އާބާތުރަ ފިލުވުމަށްފަހު ކަޅުވަކަރު މިސްކިތް ރޭވި ބިމަކީ އެ މިސްކިތުގެ ދާއިމީ ވަޒަނަށް ވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް އިބްރާހިމް ސޯލިހް ވިދާޅުވެއްޖެ އެވެ.
ކަޅުވަކަރު މިސްކިތް ހުޅުއްވައިދެއްވާ ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ކަޅުވަކަރު މިސްކިތަކީ ސަގާފަތާއި ފަންނުވެރިކަމާ ގުޅިލާމެހިފައިވާ މިސްކިތެއް ކަމަށާއި އެއްތަނުން އަނެއް ތަނަށް ބަދަލުވަމުން ގޮސް އަތްތަކުން އެތައް ގެއްލުންތަކެއް ދިން އިރުވެސް ވަކިވާން ބޭނުންނުވި މިސްކިތެއް ކަމަށެވެ. އަދި، ތާރީހީ އެތައް ކަމެއް ހުރި މި މިސްކިތަށް ގާއިމްވެ ހުންނާނެ ގޯއްޗެއް ނުވަތަ ބިމެއް ކަށަވަރު ނުވެ 230 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ ސަރުކާރުން ކަޅުވަކަރު މިސްކިތަށް ހަމަޖައްސައިދިން މި ބިމަކީ މިސްކިތުގެ ދާއިމީ ވަޒަން ކަމުގައި ވެގެން ދިޔުން"
ރައީސް އިތުރަށް ވިދާޅުވީ، ސަގާފީ ތަރިކަ އަކީ ފަތުރުވެރިކަން ވިއްކުމުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް ބޭނުންކުރާ އެންމެ މުހިއްމު އެއް ވަސީލަތް ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެކަމަށްޓަކައި މިއަދު ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ އިގްތިސޯދު ކުރިއަރުވާ އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ދެކިގެން ކަމަށް ވިދާޅުވި އެވެ.
އަދި ފާހަގަ ކުރެއްވީ، ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި އަންނަ އަހަރު އިގްތިސޯދީ ދާއިރާތައް އިތުރު ކުރާއިރު ރާއްޖޭގައި ސަގާފީ ތަރިކަ އާލާ ކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ދުއިސައްތަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަޅުވަކަރު މިސްކިތުގައި އާންމުންނަށް ނަމާދު ކުރެވޭނެ އެވެ. ނަމަވެސް ޖަމާއަތް ހަދައިގެން ނަމާދު ނުކުރާނެ އެވެ. ސަލްޓަން ޕާކު ގައިހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ 2016 ވަނަ އަހަރު އެވެ. މިސްކިތް ނަގައި އެތަނުގައި ވިންޓާ ތީމް ޕާކްއެއް ހެދުމުން އާންމުންގެ ވަރަށް ގިނަ ފާޑުކިއުންވެސް ކުރީ ސަރުކާރަށް އަމާޒުވި އެވެ.
މި ސަރުކާރުގެ ވެރިކަމުގައި ހެރިޓޭޖް މިނިސްޓްރީން އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ކަޅުވަކަރު މިސްކިތް އާއްމުންގެ ހިޔާލާއެކު އެހެން ތަނެއްގައި ރައްކާތެރިކޮށް ބެހެއްޓުމެވެ. އެކަމަށްޓަކައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.