ބޮލީވުޑް

މުރުނާލް ޓާކޫރުގެ ޓީވީ އާއި ބޮލީވުޑް ތަޖުރިބާ

މުރުނާލް ޓާކޫރް މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް ވަނީ ޓީވީ އެކްޓަރެއްގެ ގޮތުގަ އެވެ. އޭނާ ތައާރަފްވީ ޒީ-ޓީވީގެ ކާމިޔާބު ޝޯ "ކުމްކުމް ބާގްޔާ" އިންނެވެ. ހީވެސް ނުކުރާ ފަސޭހައިން ބޮލީވުޑަށް ވަނުމުގެ ފުރުސަތު މުރުނާލް އަށް ލިބުނު ކަމަށް ބައެއް މީހުން ހީކުރެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ބޮލިވުޑް ފިލްމުތަކުން މުރުނާލް ޖާގަ ހޯދީ ވަރަށް މަސައްކަތުންނެވެ.

އޭނާ ކުރި މަސައްކަތް ކާމިޔާބު ވުމަށްފަހު ކަރަން ޖޯހަރް އާއި ވިކާސް ބާލް ފަދަ ޕްރޮޑިސަރުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު މުރުނާލް އަށް ލިބުނެވެ.

މުރުނާލް ބުނި ގޮތުގައި ޓީވީ އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގޮސް ފިލްމީ ދުނިޔެއަށް ވަނުމުގައި އޭނާއަށް ކުރިމަތިވީ އެންމެ މައްސަލަ އެކެވެ. އެއީ އޭނާގެ އެކްޓިން ހުނަރު ދައްކާ ލެވޭ ކަހަލަ ފިލްމެއް އަލަށް ކުޅޭ ފިލްމަކަށް ހަދަން ބޭނުންވާތީ އެ ފަދަ ފިލްމެއް ހޯދުމެވެ.

އޭނާ ފުރަތަމަ ކުޅުނު "ލަވް ސޯނިއާ"ގެ ޑައިރެކްޓަރު ތަބްރޭޒް އީރާނީ އަށް ވެސް ފުރަތަމައިނުން މުރުނާލް އަށް އެ ފިލްމުގައި ކުޅެން ޖެހޭ ރޯލު ފުރިހަމައަށް އަދާ ކުރެވިދާނެ ކަމަށް ޝައްކުވި އެވެ. އޭނާ އެއްބަސް ކުރުވަން ވަރަށް މަސައްކަތް ކުރަން ޖެހުނު ކަމަށް މުރުނާލް ބުންޏެވެ. މުރުނާލް ބުނީ "ލަވް ސޯނިއާ" ރިލީޒްވުމުން ބައެއް ފިލްމުތަކުގެ އޮޑިޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ލިބެން ފެށި އެވެ.

"ފިލްމު އިންޑަސްޓްރީގައި ގޯޑްފާދާއެއް ނެތި އަމިއްލައަށް މަސައްކަތް ހޯދަން އުޅެން ޖެހުމަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް. ބައެއް ފަހަރު ވަރަށް ދެރަވާ ކަންކަމާ ވެސް ދިމާވި. ވަރަށް ބިރުގަންނަން ޖެހުނު ވަގުތުތައް ވެސް ދިޔަ. ނަމަވެސް ހިތް ބުނަނީ މިކަން އަހަންނަށް ވާނޭ. އެހެންވެ ހިތްވަރާއެކު މަސައްކަތް ކުރެވުނީ،" މުރުނާލް ދާދިފަހުން އިންޑިޔާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުންޏެވެ.

މުރުނާލް ބުނި ގޮތުގައި ފިލްމެއްގައި އޭނާގެ ރޯލު ކުރަސް އަދާކުރަން ޖެހޭ ރޯލު މޮޅުވެފައި ފިލްމުގެ ވާހަކަ ރީތިނަމަ އޭނާއަށް މައްސަލައެއް ނެތެވެ. އޭނާ ބޮޑަށް ބަލަނީ ވެސް އެފަދަ ފިލްމުތައް ހޯދާށެވެ. ނަމަވެސް ރާކޭޝް އޯމްޕްރަކާޝް އާއި ނިކިލް އަދުވާނީ ފަދަ މަޝްހޫރު ޑައިރެކްޓަރުންގެ ފިލްމެއްގެ ލިބިއްޖެނަމަ އެ ކުޅެން ޖެހޭ ރޯލަކާ މެދު ނުވިސްނާ އެ ފިލްމެއް ގަބޫލު ކުރާ ކަމަށް މުރުނާލް ބުންޏެވެ.

މުރުނާލްގެ ފިލްމީ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ރިތިކް ރޯޝަން އާއެކު ކުޅުނު "ސުޕަ 30" އެވެ. ފިލްމީ ކެރިއަރު ފަށައިގަތް ތަނުން މިފަދަ ފިލްމެއް ލިބުމަކީ ގިނަ ބަތަލާއިންނަށް ހުވަފެނަކުން ވެސް ފެންނަ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މުރުނާލްގެ ނަސީބު ރަނގަޅުކަމުން މި ފިލްމު އޭނާއަށް ލިބުނީ އެވެ. އަދި ވަރަށް ގިނަ ބަޔަކަށް އޭނާގެ ހުނަރު ފާހަގަ ކުރެވުނީ ވެސް މި ފިލްމުންނެވެ.

މިހާރު މުރުނާލް ކުޅެމުންދަނީ ޝާހިދު ކަޕޫރާއެކު ކުޅޭ "ޖާޒީ" އެވެ. އޭގެ ކުރިން އޭނާ ވަނީ "ބަޓްލާ ހައުސް" ކިޔާ ފިލްމެއް ކުޅެފަ އެވެ.

"ލޮކްޑައުން އަށް ދިޔައިރު އަހަރެން އުޅެނީ "ޖާޒީ"ގެ ޝޫޓިންގްގައި. ލޮކްޑައުންގައި އަހަރެން ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔާފަ ވަރަށް ގިނަ ޑައިރެކްޓަރުންނާ ވެސް ގުޅައިގެން މަސައްކަތް ހޯދަން އުޅުނިން. މަޑުމަޑުން ހުރެ އަހަރެން މިހާރު ވާނީ ވަރަށް ރަނގަޅު ޕްރޮޖެކްޓްތަކެއް ހޯދާފައި. އަހަރެންނަށް ވަރަށް ރަނގަޅު ފިލްމުތަކެއް ގެއްލިފައިވެސް ވޭ. އެހެންނަމަވެސް ރަނގަޅު މަސައްކަތްތަކެއް މިހާރުވެސް ލިބިފައި އެބަހުރި،" މުރުނާލް ބުންޏެވެ.
މުރުނާލްގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި ފަރްހާން އަޚްތަރު އާއެކު ކުޅޭ "ތޫފާން" އާއި ސިދާރްތު މަލްހޯތުރާ އާއެކު ކުޅޭ "ތަޑަމް" ރިމޭކް އަދި އަބިމަންޔޫ ދަސާނީ އާއެކު ކުޅޭ "އާންކް މިޗޯލީ" ހިމެނެ އެވެ.