އިޒްރޭލާއެކު ޕާކިސްތާނުން ސިޔާސީ ގުޅުން ގާއިމު ކުރަން އެކި ގައުމުތަކުން ފިއްތުންތައް ކުރިމަތިކުރުވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅު ވެއްޖެ އެވެ.
ޕާކިސްތާނުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ބޮޮޑު ވަޒީރު ހާން ވިދާޅުވީ އެފަދަ ފިއްތުންތައް ބައެއް ގައުމުތަކުން އެ މަނިކުފާނަށް ކުރިމަތި ކުރި ނަމަވެސް އިޒްރޭލާއެކު ގުޅުމެއް އުފައްދާނީ މެދުއިރުމައްޗާއި ފަލަސްތީނުގެ މުޅި މައްސަލައަށް އިންސާފު ލިބުމާއެކު ހައްލެއް ވެސް ލިބިގެން ކަމަށެވެ.
ބޮޑު ވަޒީރު ހާން ވިދާޅުވީ އިޒްރޭލް މައްސަލާގައި ޕާކިސްތާނުގެ ސްޓޭންޑަކީ ކޮބައިކަން އެ ގައުމުގެ ބާނީ މުހައްމަދު އަލީ ޖިނާހު 1948 ވަނަ އަހަރު ދުނިޔެއަށް ސާފު ކޮށްދެއްވާފައިވާ ކަމަށެވެ.
އެމެރިކާ އިސްވެ އޮވެ ފަށާފައިވާ "ނޯމަލައިޒޭޝަން" ޕްރޮގްރާމްގެ ދަށުން ބައެއް ގައުމުތައް ދަނީ އިޒްރޭލާއެކު ގުޅުން ގާއިމް ކުރަމުންނެވެ. އެ ގޮތުން ޔޫއޭއީ އާއި ބަހްރޭނުން ވަނީ ދާދި ފަހުން އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމު ކޮށްފައެ ވެ. އަދި ސައޫދީ އަރަބިއްޔާ އާއި ބައެއް އެހެން ގައުމުތަކުން ވެސް އެ ގުޅުން ގާއިމުކުރުމާ މެދު ވިސްނަ އެވެ.
ފަލަސްތީނުގެ ބިމުން ބައެއް ގަދަކަމުން ހިފައިގެން އުފައްދާފައިވާ ޔަހޫދީ ދައުލަތުގެ އަމަލުތައް ޕާކިސްތާނުން އަބަދުވެސް ކުށްވެރި ކުރެ އެވެ.