ރިޕޯޓް

ތިމާވެއްޓަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިން

Nov 17, 2020

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނިމިގެންދިޔައިރު އެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުން ވަނީ ހޯދާފައެވެ. ހާއްސަކޮށް ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދުތައް ކަނޑައަޅާ އެ ސަރަހައްދުތައް ހިމާޔަތް ކުރުން ފާހަގަކުރެވެއެވެ. އަދި ކުނިމެނޭޖް ކުރުމާއި މޫސުމާއި ގުޅުންހުރި އެކި ކަންކަމުގައިވެސް މުހިންމު ދައުރެއް ރާއްޖެއިން އަދާކޮށްފައިވެއެވެ. މީގެ އިތުރުން ހަކަތައިގެ ދާއިރާއިން މިދިޔަ ދެ އަހަރު ހޯދި ކާމިޔާބީ އަކީ ފާހަގަކޮށްލަންޖެހޭ ފަދަ ކަންކަމެވެ.

މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ތިމާވެށީގެ ގޮތުން ހާއްސަ 24 ސަރަހައްދެއް (14،431 ހެކްޓަރު) ތިމާވެށީގެ ގާނޫނުގެ ދަށުން ވަނީ ހިމާޔަތް ކޮށްފައެވެ. އެ ގޮތުން ބޮޑުތިލަދުންމަތީގެ 14 ސަަރަހައްދެއް އަދި ޅ. އަތޮޅުން ފަސް ސަރަހައްދަކާއި އައްޑު އަތޮޅުން ހަތަރު ސަރަހައްދެއް އަދި ފުވައްމުލަކުން ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ.

މީގެ އިތުރުން ފަސް ސަރަހައްދެއް ވަނީ ރީޒޯން ކުރެވިފައެވެ. މި ފަސް ސަރަހައްދާއެކު ޖުމްލަ 16,804 ހެކްޓަރުގެ ސަރަހައްދެއް މި ދެ އަހަރުތެރޭ ހިމާޔަތް ކޮށްފައެވެ. އަދި ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް އަކަށް އައްޑޫ އާއި ފުވައްމުލައްވުމަކީ މި ދާއިރާއިން ރާއްޖެ މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ. މިއީ މުޅި ރާއްޖެއަށްވެސް ލިބިގެންދިޔަ ބޮޑު ފަހުރެކެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދެ އަހަރު ނިމިގެންދިޔައިރު އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ރައީސުލްހުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިއީ ދުނިޔެއަށްވެސް ރާއްޖެއިން ދެއްކި ނަމޫނާއެކެވެ.

އަދި އައްޑޫ ސިޓީގައި ވޭސްޓް ޓު އެނާޖީ ޕްލާންޓު ގާއިމުކުރުމުގެ އެއްބަސްވުމެއް ގާއިމްކޮށް އެ މަަސައްކަތް މިހާރު ވަނީ ފެށިފައެވެ. ރ. ވަންދޫގައި ގާއިމު ކުރެވިފައިވާ ރީޖަނަލް ވޭސްޓް މޭނޭޖްމަންޓް ފެސިލިޓީގައި ވޭސްޓް ޓު އެނާޖީ ޕްލާންޓް ކޮމިޝަން ކުރުމަކީ މިދިޔަ މުއްދަތުގައި މި ދާއިރާއިން ހޯދުނު ކާމިޔާބީއެކެވެ.

ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކިވެސް ފާހަގަކޮށްލެވޭ ޕްރޮޖެކްޓެކެވެ. މިހާތަަށް 8 ކޮންޓްރެކްޓެއް އެވޯޑްކޮށް އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި ތިލަފުށީގެ ހާބާ ރީހެބިލޭޓް ކުރުމުގެ މަސައްކަތާއި
ތިލަފުށީގެ ޑަމްޕްސައިޓް މެނޭޖް ކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ. މިދިޔަ ދެ އަހަރު ތެރޭގައި މަޝްރޫއުއަށް ހަރަދު ކުރެވުނު އަދަދު ޖުމްލަ ބަޖެޓް 8،922،791 ރުފިޔާއަށް އަރައެވެ.

މި މުއްދަތުގައި ހަތަރު ޓަނުގެ އިންސިނަރޭޓާ ހަތަރު ރަށެއްގައި ގާއިމް ކޮށްފައިވެއެވެ. ކ. މާފުށި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި އިންސިނަރޭޓާ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލް ކުރުމާއި ކުޅުދުއްފުށި، ފުވައްމުލަށް އަދި ގދ. ތިނަދޫ އަށްވެސް ހަތަރު ޓަނުގެ އިންސެނޭރޭޓާ ފޯރުކޮށްދިނުމަށް ކޮންޓްރެކްޓް ކޮށްފައިވެއެވެ. އަދި ޔުނިސެފްގެ އެހީގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކެއްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ރިޔޫސިބަލް ފެންފުޅި ހަދިޔާ ކޮށްފައިވާއިރު ދެ އަހަރު ތެރޭގައި އެ މަޝްރޫއުއަށް 164،250 ރުފިޔާ ވަނީ ދައުލަތުން ހަރަދުކޮށްފައެވެ.

ފެނާއި ނަރުދަމާ

ސަރުކާރުން އެންމެ އިސްކަން ދިން މަޝްރޫއުތަކުގެ ތެރޭގައި މިހާތަނަށް ފެނާއި ނަރުދަމާ ގާއިމް ކުރެވިފައި ނުވާ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމް ކުުރުމުގެ މަަސައްކަތް ކުރުން ހިމެނެއެވެ. މިދިޔަ މުއްދަތުގައި ހދ.ނޮޅިވަންފަރު އާއި ށ.ފޯކައިދޫ އާއި ބ. ދަރަވަންދޫ އަދި ރ. މަޑުއްވަރީ ގައި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރިއަށެވެ. މި މަސައްކަތުގެ 86 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. މި ހަތަރު ރަށުގެ ފެނުގެ ނިޒާމު ގާއިމުގެ އަގަކީ 129515 މިލިއަން ރުފިޔާއެވެ.

އަދި 25 ރަށުގައި ކުރިއަށް ގެންދާ ވާރޭފެން ނަގާ ރައްކާކުރުމުގެ ނިޒާމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މި ރަށްތަކުގެ ކުރިއަށްދާ މަސައްކަތްވެސް 85 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. އަދި ފެނާއި ނަރުދަމާއަށް ހާއްސަ ގާނޫނެއް ވުޖޫދުކޮށް އެ ގާނޫނު މިހާރު ވަނީ ގަސްދީގުކޮށް އަމަލު ކުރަން ފަށާފައެވެ. މި ގާނޫނުގައި ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ލިބިދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި ފެން އުފައްދާ ފެން އިތުރުކުރުމާއި އަދި ދިވެހިރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތައް ހިމެނެއެވެ.

މީގެ އިތުރުން "ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓަޖިކް ޕްލޭން" މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިފްތިތާހު ކުރެވިގެން ގޮސްފައިވެއެވެ. މިއީ ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަމެކެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާގެ ގުޅުން ހުރި ހުރިހާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ފެނާއި ނަރުދަމާގެ ދާއިރާތަކުގެ ކޯސްތައް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓިވެޓް) އޮތޯރިޓީ އާއި އެކު، ސްކިލްސް ލެވެލް ޕްރޮގްރާމެއް އެކުލަވާލުމަށްޓަކައި 2019 ވަނަ އަހަރު ވަނީ ސޮއިކުރެވިފައެވެ. އެ އެއްބަސްވުމުގެ ދަށުން ސްކިލްސް ލެވެލް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި އެކުލަވާލަންޖެހޭ މޮޑިއުލްތަކާއި ޓްރޭއިން މެޓީރިއަލްސް ތައްޔާރު ކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީ (މައިޓް) އާ ވަނީ ހަވާލުކޮށްފައެވެ.

އަދި ފެނުގެ ވިއުގައިން ފޯރުކޮށްދޭވޭ ފެނުގެ ކޮލިޓީ ކަށަވަރު ކުރުމުގެ ގޮތުން މާލެ ސިޓީގެ ފެނުގެ ކޮލިޓީ ނަތީޖާ އާންމުނަށް ފެންނާނެހެން ޝާއިއުކުރަން ފެށުމަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ފެނަށް ހެދުމަށްޓަކައި ސަރުކާރުން އީޕީއޭ މެދުވެރިކޮށް ސަރަހައްދީ ފެންވަރުގައި ފެނުގެ ކޮލިޓީ ޗެކް ކުރާނެ ލެބޯރަޓަރީތައް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ހިދުމަތުގެ ކޮލިޓީގެ ޔަގީންކަން ލިބިގެންދިޔައިރު ފެނުގެ ނިޒާމްތަކުން އުފައްދާ ފެނާއި ނަރުދަމާ ނިޒާމުން ބޭރުކުރެވޭ ނަޖިސް ފެނުގެ ކޮލިޓީ ވަނީ ހިފެހެއްޓިފައެވެ.

މީހުން އުޅޭ ރަށްރަށުގެ ބިމުގެ ފެންފަށަލައިގެ ދިރާސާ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން 13 ރަށެއްގެ ޑީޓެއިލް އެސެސްމަންޓް ތައްޔާރުކޮށް ވަނީ ނިމިފައެވެ. އަދި ފެންފަށަލަ ރައްކާތެރިކޮށް ބެލެހެއްޓުމާއި މޮނިޓަރު ކުރުމުގެ ގޮތުން އެކަމަށް 108 މިލިއަން ވަނީ ހަރަދުކޮށްފައެވެ.

ރަށްރަށުގައި ގާއިމު ކޮށްފައިވާ އިޖުތިމާއީ ފެން ރައްކާ ކުރާ ނިޒާމުތަކުގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފެން ތަހުލީލު ކުރާ ސާމާނު މި ހިނގާ 2020 ވަނަ އަހަރު ނިމުމުގެ ކުރިން 50 ރަށަކަށް ފޯރުކޮށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި ހޫނު މޫސުމުގައި ފެން ފޯރުކޮށްދިނުމަށް އެދި ހުށަހެޅި ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް މި އަހަރުވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ތައްޔާރު ކުރަންޖެހޭ "ފެނާއި ނަރުދަމާގެ މާސްޓާ ޕްލޭން" އެކުލަވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ތައްޔާރު ކުރަންޖެހޭ ގަވާއިދުތަކާއި ސްޓޭންޑާޑްތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާ

އދގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ (ޔޫއެންއެފްސީސީ) ގެ ދަށުން އުފައްދާފައިވާ ގްރީން ކުލައިމެޓް ފަންޑަށް ރާއްޖޭގެ ކަންޓްރީ ޕްރޮގްރާމް އެކުލަވާލާ ޕްރޮގްރާމް ވަނީ ނެރެފައެވެ. މީގެ ތެރޭގައި ހަކަތަ އާއި ސިއްހީ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި އަދި އެހެނިހެންވެސް ދާއިރާއާއި ގުޅޭ ގިނަ މަޝްރޫއުތަށް ހިމެނިފައިވެއެވެ.

މިފަދަ ޕްރޮގްރާމެއް އޮތުމުން ކުރިއަށް ބައިނަލްއަގްވާމީ އެހީ ހޯދުމަށް ފަސޭހަ ވެގެންދާއިރު ކްލައިމެޓް ޗޭންޖާއި ބެހޭ ގާނޫނެއް އެކުލާވާލައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ގާނޫނެއް ރާއްޖެއަށް މުހިންމުވެފައިވާ މި ދަނޑިވަޅުގައި ބިލްގެ މަސައްކަތް މިހާރު ދަނީ ކޮމެޓީ މަރުހަލާގައި ކުރަމުންނެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް އދގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާއަށް ސަރުކާރުން ވަނީ ހުށައަޅާފައެވެ. ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް ތަކަކީ ގައުމުތަކުން ބޭރުކުރެވޭ ވިހަގޭސް ނުވަތަ ގްރީހައުސް ގޭސް ބޭރުކުރެވޭ މިންވަރާއި އަދި މަދުކުރުމަށް ގައުމުތަކުން ކުރަމުންދާ ކަންތަކާއި ބަހޭގޮތުން ކޮންމެ ދެ އަހަރުން ތައްޔާރު ކުރާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ވަރަށް ތަފްސީލްކޮށް 2015 ގެ އިންވެންޓްރީ ވަނީ ތައްޔާރުކުރެވިފައެވެ. އަދި މިހާތަނަށް ރާއްޖޭގައި ނެރެވުނު އެމިޝަންސް 2000 އިން 2015 އަށް މި ރިޕޯޓްގައި ހިމަނާފައިވެއެވެ.

މި ދާއިރާއިން މިދިޔަ ދެ އަހަރު ރާއްޖެއިން ހޯދި ކާމިޔާބީތަކަށް ބަލާއިރު ދިވެހިރާއްޖޭގެ މަލްޓި ހަޒާޑް ރިސްކް އެޓްލާސް އިފްތިތާހު ކުރުން ހިމެނެއެވެ. މަލްޓި ހެޒަޑް ރިސްކް އެޓްލަސްއެއް ވަނީ އޭޑީބީގެ ފަންނީ އެހީއާއިއެކު އެކުލަވާލެވިފައިވާ ޕްރަގްރާމެކެވެ. މި މިއެޓްލަސް ގެ ސަބަބުން، ތަރައްގީގެ އެކި މަޝްރޫއުތަކާއި ބެހޭ ނިންމުންތައް ނިންމުމުގައި ދިރާސާތަކުގެ މައްޗައް ނުވަތަ އެވިޑެންސްބޭސްޑް ޑެސިޝަން ނެގުމުގައި އެހީތެރިވެދޭނެ އެވެ. މީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ގުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި މާލީ އެހީދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިގެންދާނެ ކަމުގެ ޔަގީންކަންވެސް އިތުރުކޮށްދެއެވެ.

ހަކަތައިގެ ދާއިރާ

މި ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް މި ދެ އަހަރުގެ ތެރޭގައި ކުރެވިފައިވެއެވެ. 2018 ވަނަ އަހަރާއި ހަމައަށް ސޯލާ ޕީވީ ގާއިމުކޮށްފައިވަނީ 11.5 މެގެވޯޓް ނަމަވެސް 2020 ގެ މިހާ ހިސާބަށް 31.5 މެގެވޯޓްގެ ސޯލާ ޕީވީ ވަނީ ގާއިމްކޮށްފައެވެ.

ރާއްޖޭގެ ހަކަތައިގެ ބިލެއް ޑްރާފްޓްކޮށް 2019 ވަނަ އަހަރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އަދި ނެޓް މީޓަރިން ގަވާއިދު އިސްލާހުކޮށް މި އަހަރު ވަނީ އަމަލު ކުރަން ފަށާފައެވެ. މީގެ އިތުރުން މާލޭގެ މަގުތަކުގައި ޖަހާފައިވާ މަގު ބައްތިތައް ލެޑް ބައްތިއަށް ބަދަލު ކުރުމުގެ ޕްރަގްރާމްގެ ދަށުން މާލޭގައި 2650 ލެޑު މަގުބައްތި މިދިޔަ އަހަރު ވަނީ ހަރުކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން 200,000 ލެޑް ބޮކި ވަނީ ގޭބިސީތަކަށް ފޯރުކޮށްދީފައެވެ. މި މަޝްރޫއުގެ ސަބަބުން 66.5 މިލިއަން ކިލޯވޮޓް ހަކަތަ އަހަރަކުސަލާމަތް ކުރެވޭނެއެވެ.

މިދިޔަ ދެ އަހަރު ސަރުކާރުން ވަނީ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަރަންޓުގެ ހިދުމަތުގެ އަގަށް ހެޔޮ ބަދަލުތައް ގެނައުމެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަގު ވަނީ ނައްތާލާފައެވެ. އަދި އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައް އެއްހަމަ ކޮށްފައިވެއެވެ. އެ ގޮތުން އައްޑުއާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް، އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައް ކުޑަކޮށްފައިވެއެވެ.

މީގެ އިތުރުން ޑީސަލުން ނަގަމުން އަންނަ ފަސް އިންސައްތައިގެ ޑިއުޓީ ސަރުކާރުން ވަނީ ކަނޑާލާފައެވެ. އަދި ސަލާމަތްވާނެ މިންވަރު ކަނޑައެޅުމަށްފަހު އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓު ބިލަކުން ފިއުލް ޑިސްކައުންޓެއް ދޭ ގޮތަށްވެސް ނިންމާ މިދިޔަ އަހަރުން ފެށިގެން ދަނީ އަމަލު ކުރަމުންނެވެ.

މި މުއްދަތުގައި ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމު ކުރުމަށްވެސް މުހިންމު މަސައްކަތްތަކެއްވެސް ވަނީ ކުރެވިފައެވެ.
ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ށ. އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި 2.86 މެގަވޮޓު ސޯލާ ޕީވީ 2020 ގައި ވަނީ ގާއިކޮށްފައެވެ. މިކަމަށް 203.4 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އައްޑޫ ސިޓީ ހިތަދޫގައި 1 މެގަވޮޓްގެ ބެޓަރީ އެނާޖީ ސްޓޯރޭޖާއި އެނާޖީ މެނޭޖުމަންޓް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ދިހަ އަތޮޅެއްގައި 13 މެގަވޮޓުގެ ސޯލާ ޕީވީ ޑީސަލް ހައިބަރިޑް ސިސްޓަމްތައް ގާއިމު ކުރުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ދިނުމަށް ހަމަޖެހިފައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ ލުއި ލޯނު އިފެކްޓިވްނުވެ ގިނަ އަހަރުތަކެއް ވެފައިވަނިކޮށް 21 ނޮވެންބަރު 2019 ގައި ވަނީ އިފެކްޓިވް ކުރެވިފައެވެ. އަދި ހއ. ދިއްދޫ އާއި އއ.ރަސްދޫ އަދި ކޮޅުމަޑުލުގެ ހުރިހާ ރަށެއްގައި 3.5 މެގަވޮޓުގެ ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމުކުރުމަށް 119 މިލިއަން ރުފިޔާގެ މަޝްރޫއެއް މި އަހަރު ވަނީ ބީލަމަށް ލާފައެވެ.

ޕަވާ ޕާޗޭސް އެގްރީމަންޓްގެ ދަށުން ފަސް މެގަވޮޓް ސޯލާ ޕީވީ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތަކީވެސް ހަކަތައިގެ ދާއިރާއިން މިދިޔަ ދެ އަހަރު ކުރިއެރުން ހޯދުނު މަސައްކަތެކެވެ. މާލެ-ހުޅުމާލެ ލިންކް ރޯޑް އަދި ހުޅުމާލޭގެ އާންމު އިމާރާތްތަކުގެ ފުރާޅުގަ ފަސް މެގަވޮޓް ސޯލާ ޕީވީ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަދި އެކްސަލަރޭޓިން ރިނިއުވަބްލް އޭނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެނަބްލް އެނާޖީ (އެރައިޒް) ގެ ދަށުން 36 މެގަވޮޓްގެ ސޯލާ ޕީވީ-ބެޓެރީ ހައިބްރިޑް ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތަކީ 113 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއު މިހާރު ވަނީ ވާލްޑް ބޭންކުގެ ބޯޑު އެޕްރޫވަލަށް ހުށަހަޅާފައެވެ. މިއީވެސް ހަކަތައިގެ ދާއިރާއިން ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ.