަލަ މާ ހާއްސަކަމެއް އޮތީތަ؟" އައިޝަމް ހަނީފުއާ ސުވާލުކޮށްލިއެވެ.
ހަނީފު އިނީ ސައިކަލު ދުއްވާށެވެ. އައިޝަމް އިނީ ހަނީފުގެ ފަހަތުގައެވެ.
"ހިނގާބަ ދިޔައީމައެއްނު އެނގޭނީ. ސަޕްރައިޒެއް އެބަ އޮތް ވަރަށް ހާއްސަ." ހަނީފު ވާހަކަދައްކަމުން ދިޔައީ އާންމުކޮށް ވާހަކަދައްކާ ވަރަށް ވުރެ ތަންކޮޅެއް ބާރަށެވެ.
ސައިކަލުގެ އިންޖީނުގެ އަޑާއި ވައިކަފަމުން ދުއްވާފައި ދާ އުޅަނދުފަހަރުގެ އަޑާއެކު މަގުމަތި ގުގުމާލެވިފައިވާތީއާ ވެސް އެކުގައެވެ.
"އަނެއްކާ ކިހައިވަރެއްގެ ސަޕްރައިޒެއް؟ ސަޕްރައިޒް ދޭން އުޅޭ މީހާއަށް ސަޕްރައިޒް ނުލިބި އެހެން މީހުންނަށް ސަޕްރައިޒެއް ނުދެއްޗެ." އައިޝަމް ހަނީފަށް ދިމާކޮށްލިއެވެ.
އޭރު އެމީހުން ސޯސަންމަގު ޓްރެފިކްގައި ޖެހިގެން މަޑުކުރަނީއެވެ.
"އަސްލު އެނގޭތަ؟ އެތާ އެބައޮތް ވަރަށް ހާއްސަ އިވެންޓެއް. ނާޒީމެންގެ ގުރޫޕު. އެއްކަލަ ދީވާނާވޭ މޫސުން. އޮބި ލަވައެއްނު އެ." ހަނީފު އާދައިގެ ރާގުގައި ވާހަކަދެއްކިއެވެ.
އޭރު ޓްރެފިކަށް މަޑުކޮށްފައިވާ މީހުންގަނޑުން މުޅި މަގު ހަލަބޮލިވަމުން ދިޔައެވެ.
"އޭ ބްރޯ ކަޑައޭ. އޭތި ކަޑައޭ. މަ ވަރަށް ކަޑަ ވެފަ މި ހުންނަނީ އެ ލަވަ މަތިން ވެސް ފޫހިވެއްޖެ. މައްސަލައަކީ އެ ގޮލައިން ބަޓުވީމަ. ބަޓް ނުވިނަމަ އޯކޭ ދޯ. ބަޓް ނުވެ ކަން ނިންމާލަންވާނެ ދޯ ބްރޯ." އައިޝަމްގެ ވާހަކައަޑު އިވިގެން ޖެހިގެން އިން ސައިކަލް މަތީ އިން ލާނެތް ފުރައިގެ ޒުވާނަކު އެމީހުންނާ ބައިވެރިވެލިއެވެ.
އައިޝަމަށް ބަލައިލެވުނީ އެ ޒުވާނާއަށެވެ. އިސްތަށިގަނޑުވަނީ ދިގުކޮށް ހާވާލެވިފައެވެ. ތުނބުޅިއާ މަތިމަސް ވެސް ހުރީ ފާޑަކަށް ދިގު ކޮށްފައެއެވެ. ތުނބުޅިން ބައެއްގައި ހުރީ ރަތްކުލަ ޖައްސާފައެވެ. ކަންފަތްވަނީ ތޮރުފާފައެވެ. ބުމައިގެ މަތިން މޮހޮރެއް ކަހަލަ އެއްޗެއް ލައްވާފައެވެ. ލޮލުގައި ވަނީ އަނދުންއަޅައިފައެވެ. ތިރީ ތުންފަތް ކައިރި ވެސް ތޮރުފައި އެއްޗެއް ލައްވާފައިވާހެން ހީވެއެވެ. އޭނާ އިރު އިރު ކޮޅާ ކަންހުޅިއަށް ދަމާލައެވެ. ވާހަކަދައްކަމުން ދިޔައިރު މަތިމަހުގެ ކަން އޮޅައިލައިފަ އަނގަޔާ ކައިރިކޮށްލައެވެ. ނުދަންނަ ސޮރެއްވީމަ އައިޝަމް މަޑުމަޑުން އިނީއެވެ.
"ބްރޯ ނެތްތަ ކަމެއް؟ މަ މި ދަނީ ވައިވެގެން، ނެތްތަ ޕާޓީއެއް ކޮށްލާ، އަންބާރާ ހަދައިލުމެއް. ނެތްތަ ސުއްޓާއެއް އަނބުރައިލުމެއް ވެސް." އެ ޒުވާނާ ދެވަނަ ފަހަރަށް އައިޝަމްމެނަށް ބަލައިލިއެވެ. "ސީކޮށް ވަރަށް ވައި ނައިޓެއް."
"ސޮރީ! އަހަރުމެން މީ ތި ކަހަލަ ކަންކަން ކުރާ ބައެއް ނޫން. މީޑިއާގައި ދައްކާ ހުރިހާ ވާހަކައަކީ އަދި ތެދެއްނޫން. މީޑިއާ އަކީ މީހުންގެ އަގުވައްޓާލަން ވަރަށް ފަސޭހަ ވަސީލަތެއް. އަހަރުން އެ މީހުންނަށް ސަޕޯޓް ކުރަނީ އެމީހުންގެ ހުނަރަށް. މީހައަކަށް ނޫން. އަނެއްކޮޅުން އިސްތަށިގަނޑު ކޮނޑާ ހަމައަށް ހުއްޓަސް އަހަންނާ އަހަރެންގެ ބަޑީއަކީ ކައޭ ތިބުނާ ކަހަލަ ފާޑަށް އުޅޭ ބައެއް ވެސް ނޫން." އައިޝަމް އަނގައިން ނުބުނުމުން ހަނީފު އެ ޒުވާނާއަށް ރައްދު ދިނެވެ.
އެ ޒުވާނާގެ ބަސްމަގާ އެއް ކަހަލަ ގޮތަކަށެވެ. އޭރު ފެހި ބޮކި ދިއްލުމުން ހުރިހާ އުޅަނދެއް ދުއްވައިލިއެވެ.
ހަމަ އެވަގުތެވެ. އައިރީންއާ އޭނާއާ ދިމާވި އަންހެންކުއްޖާއާ އެކު ހެންވޭރު އާޓިފިޝަލް ބީޗަށް ވަދެ ދެކޮޅަށް ބަލައިލަމުން އެންމެ މީހުން މަދު ދިމާއަށް މިސްރާބު ޖެހިއެވެ.
"ހޫނ! ކިހިނެއްވީއޭ؟" އައިރީން ހެދިގޮނޑުދޮށު މޫދަށް އެރޭ ސަރަހައްދުން ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލިއެވެ.
"އަދި މިއުޅެނީ ނަން ވެސް ނުބުނެވިގެންދޯ! އަހަރެންމީ މިކާޝް! މީ އައިޝަމްގެ ވަރަށް ގާތް ފްރެންޑެއް!" މިކާޝް އަމިއްލައަށް ތައާރަފުވެލަމުން ހީލިއެވެ. (ނުނިމޭ)