އެމެރިކާގެ ވޮޝިންޓަންގެ މައުންޓް ރެއިނިއާ ނެޝަނަލް ޕާކްގައި އުޅުނު ހައިކަރަށް ދިމާވި އެކްސިޑެންޓަކަށް ފަހު ވަރަށް އާދަޔާޚިލާފު ގޮތަކަށް އޭނާގެ ފުރާނަ ސަލާމަތް ވެއްޖެ އެވެ.
އެމީހާގެ ފުރާނަ ސަލާމަތްކުރުމަށް މެޑިކަލް ޓީމުން ކުރި މަސައްކަތް ޚުދް އެމީހުން ވެސް ދެކެނީ އަޖައިބެއް ފަދަ ކަމެއްގެ ގޮތުގަ އެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ދަ ސިއޭޓަލް ޓައިމްސް ގައިވާ ރިޕޯޓެއްގައިވާ ގޮތުން 45 އަހަރުގެ މައިކަލް ނެޕިންސްކީ އަކީ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި 45 މިނިޓް ވަންދެން "މަރުވެފައި" އޮތް މީހެކެވެ. އެއީ ފަރުބަދަ މަތީގައި ސްނޯތަކުގެ ތެރޭގައި ހައިކް ކުރަން އުޅެނިކޮށް ވެއްޓި ގެއްލިފައި އެތައް އިރަކު އޮތުމަށްފަހު އޭނާ ސަލާމަތްކުރަން އުޅުނު މީހުން އޭނާ ހޯދައިގެން ހޮސްޕިޓަލަށް އެއާ އެމްބިއުލެންސްގައި ގެނެސް ފަރުވާ ދޭން ފެށިފަހުން އޭނާއަށް ނޭވާ ނުލެވި 45 މިނިޓް އޮތީމަ އެވެ.
މައިކަލް އަށް އިމަޖެންސީ ރޫމް (އީއާރް) ގައި ފަރުވާދިން އެއް ޑޮކްޓަރު ޖެނޭލް ބަޑުލަކް ބުނި ގޮތުގައި ގެނައިރު އޭނާގެ ހަށިގަނޑުގައި ވިންދު ހުއްޓެވެ. ނަމަވެސް ހޮސްޕިޓަލަށް ގެނައިތާ އިރުކޮޅެއް ތެރޭ އޭނާގެ ހިތް ހުއްޓުނީ އެވެ.
"އީއާރްގައި އޮއްވާ އޭނާ 'މަރުވީ'. އެވަގުތު އަހަރެމެންނަށް އޭނާގެ ހިތާއި ފުއްޕާމޭ ބައިޕާސް ހަދައިގެން އޭނާގެ ފުރާނަ ސަލާމަތްކުރާނެ ފުރުސަތު ލިބުނު. އަހަރެމެން އެ ވަގުތު ބޭނުންކުރީ އާޓިފިޝަލް ލައިފް ސަޕޯޓްގެ ވެސް މުޅި ދުނިޔޭގައި ވެސް ބޭނުންކުރާ އެންމެ އެޑްވާންސް ގޮތް،" ޑޮކްޓަރު ބުންޏެވެ.
މައިކަލްގެ ހިތް ހުއްޓުމާއެކު މެޑިކަލް ޓީމުން ވަނީ އޭނާއަށް ސީޕީއާރް ދެމުން އެކްސޯ މެޝިނަށް ގުޅައިގެން ހިތުން ކުރާ މަސައްކަތް އެ މެޝިންގެ އެހީގައި އޭނާގެ ހަށިގަނޑުގައިވާ ލޭ ހަށިގަނޑުން ބޭރުގައިވާ މެޝިނަށް ފޮނުވާލައި ހިތާއި ފުއްޕާމެއިން ކުރަން ޖެހޭ މަސައްކަތް މެޝިންގެ އެހީގައި ކުރުވައި ކާބަންޑައިއޮކްސައިޑް ވަކިކޮށް ބޭރުކޮށްލުމަށްފަހު، އަލުން އަނބުރާ އެ ލޭ ހަށިގަނޑަށް ފޮނުވާފަ އެވެ.
މައިކަލް އަށް ފަރުވާ ދިން ޑޮކްޓަރުން ބުނީ އޭނާގެ ހިތް ހުއްޓިފައި 45 މިނިޓް އޮތް ކަމަށެވެ. ޑޮކްޓަރުންގެ މިންނަތް މަސައްކަތުން ހިތް އަނެއްކާ ހިނގަން ފެށުމުން ވެސް އެ ރޭ ހަތަރު ދަމު އޭނާގެ ކައިރިން ދުރަށް ނުގޮސް މެޑިކަލް ޓީމުގެ ހުރިހާ މެމްބަރުން ތިބެ އޭނާގެ ހާލު ދެރަވިޔަ ނުދީ ވޭތޯ މަސައްކަތް ކުރި އެވެ.
މައިކަލް ހޭ އެރީ އެކްސިޑެންޓް ވީތާ ދެ ދުވަސް ފަހުންނެވެ. ޓްރައުމާ ނާސް ވިޓްނީ ހޯލެން ބުނެފައިވާ ގޮތުގައި ފުރަތަމައިނުން ވެސް މައިކަލް ބޭނުންވީ އޭނާގެ އާއިލާގެ މީހުންނަށް ގުޅާށެވެ.
"އެ ދުވަހު ކުރެވުނީ އާދަޔާޚިލާފު އިހްސާސްތަކެއް. އޭނަ ވެސް ރޮނީ. އޭނާ ސަލާމަތްކޮށްދިން ޑޮކްޓަރުން ވެސް ރޮނީ. އަހަންނަށް ވެސް ކުޑަކޮށް ރޮވުނު. އެ ވަގުތުކޮޅު އެހާ ޚާއްސަވީ އެންމެން އެހާ ބުރަ މަސައްކަތް ކޮށް މީހެއް ފުރާނަ ސަލާމަތް ކުރެވުނީތީ. އޭނާ އީއާރަށް ގެނައި ވަގުތުން ފެށިގެން ހޭ އެރުމާ ހަމަޔަށް މެޑިކަލް ޓީމުން ވަރަށް ބުރަ އެހާމެ ހިތްވަރާއެކު ކުރި މަސައްކަތް ކާމިޔާބުވީމަ އެމީހުންނަށް ވެސް އުފަލުން ރޮވުނީ،" ނާސް ވިޓްނީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެމީހުން ކުރާ އިންސާނީ ޚިދުމަތުގެ ހަގީގީ އަގު އޭނާއަށް ވަޒަން ކުރެވުނީ އެ ދުވަހު އެވެ.
"އަހަރެމެން މިފަދަ ޚިދުމަތަކަށް ނުކުމެ މިތިބީ ކީއްވެކަން އެ ދުވަހު އަހަރެންނަށް އިހްސާސްވި. ދުވާލެއްގެ އެތައް ގަޑިއިރަކު ބަލިމީހުންނަށް ޚިދުމަތްކުރުމުގައި ހޭދަކުރާ ހަގީގީ ސަބަބު ވިސްނުނީ އެ ދުވަހު. އާއިލާއާ ދުރުގައި ބަލިމީހުންގެ ޚިދުމަތުގައި އަހަރެން ހޭދަކުރާ ވަގުތުގެ ހަގީގީ މަގުސަދު އެ ދުވަހު ހިތަށް އެރި. އެ ދުވަހު އެ ލިބުނު ވަރުގެ ހިތްހަމަޖެހުމެއް ދެން ދުވަހަކުވެސް ލިބޭނެކަމެއް ނޭނގޭ،" ނާސް ބުންޏެވެ.
މައިކަލް ހޭ އެރިޔަސް އޭނާގެ ހިތާއި ކިޑްނީ ފަދަ ތަންތަނުގައި އަދިވެސް މައްސަލަތައް އެބަހުއްޓެވެ. ނަމަވެސް އޭނާ މުޅިން ރަނގަޅުވާނެކަމުގެ ޔަގީންކަން ޑޮކްޓަރުންނަށް މިހާރު އެބައޮތެވެ. ސްނޯގައި ހައިކްކޮށްލަން އެކުވެރިއަކާއެކު މައިކަލް ފަރުބަދަ މައްޗަށް އެރީ ނޮވެމްބަރު 7 ވަނަ ދުވަހު ހެނދުނު އެވެ. އޭނާގެ އެކުވެރިޔާ ގަސްތުކުރީ ފަރުބަދައިގެ ތިރިއަށް ސްކީކުރުމަށްފަހު ކޭމްޕް މުއިރްގައި މަޑުކުރާށެވެ. މައިކަލް ގަސްތުކުރީ އެކުވެރިޔާ އާ މުޅިން ތަފާތު ރޫޓަކުން އެހެން ތަނަކަށް ދާށެވެ.
"ސްނޯގައި ސްކީ ކުރަމުން ގޮސް އަހަރެން ދާން ބޭނުންވާ ހިސާބާ ވަރަށް ކައިރިވެފައި ހުއްޓާ ކުއްލިއަކަށް ސްނޯގެ ތޫފާނެއް ލައްވާލައި އަހަންނަށް އެއްވެސް ތަނެއް ނުފެންނަން ފެށި. އަހަރެން އެންމެ ފަހުން ހަނދާން ހުރީ މަޑުމަޑުން ކުޑަ ކުއްޖަކު ހިނގާ ގޮތަށް ފަރުބަދައިން ތިރިއަށް ފައިބަން ފެށި ހަނދާން. އޭރުވެސް ވަށައިގެން އޮތީ ހުދުކޮށް. އެއްވެސް ތަނެއް ނުފެނޭ،" އެމެރިކާގެ ނޫހަކަށް ފޯނުން ދިން އިންޓަވިއު އެއްގައި މައިކަލް ބުނެފައި ވެއެވެ.
ދެން ވީ ގޮތެއް މައިކަލް އަކަށް ވެސް ނޭނގެ އެވެ. އޭނާ ލަފާ ކުރަނީ ފަރުބަދަ މަތިން ތިރިއަށް އޭނާ ވެއްޓުނީ ކަމަށެވެ. އޭނާގެ ހަށިގަނޑުގައިވާ އަނިޔާތަކުން އެކަން ޔަގީން ކުރެވެ އެވެ.
މައިކަލްގެ އެކުވެރިޔާ އާ ބައްދަލުކުރަން އެމީހުން އެއްބަސްވެފައިވާ ތަނަށް ބުނި ގަޑިއަށް މައިކަލް ނައުމުން އޭނާގެ އެކުވެރިޔާ ހާސްވި އެވެ. އަދި މާ ގިނައިރު ވާން ފެށުމުން އޭނާ ގެއްލުނީ ކަމަށް ގަބޫލުކޮށް ކަމާ ބެހޭ ފަރާތްތަކަށް އެންގީ އެވެ.
ނެޝަނަލް ޕާކް ސާވިސްގެ ޓީމުގެ ތިން މެންބަރަކު އެ ރޭ ހަތަރުދަމާއި އަނެއް ދުވަހު ވެސް މައިކަލް ހޯދަން މަސައްކަތް ކުރި އެވެ. ފިނި ތަންކޮޅެއް މަޑުވެ ޓެމްޕްރޭޗާ 16 ޑިގްރީ އަށް އެރުމުން ފަރުބަދަ މަތީގެ ތަންތަން ފެންނަން ފެށުމުން މައިކަލް ހޯދުމުގެ މަސައްކަތްކުރި ޓީމުން އަނބުރާ އޭނާ ހޯދަން ގޮސް އެ މަސައްކަތް ފަށައި ވެއްޓިފައި އޮތް މައިކަލް ފެނުނީ އެވެ. އަދި ނޭވާ ހެލިކޮޕްޓަރެއްގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
މައިކަލް ބުނީ އަދިވެސް ހަނދާން ބަލިވުމާއި ވިސްނަން އުނދަގޫ ކަހަލަ ގޮތްތަކެއް އޭނާއަށް ވެއެވެ. ނަމަވެސް މިއީ އޭނާގެ ހަޔާތުގައި ލިބުނު ވަރަށް ވަރުގަދަ ފިލާވަޅެއްގެ ގޮތުގައި އޭނާ ގަބޫލު ކުރެ އެވެ. މުޅިން ރަނގަޅުވުމަށްފަހު އޭނާ ދެން ހުރިހާ ވަގުތެއް ވެސް އެހެން މީހުންގެ ޚިދުމަތުގައި ހޭދަކުރަން މައިކަލް ވަނީ އަޒުމް ކަނޑައަޅާފައެވެ.
ހަޔާތުގެ މުހިއްމުކަމާއި އަގު އޭނާއަށް ވަޒަން ކުރެވުނުލެއް ބޮޑުކަމުންނެވެ.
"ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ގޮތްދޫނުކޮށް އަހަރެންގެ ފުރާނަ ސަލާމަތްކުރަން ކުރި ބުރަ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް، އެތައް މިލިއަން މީހުންނަކަށް އަހަރެން ޝުކުރު އަދާކުރަން ޖެހޭ،"