ލައިފްސްޓައިލް

ސައިބޯނިލައިގެން މާ ގަދަ އަށް ފެންވަރާނެ ކަމެއް ނެތް!

Oct 19, 2015
2

އެނގޭ ހެއްޔެވެ؟ ސައިބޯނިލައިގެން މާ ގަދަ އަށް ފެންވެރުމަކީ ސިއްހަތަށް އެހާ ރަނގަޅު ކަމެއް ނޫނެވެ. އެއީ ކީއްވެ ހެއްޔެވެ؟ އޭގެ ސަބަބުން، ހަށިގަނޑުގައި ހުންނަ "ގުޑް ބެކްޓީރިއާ" މަރުވެ އަހަރެމެންގެ ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެގެންދާތީ އެވެ.

ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ހަށިގަނޑުގައި ހުންނަ ހުރިހާ "ހަޑިއަކީ" "ނަޖިސް" ކަމަށެވެ. އެއްގޮތަކަށް ވެސް އެހެންނެއް ނޫނެވެ. ހަށިގަނޑުގައި ބޭޑް ކޮލެސްޓްރޯލް އާއި ގުޑް ކޮލެސްޓްރޯލް ވެސް ހުންނަ ގޮތަށް ހަށިގަނޑަށް މުހިންމުވާ ބެކްޓްރީއާ އާއި މުހިންމު ނުވާ ބެކްޓީރިއާ ވެސް ހުރެ އެވެ.

އެހެންވީމަ ހަށިގަނޑުގައި ހުންނަ ހުރިހާ ހަޑިއެއް ނުވަތަ ބެކްޓީރިއާ އަކީ ނުރައްކަލެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ބެކްޓީރިއާތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކުރުމުގަ އާއި ހަންގަނޑު ރީތިކޮށް ބެހެއްޓުމުގައި އަދި ހަޖަމުކުރުމުގެ ނިޒާމު އަމާން އޮމާންކޮށް ބޭއްވުމުގައި މުހިންމު ރޯލުތަކެއް އަދާކުރާ "ހަޑި" އެވެ.

ސައިބޯނިލައިގެން ފެންވެރުން މައްސަލައަކަށް ވަނީ ކީއްވެ؟

އެންޓި ބެކްޓީރިއަލް ލޭބަލް ޖަހާފައިވާ ސައިބޯންޏާއި ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ސައިބޯނީގައި ވަރަށް ބޮޑު ތަފާތެއްވެ އެވެ. އެންޓި ބެކްޓީރިއަލް ސައިބޯންޏަކީ އޭގައި އެކި ފާޑުފާޑުގެ ކެމިކަލްސް ހިމެނޭ އުފެއްދުމެކެވެ.

އެހެންވީމަ ސައިބޯނިލައިގެން ފެންވަރާ ކަމުގައި ވަނީ ނަމަ އޯގޭނިކް އިގްރެޑިއެންޓުން ފައްކާކޮށްފައިވާ ސައިބޯންޏެއް ހޯދުން މުހިންމެ އެވެ.

އެހެން ނަމަވެސް ފެންވަރާއިރު ހަށިގަނޑުގައި ކޮންމެފަހަރަކު މާ ގަދަ އަށް ސައިބޯނިލައި ސާފުކުރުމުގެ ބޭނުމެއް ނެތެވެ. ތަޖުރިބާކާރުން ބުނަނީ ގަވާއިދުން ސައިބޯނިލައިގެން ދޮންނަން ޖެހޭ ހަށިގަނޑުގެ ތަންތަނަކީ ދެ ކިހިލިފަތްދޮށާއި އުކުޅުވަޅު އެކަނި ކަމަށެވެ. ހަށިގަނޑުގެ އެހެން ތަންތަނުގައި މާ ގަދަ އަށް ސައިބޯނިލުމަކީ ދިފާއީނިޒާމަށް މުހިންމު ބެކްޓީރިއާތައް މަރާލާ ކަމެކެވެ.

ހަށިގަނޑުގައި ހުންނަ ހަޑި އަކީ ކޮންމެވެސް ބަލި ޖައްސާ އެއްޗެއް ވެސް ނޫނެވެ. މިސާލަކަށް ގަދަ އަށް ކަސްރަތުކުރުމަށް ފަހު ދާހިއްލާ ފޯވެގެން ގެއަށް އައިސް ވެސް މާ ގަދަ އަށް ފެންވެރުމަކީ މުހިންމު ކަމެއް ނޫން ކަމަށް ތަޖުިރިބާކާރުން ބުނެ އެވެ.

ހޭންޑް ސެނިޓައިޒާ ވަރަށް ބޭކާރު!

ހޭންޑް ސެނިޓައިޒާ ބޭނުންކޮށްގެން ދެ އަތްތިލަ ނިކަން ގަދަ އަށް ސާފުކުރާ މީހުން ގިނަ އެވެ. ހާއްސަކޮށް ކުޑަކުދިން އުޅޭ ގެއެއްގައި އުޅޭއިރު ހޭންޑް ސެނިޓައިޒާ ބޭނުންކުރާ މީހުން ފެންނަ މިންވަރު ގިނަވެދާނެ އެވެ.

ނަމަވެސް އެނގޭ ހެއްޔެވެ؟ ހޭންޑް ސެނިޓައިޒާ އަކީ މިފަދަ ކޮންމެ ހާލަތަކަށް މުހިންމު އެއްޗެއް ނޫނެވެ. ތަޖުރިބާކާރުން ބުނަނީ އެބޯލާ ޖެހިފައިވާ ބަލި މީހަކަށް ޒިޔާރަތްކޮށްގައި އޭނާ އޮންނަ ކޮޓަރިއަކުން ނުކުންނައިރު ދެ އަތްތިލަ ސެނިޓައިޒްކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ.

އެކަމަކު ދުވާލުދާ ހަތަރު ދަމު ގައިގައި އުނގުޅާ ބޭހެއްހެން ހޭންޑް ސެނިޓައިޒާ ނެގުމަކީ ބޭކާރު ކަމެއް ކަމަށެވެ. ސަބަބަކީ ހަށިގަނޑުގައި ނުވަތަ ހަންގަނޑުގައި އުޅޭ މައިކްރޯބްސް އަކީ ވައިރަސްއެއް ނުވަތަ ބައްޔެއް ފެތުރޭ ވަރަށް ނުރައްކާ އެއްޗެހިތަކަކަށް ނުވާތީ ކަމަށެވެ.

އެ ބެކްޓީރިއާ އަކީ ހަށިގަނޑަށް އެއްވެސް ކަހަލަ ގެއްލުމެއްދެވޭ ފެންވަރުގެ ބެކްޓީރިއާއެއް ނޫނެވެ.

ރޯގާ ޖެހިގެން އުޅޭއިރު ވެސް ސައިބޯނި މުހިންމެއް ނޫންތަ؟

މުހިންމެއް ނޫނެވެ. ސަބަބަކީ އެންޓި ބެކްޓީރިއަލް ސައިބޯންޏަކުން ފެންވެރިޔަސް އަރިދަފުސް ރޯގާއަކަށް އެއްވެސް ފަރުވާއެއް ނެތީމަ އެވެ. އަދި ކައިރީގައި އުޅޭ މީހަކު ރޯގާ ޖެހިގެން އުޅޭއިރު އޭނާގެ ގައިން ރޯގާ އަރާފާނެ ކަމުގެ ބިރަށް އިރުއިރުކޮޅުން ސައިބޯނިލައިގެން ދެ އަތް ދޮވެ ހެދުމަކީ ވެސް މުހިންމު ކަމެއް ނޫންނެވެ.

އަރިދަފުސް ރޯގާ އަކީ ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެއްގޮތަކަށް ވެސް ބެކްޓީރިއާގެ މުސީބާތެއް ނޫނެވެ. އެހެންވީމަ މިފަދަ ހާލަތްތަކުގައި ވެސް ސަައިބޯނިން ދެ އަތް ގަދަ އަށް ދޮވުނީމަ ހަށިގަނޑުގައި ހުންނަ މުހިންމު ބެކްޓީރިއާތައް ދާނީ މަރުވަމުންނެވެ.

--ޓައިމް މެގަޒިން / ހެލްތު