އުތުރު ތިލަފަޅާ ގުޅިގެން ކެކި އަރަމުން ދާ މައްސަލައަށް އެންމެންހެން ދަނީ ފާޑުކިޔާ ވާހަކަ ދައްކަމުންނެވެ. ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރެއިން ހާލަތު އޮތް ހިސާބާ ގުޅުވާލައި ރަނގަޅު ސުވާލެއް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ކުރައްވަ އެވެ. ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ލަންޑަނުގައި ހުންވައިގެން ފުރަތަމަ ކުރު ސްޓޭޓްމެންޓެއް ދެއްވި އެވެ. އޭނާ އޭގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާ އެއްވެސް ކަމެއް ހިނގުމަކީ ގައުމު ދެކެ ލޯބިވާ އެކަކުވެސް އެދޭނެ ކަމެއް ނޫނެވެ. އެކަމަކު މި މައްސަލައާ ގުޅިގެން "ގައުމުގެ އިސްތިގްލާލުގެ ހިމާޔަތާމެދު ގިނަ ބަޔަކު މިއަދު ސުވާލް އުފައްދައިފި" އެވެ.
"މި ކަންބޮޑު ވުމުގައި ރައްޔިތުން ލޭ ކެކެން ދޫކޮށްލައިގެން ނުވާނެ، އަވަހަށް ޝައްކު ފިލުވައި ދެއްވާ!"
މި އޮތީ ސުވާލެކެވެ. މިއީ އެންމެންގެ ސުވާލެކެވެ. މި ސުވާލު އަމާޒު ވަނީ ސަރުކާރުގެ އެންމެ މައްޗަށެވެ. ސަރުކާރުގެ އެހިސާބަށް އަމާޒުވާ ސުވާލުތަކަށް އާންމުކޮށް އަަންނަ ޖަވާބެއް ވެސް އޮވެ އެވެ. އެއީ "އާދެ ތިޔަކަން އޮތް ގޮތެއް އަޅުގަނޑު ބަލައިލާނަން" އެވެ. އެހެން ކަމުން ޔޫޓީއެފްގެ އެގްރިމެންޓްގެ ކަަން ބަލައިދޭށެވެ. އެގްރިމެންޓް ހާމަކޮށްލައި ސާފުކޮށްލައި ދޭށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އަކީ އޭނާއަށް ފެނި ވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތް މޫނަކަށް ކަނދުރާއަކަށް ނުބަލައި ސާފު ވިދާޅުވާ ބޭފުޅެކެވެ. މިއޮތީ ރޭ ބޮންޑެ ވިދާޅުވި ވާހައެކެވެ:
"ބޭރުގެ ދައުލަތަކާއި އެކުވެވޭ އެއްބަސްވުމެއް ނުވަތަ މުއާހަދާއަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭހާ ހިނދަކު ނުވަތަ ނުހޯދާހާ ހިނދަކު ދައުލަތުގެ ނަމުގައި ބަނދެވޭނެ އެއްވެސް ބަނދެވުމެއް ނުވަތަ ދައުލަތުން އެ މައްޗަށް އަމަލުކުރަން ލާޒިމުވާނެ އެއްބަސްވުމެއް ނޯންނާނެ އެވެ،!"
ގާނޫނު ހަދާ މަޖިލީހުގެ ކެންދޫ ދާއިރާގެ މެބަރު އަލީ ހުސައިނަކީ ވެސް އޮންނަ ގޮތަށް ވިދާޅުވާ ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި "އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ގާއިމްވެ ތިބެވޭ ގޮތަށް ހަދާ އެއްބަސްވުމެއް ބަލައެއް ނުގަނެވޭނެ" އެވެ.
އަނެއްކޮޅުން މިނިވަން މެންބަރަ ވިލމާލޭ ދާއިރާގެ އަހުމަދު އުޝާމް ވިދާޅުވާ ގޮތުގައި އުތުރު ތިލަފަޅު އެއްބަސްވުމުގެ ވާހަކައަކީ ސިޔާސީ ވާހަކައެއްނޫނެވެ، އަދި އެވާހަކަ ދެއްކުމަކީ ސިފައިންގެ އަގުވައްޓާލުމެއްވެސް ނޫނެވެ. ގޯސްކޮން ކަމެއް ހިނގާފައި ނުވާނަމަ ރައްޔިތުންގެ މިހާ ކަންބޮޑުވުން އޮތް މައްސަލައެއްގައި ހަގީގަތް ހާމަ ކުރުމަށް ފަސް ޖެހެން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ އެވެ.
ބޮންޑެގެ އެ ވާހަކައާ ގާނޫނު އަސާސީގެ "ދޭއްފަހެއްއެކާ" ގުޅެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ސާފު މެޖޯރިޓީއެއް ސަރުކާރަށް އޮތް ނަމަވެސް މި ބާވަތުގެ މައްސަލަތަކަކީ ރައްޔިތުންގެ މަޖިލީހުގެ ސާފު ރުހުމެއް ބޭނުންވާ ކަމެކެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ އަކުރު (ނ) ގައި ބުނާ ގޮތުން މަޖިލީހުގެ މެޖޯރިޓީ ވޯޓްގެ ރުހުމެއް ބޭނުންވާނެ އެވެ.
އެހެން ނަމަވެސް ލީކްތައް ބުނާ ގޮތުގައި ޔޫޓީއެފް އެބަސްވުމުގައި ލަފުޒު، "މިލިޓަރީ" ބޭނުމެއް ނުކުރެ އެވެ. ގާނޫނީ ބާގަނޑަކަށް އެކަން ވާނެ ގޮތަށް އެއްބަސްވުން ހަދާފައި ވަނީ "މިލިޓަރީ" ގެ ބަދަލުގައި "ޓެކްނީޝަނު" ންނާއި "އޮފިޝަލުން" ބޭނުން ކޮށްގެނެވެ.
އެގޮތަށް އޮތް ނަމަ އެކަން އެގޮތަށް ކޮށްފައި ވަނީ ގާނޫނު އަސާސީ ބުނާ ގޮތަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ޖެހުމުން ރެކޭން ވެގެނެވެ. އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް ނަމަވެސް މައްސަލައިގެ ނާޒުކު ކަމުން ޖެހެނީ ގާނޫނީ ލަފުޒަކުން މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސިސްޓަމަށް އޮޅުވާލާށެވެ. އޭރަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅިގެން ދާނެ އެވެ. މިހާރު އެއޮތީ އެހެން ހަދާފަ އެވެ. އެހެން ގައުމެއްގެ މިލިޓަރީން ފަރާތްކަކަށް އެފަދަ ބޭނުމަކަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުގެ މެޖޯރިޓީ ރުހުމަކާއެކު އެވެ. އެހެންވީމާ އެ ރުހުން ހޯދަން ނުޖެހޭނެ ގޮތެއް ގާނޫނީ ގޮތުން އެވަނީ ހޯދާފަ އެވެ.
މިހެން މިކަންކަން ހުރި ނަމަ، ޔޫޓީއެފްގެ މައްސަލާގައި ގައުމެއް ކެކެން ދޫކޮށްލައި ނުލައި ވެގެން އުޅޭ ގޮތެއް އަވަހާ ސާފުކޮށްދޭން ޖެހޭ ނޫން ހެއްޔެވެ؟
އިންޑިއާގެ އެހީގައި އުތުރު ތިލަފަޅު ތަރައްގީ ކުރަން "ޑިވެލޮޕްމަންޓް ސަޕޯޓް، އެންޑް ދަ މައިންޓަނެންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" އެއްބަސްވުން ނުވަތަ ޔޫޓީއެފް އެއްބަސްވމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސޮއި އެޅީ މިދިއަ ފެބުރުއަރީން އެއް ދުވަހުގަ އެވެ.
އޭރުވެސް ގިނަ ބައިވަރު ދިވެހިން އެހީ އެގްރިމެންޓް ކޮބައިހޭ ދައްކަބާލާށޭ އެވެ. ބުނެވޭ ގޮތުގައި އެ އެގްރިމެންޓް އޮތް ގޮތުން ޓެކްނީޝަނުންގެ ނަމުގައި އުތުރު ތިލަފަޅަށް ހަތިޔާރާއެކު ފުރިހަމަ ބާރުގައި އިންޑިއާ ސިފައިން ފައިބާނެ އެވެ. އެކަމާ ނުރުހެމު އެވެ.
އިއްުޔެ ކުއްލިއަކަށް ޔޫޓީއެފްގެ ޑްރާފްޓް އެގްރިމެންޓްގެ ކޮޕީއެއް ކަމަށް ބުނާ ކަންބޮޑުވުންތައް އޮތް ޑޮކިއުމެންޓްތަކެއް ލީކްކޮށް ދައުރުވާން ފެށި އެވެ. އެ ޑޮކިއުމެންޓް ދައުރުވާން ފެށިތާ ގިނަ އިރު ނުވެ އެއާ ހަވާލުވެ ވަޑައިގެން ޒިންމާ ނަންގަވާފައި ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމުގެ މައްސަލަ ނަންގަވައި ހުއްޓާ ނުލާ އެކަމާ ދެކޮޅު ހައްދަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭނާ ވިދާޅުވާ ގޮތުގައި ލީކުކުރީ ހަމަ ސައްހަ ލިޔުމެކެވެ. ދިވެހި ސަރުކާރަކަށް ވެސް އިންޑިއާއަށް ވެސް އެ ދޮގެއް ނުކުރެވޭނެ އެވެ. އޭގެ ތަފުސީލްތައް ވެސް އޭނާ އިސްވެ އުފައްދާފައިވާ ޑީންއެންއޭގެ ތެރެއިން ލީކް ކުރަމުން ގެންދާނެ އެވެ.
"އެއީ ސީދާ އިންޑިއާ އިން ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީ، އެއެއް ދޮގެއް ނުކެރޭވެނެ" އުމަރު ވިދާޅުވި އެވެ.
ލީކް ކޮށްލި އެގްރިމެންޓާއެކު އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) އާއި އާންމުންނާއި މިޑިއާ ހިމެނޭ ގޮތަށް ހުރިހާ ދިމާއަކުން ދަނީ ސަރުކާރާށް ފާޑުކިޔައި އެ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ސޯޝަލް މީޑިއާ އޮތީ އަނދަ އަނދަ އެވެ. ނަމަވެސް އިއްޔެ މެންދުރެއްހާއިރު ބަޔާނެއް މެދުވެރިކޮށް ޑިފެންސުން ފޭބީ ޑިފެންސަށެވެ. އެކަމަކު އެ ބަޔާން މެދުވެރިކޮށް ވެސް އާވާހަކައެއް ނުބުނެ އެވެ. ހަމަ އެކަނި ކޮށްލި ވަރަކީ މިއީ އެވެ: "ދައުރު ކުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ލިޔުންތަކެ" ކެވެ.
"... ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާ އިން ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވަމެވެ،"
ޑިފެންސްގެ ބަޔާނެއްގައި އެއީ ދޮގު ލިިޔުންތަކެއް ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމައެއް ނުކުރެވެ އެވެ. އެހެންވެ ގާތްގަނޑަކަށް ހުރިހާ ދިމާއަކުންމެ މިހާރު ބުނަން ދަނީ ލީކްކޮށް ދައުރު ކުރަމުން ދަނީ ދޮގު ލިޔުމެއް ނަމަ އޭގެ އަސްލު އެއްބަސްވުން ހާމަކޮށް، ތަފުސީލު ދޭށެވެ.
"އާދެ ތިޔަކަން އަޅުގަނޑު ބަލާލައިނަން" ކަމަށް ވިދާޅުވާ ގޮތަށް ބަލައްލާފައި އަވަހަށް ސާފުކޮށް ފިލުވައި ދިނުމަކީ މިވަގުތަށް އެންމެ މުހިންމުވެފައި ކަންތަކެވެ.
އަނެއް ކަމަކީ ބަނދަރަކާއި ޑޮކްޔާޑެއް ހަދާ އިރު، އެ ތާނގައި އިންޑިއާ ސިފައިން ތިބޭނީ ހަތިޔާރާއެކު އެވެ. އަދި ހަތިޔާރު ގެންގުޅެ ބޭނުން ވެސް ކުރާނެ އެވެ. އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުން ރާއްޖެ އަށް މަޖުބޫރު ކޮށްފައިވާއިރު މުއްދަތު ހަމަވުމުން އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ ގޮތް ހަދަން މަގު ފަހިކޮށްފައި ވެސް ވެއެވެ.
އުތުރު ތިލަފަޅުގެ އޮޕަރޭޝަނަށާއި އެހެނިހެން އިދާރީ ބޭނުންތަކަށް ހަތިޔާރު އެޅި އިންޑިއާ ސިފަައިިންނަށް، އިންޑިއާއިން އެދޭ މިންވަރަކަށް ދިވެހި ރާއްޖެއިން ހުއްދަ ދޭންޖެހޭނެ އެވެ. އުތުރު ތިލަފަޅު ތަރައްގީ ކުރާއިރުވެސް އަދި އެހެން މަރުހަލާތަކާއި މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ވެސް އިންޑިއާގެ އަސްކަރީ ފަރާތްތަކަށް ފުރުސަތު އޮންނަން ޖެހޭނެ އެވެ. ތަން މެނޭޖްކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ ރާއްޖެ އާއި އިންޑިއާ ގުޅިގެންނެވެ. އެކަމަށްޓަކައި ކޮންމެ ގައުމަކުން މަދުވެގެން ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖޮއިންޓް ރެސިޑެންޓް ޓީމް (ޖޭއާރްޓީ) އެއް އުފައްދާނެ އެވެ. އަދި އުތުރު ތިލަފަޅުގައި ރިހާ ފެސިލިޓީއެއް ހިމެނޭ ގޮތުން ކޯސްޓް ގާޑު ބަނދަރާއި ވައިގެ ބަނދަރު ވެސް، އިންޑިއާ ސިފައިންނަށް ބޭނުންކުރެވޭނެ އެވެ. ބަނދަރު ހަދަން އިންޑިއާއިން ވެހޭދަކުރާތީ، ބަނދަރުން އިންޑިއާ ހޯދާ އެއްވެސް ހިދުމަތަކަށް ޗާޖެއް ވެސް ނުކުރެވޭނެ އެވެ.
ލީކް ޑޮކިއުމެންޓާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ އުތުރުތިލަފަޅު އެއްބަސްވުމުގެެ އަސްލު މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއާ ހިއްސާ ކުރަން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިިޓީއެއް ފޮނުއްވާފަ އެވެ.
އެ ސިޓީގައި އޭނާ ވިދާޅުވާ ގޮތުގައި ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ އަދި ގައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާފަދަ ގިނަ ކަންތައްތަކެއް ލީކް ޑޮކިއުމެންޓްގައި ހުރުމުން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދިފަ އެވެ. އެހެންވެ ޔޫޓީއެފް އެގްރިމެންޓްގެ އަސްލު މަޖިލީހުގެ 241 ކޮމިޓީއަށް ބޭނުމެވެ.
މައްސަލައާ ގުޅިގެން ކަންބޮޑުވުންތައް އޮއްވާ އެގްރިމެންޓެއް ލީކުކޮށްލުމުން ކަންބޮޑުވުން އިތުރުވާ ގޮތަށް އެއްވެސް ކަމެއް ސާފު ނުވެ އެންމެން ކެކެން ދޫކޮށްލުމަކީ އެހާ ރަނގަޅު ކަމަކަކަށް ވާނެ ހެއްޔެވެ؟ ކެކި އަރަމުން ގޮސް އެންމެ ފަހުން މި މައްސަލަ ނިމޭނީ "އާދެ ތިޔަކަން އަޅުގަނޑު ބަލާނަން" ކަމަށް ވިދާޅުވާ ހިސާބުންނެވެ. އަނެއްކާ ވެސް ފެށޭނީ އަނެއްކާ ލީކާ ހަމައިންނެވެ.