ރިޕޯޓް

ދެ އަހަރު: ހިޔާލުފާޅުކުރެވުނު، މިނިވަންކަން ކަށަވަރުވި!

Nov 17, 2020
1

ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކެވެ. ނަމަވެސް އެކި ސަރުކާރުތަކުގައި އެ ހައްގު ރައްޔިތުންނަށް ލިބެނީ އެކި މިންވަރަށެވެ. ގާނޫނު އަސާސީގައި ކަޅާ ހުދުން ކިތަަންމެ ސާފުކޮށް އެ ވާހަކަތައް ލިޔެފައިވީނަމަވެސް ވެހެވެ. ބައެއް ފަހަރު ގާނޫނުތައް ހަނިކޮށްގެނެވެ. އަނެއް ބައި ފަހަރު ގާނޫނަށް ބަދަލު ނުގެނެސް ސަލާމަތީ ހިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް އެ ހައްގަށް ހުރަސް އަޅައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެވަޑައިގެންނެވިއިރު ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް ގާނޫނަށް އޮތީ ބަދަލުތަކެއް ގެނެސްފައެވެ. އަބުރުގެ ގާނޫނުގެ ނަމުގައި ގާނޫނެއް އޮތީ އުފަން ކޮށްފައެވެ. އަދި އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުންވެސް އޮތީ ގާނޫނަކުން ހަނިކޮށްފައެވެ.

އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ތަސްދީގު ކުރެއްވީ އަބުރުގެ ގާނޫނުގެ ނަމުގައި ކުރީ ސަރުކާރުން ހަދާފައިވާ ގާނޫނު އުވާލުމުގެ ބިލެވެ. މިއީ ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ފަހިކޮށްދިން ވަރަށް ބޮޑު ފުރުސަތެކެވެ. އަބުރުގެ ގާނޫނު ބޭނުން ކޮށްގެން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރިއެވެ. އަބުރުގެ ގާނޫނާއެކު އެ ބިރުވެރިކަން ގެއްލި ދިޔައެވެ. މީޑިއާތައް ޖޫރިމަނާވެ އެ ފައިސާ ނުދޭނެ ހާލަތުގައި ތިބެން ޖެހުނު ޖެހުން ނިމުމަކަށް އައެވެ.

އަބުރުގެ ގާނޫނު އުވާލުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ. ކެންޕެއިންގައި އެމަނިކުފާނު ވަނީ ތަކުރާރުކޮށް އެ ވައުދު ވެވަޑައިގެންފައެވެ. އަދި އެ ވައުދާ އެއްގޮތަށް އެމަނިކުފާނު ވަނީ ވެރިކަމުގެ ވަރަށް ކުރީކޮޅު އެ ވައުދު ފުއްދަވާފައެވެ.

މީގެ އިތުރުން ސިޔާސީ ހަރަކާތްތައް ހިންގުމަށް އެޅިފައި އޮތް ހުރަސްތައް ނައްތާލެއްވުމަށްވެސް މިދިޔަ ދެ އަހަރު ދުވަހު ސަރުކާރުން ވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައެވެ. ސިޔާސީ ޕާޓީތަކުން ޖަލްސާ ބޭއްވުމަށް ކާނިވާ ހޯދުމަކީ ކުރިން ވަރަށް އުނދަގޫ ކަމެކެވެ. 2018 ގެ ރިޔާސީ އިންތިހާބު ނިމުމާ ހަމައަށްވެސް އޭރުގެ އިދިކޮޅު ފަރާތްތަކަށް ޖަލްސާއެއް ބޭއްވުމަށް ކާނިވާ ދޫކުރީ އެންމެ ފަހަރަކުއެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން އެ ފުރުސަތު އިދިކޮޅަށް ފަހި ކޮށްދެއްވިއެވެ. އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ބޭއްވެވި އެތަށް ޖަލްސާއަކަށް ކާނިވާ ދޫކުރެއްވިއެވެ. އަދި މަގުމަތީ ހަރަކާތްތަކަށް ފުރުސަތު ދެއްވިއެވެ. އިދިކޮޅު ޕާޓީގެ އޮފީސް ދޮރުމަތީ ސިލްސިލާ އެއްވުންތައް ބާއްވަމުން ދިޔައިރު އެކަންކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައިވެސް އިދިކޮޅުން ވަނީ މާލޭގައި އެއްވުންތަކާއި ސައިކަލް ބުރުތައް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތްތައްވެސް ފުލުހުން ހުއްޓުވާފައިވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްޓަކައި އުސޫލުގެ ތެރެއިންނެވެ. އެއިން އެއްވެސް ހަރަކާތެއް ހުއްޓުވަން ސަރުކާރުން އޯޑަރެއް ނުކުރެއެވެ. ފުލުހުންނާއި ސިފައިންގެ މައްޗަށް އެފަދަ އަމުރެއް ނުކުރައްވައެވެ.

އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަޑު އެއްސެވިއެވެ. އެ ބޭފުޅުންގެ ކަންބޮޑުވުންތައް އެއްސެވިއެވެ. ރައީސް ސޯލިހަށް އިދިކޮޅު ބޭފުޅުން ގެންދަވާ އެ ކަންބޮޑުވުންތައް ސީދާ ސީދަލަށް އައްސަވާ އެކަންކަން ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލްކުރައްވާ ކޮންމެ ފަހަރަކު މިނިވަން ނޫސްވެރި ކަމަށް އެމަނިކުފާނުގެ ސަރުކާރުން ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައެވެ. ހިޔާލެއް ފާޅުކޮށްގެން ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ދެއްވައެވެ. ސިވިލްސާވިސް މުވައްޒިފުން ގަދަ ކަމުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވީތީ ސަރުކާރުން ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވެއެވެ.

އެކަން އެމަނިކުފާނު ވަނީ މިދިޔަ ދެ އަހަރު އަމަލާ ބަހުން ދައްކަވާފައެވެ. ރައީސް ސޯލިހުގެ ނިމިގެންދިޔަ ދެ އަހަރަކީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީ ކަށަވަރުކޮށްދިން ދެ އަހަރެވެ.