ލައިފްސްޓައިލް

އިންޑިއާގެ އެންމެ ދީލަތި މީހަކީ މުސްލިމް މަހުޖަނެއް

އާޒިމް ޕްރޭމްޖީއަކީ ދީލަތިކަމުގެ ރޮނގުން އިންޑިޔާގައި އެފަދަ ދެވަނަ އެއް ނެތް މީހެކެވެ. ގުޖްރާތުގެ މުސްލިމެއް ކަމަށްވާ އާޒިމަކީ އިންޑިޔާގައި ހުރި އެންމެ މުއްސަނދި މީހާއަށް ނުވިޔަސް ދީލަތިކަމުގެ ރޮނގުން އޭނާއާ ވާދަ ކުރެވޭނެ ހަމަ އެކަކު ވެސް ނެތެވެ.

އިންޑިޔާގެ އެންމެ ދީލަތި މީހުންގެ ލިސްޓުގެ ކުރީގައި އާޒިމް ޕްރޭމްޖީގެ ނަން އޮތީ ސަބަބެއް ނެތިއެއް ނޫނެވެ. ތައުލީމަށާއި ސިއްހީ ޚިދުމަތަށް އަދި އެކިއެކި ކާރިސާތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އަދި އެނޫންވެސް އިންސާނިއްޔަތަށް އާޒިމް ހަދިޔާކުރި ފައިސާގެ އަދަދު 7،904 ކްރޯޑަށް އަރަ އެވެ. އެހެންކަމުން 2019 ގައި އޭނާ ކޮންމެ ދުވަހަކު އެވްރެޖްކޮށް 22 ކްރޯޑު ރުޕީސްގެ ޑޮނޭޝަނެއް ވަނީ ދީފަ އެވެ.

ވައިޕްރޯގެ ފައުންޑާ އަދި ޗެއާމަން އާޒިމް އާ ޖެހިގެން ދެ ވަނަ އަށް މި ލިސްޓުގައި އޮތީ ޝިވް ނަޑަރް އެންޑް ފެމެލީ އެވެ. އެމީހުން ހަދިޔާކޮށްފައިވަނީ 795 ކްރޯޑެވެ. އިންޑިޔާގެ އެންމެ މުއްސަނދިމީހާ ކަމަށްވާ މުކޭޝް އަމްބާނީ އާއި ފެމެލީ އުޅެނީ މި ލިސްޓުގެ ތިން ވަނައިގަ އެވެ. އެ އާއިލާއިން ހަދިޔާކޮށްފައިވަނީ 458 ކްރޯޑެވެ.

ވީމާ އާޒިމް އާ ގާތް ކުރާ ވަރަށް ވެސް އެހެން އެއްވެސް އިންޑިޔާ މީހަކަށް ދީލަތިކަން ފޯރުކޮށްދެވިފައެއް ނެތެވެ.
ދުނިޔޭގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން އެންމެ ކުރީގައި އުޅޭ މީހުންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ އެޑެލްގިވް ހާރޫން އިންޑިއާ ފިލޮންތްރޮޕީ އިންނެވެ.

މި ލިސްޓުގައި އޭނާގެ ބައްޕަގެ ނަން އެންމެ ކުރީގައި އޮތުމުން އާޒިމްގެ ދެ ފިރިހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު ރިޝާދު ޕްރޭމްޖީ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕަ އަބަދުވެސް ގަބޫލުކުރަނީ ލިބިފައިވާ މުއްސަނދިކަމަކީ އަމާނާތެއްގެ ގޮތުގައި ކަމަށެވެ. އެ މުއްސަނދިކަމަކީ އޭނާގެ އަމިއްލަ އެއްޗެއް ކަމަކަށް ބައްޕަ އެއްއިރެއްގައި ވެސް ގަބޫލު ނުކުރާ ކަމަށެވެ. އެހެންކަމުން ދިރިއުޅޭ މުޖުތަމައަށް ވީވަރަކުން އެހީތެރިވުމަކީ އެމީހުންކުރަން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ބައްޕަ އަބަދުވެސް ދެކޭ ކަމަށް ރިޝާދުގެ ޓުވީޓްގައި ބުނެފައި ވެއެވެ.

އާޒިމް އުފަންވީ ބޮމްބޭގައި ދިރިއުޅޭ ގުޖްރާތުގެ މުސްލިމް އާއިލާ އަކަށެވެ. އޭނާގެ ބައްޕަ އަކީ ވެސް ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. "ބަރުމާ ހަނޑުލުގެ ރަސްގެފާނު"ގެ ގޮތުގައި އާޒިމްގެ ބައްޕަ މުހައްމަދު ހާޝިމް ޕްރޭމްޖީ މަޝްހޫރުވެފައި ވެއެވެ. ޕާކިސްތާނުގެ ވެރިކަމުގައި މުހައްމަދު އަލީ ޖިނާޙު ހުންނެވިއިރު އެ ގައުމަށް އާޒިމްގެ ބައްޕަ ގެންދަން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އޭނާ އެކަމަށް އެއްބަސް ނުވީ އެވެ.

އާޒިމް ކިޔެވީ ސްޓޭންފޯޑް ޔުނިވަސިޓީ އިންނެވެ. އޭނާގެ އަތުގައި އެ ޔުނިވަސިޓީގެ ބެޗްލާ އޮފް ސައިންސް އިން އިލެކްޓްރިކަލް އިންޖިނިއަރިން ޑިގްރީއެއް އެބައޮތެވެ.

އާޒިމް ކައިވެނިކުރީ ޔާސްމީން ނަމަކަށް ކިޔާ މުސްލިމް އަންހެނަކާ އެވެ. އެ ދެ މީހުންގެ ތިބެނީ ދެ ފިރިހެން ދަރިންނެވެ. ތާރިގު އާއި ރިޝާދު ޕްރޭމްޖީ އެވެ. ވައިޕްރޯގެ އައިޓީ ވިޔަފާރީގެ ހުރިހާ ކަމެއްގައި އިސްކޮށް އުޅެނީ ރިޝާދު އެވެ.
އިންޑިޔާގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ދޭ އެންމެ އަގުހުރި އެއް އެވޯޑު ކަމަށްވާ ޕަދްމަ ބޫޝަން 2005 ގައި އާޒިމް އަށް ލިބިފައި ވެއެވެ. އަދި 2011 ގައި ޕަދްމަވިބޫޝަން ވެސް ލިބިފައި ވެއެވެ. މިއީ އިންޑިޔާ ސަރުކާރުން ދޭ އެންމެ ދެ ވަނަ އަށް އެންމެ ގަދަރުވެރި އެވޯޑެވެ.

އާޒިމް ވަނީ 2001 ގައި އާޒިމް ޕްރޭމްޖީ ފައުންޑޭޝަންގެ ނަމުގައި ނޮން-ޕްރޮފިޓް އޮގަނައިޒޭޝަނެއް އުފައްދާފަ އެވެ. އިންޑިޔާގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް 2010 ގައި އޭނާ ދެ ބިލިއަން ޔޫއެސް ޑޮލަރު ހަދިޔާކޮށްފައި ވެއެވެ.
އާޒިމް އަބަދުވެސް ބުނަނީ މުއްސަނދިކަމަކީ އޭނާއަށް އެއްގޮތަކަށް ވެސް ހިތްހަމަޖެހުމާއިއ އުފާ ލިބޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ ބިލް ގޭޓްސް ފަދަ ބޮޑެތި މަހުޖަނުން ހިމެނޭ ޕިލޮންތްރޮޕީ ކްލަބްގެ އެންމެ އިސް އެއް މެމްބަރުގެ ގޮތުގައި ވެސް އާޒިމް ހިމެނެ އެވެ.

އޭޕްރީލް 2013 ގައި އާޒިމް ވަނީ އޭނާގެ މުއްސަނދިކަމުގެ 25 ޕަސެންޓް ޗެރިޓީ އަށް ހަދިޔާކޮށްފަ އެވެ. އަދި 2015 ގެ ޖުލައިގައި ވައިޕްރޯގެ އިތުރު 18 ޕަސެންޓް ސްޓޭކް ޗެރިޓީއަށް ހަދިޔާ ކުރި އެވެ. އޭޕްރީލް 2019 އާ ހަމައަށް އެއްކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާޒިމް ޗެރިޓީއަށް ހަދިޔާކޮށްފައިވާ ފައިސާގެ އަދަދު 21 ބިލިއަން ޑޮލަރަށް އަރަ އެވެ.