(ދިހަވަނަ ބައި)
"ކިހިނެއް؟ އަހަރެން ކުރިން ނުދަންނަން." އައިރީން ދެބުމަ ކައިރިކޮށްލަމުން މޫނާއި ދެ ބުމައިން ސުވާލު ތަކުރާރުކޮށްލިއެވެ.
"އާނ! އަހަންނަށް އެނގޭ ހުރިހާ ކަމެއް! އަހަންނަށް އެނގޭ އައިރީން ތީ ޝަމްގެ ގަރލް ފްރެންޑްކަން ވެސް. އެހެންވެ އައިރީން ހޯދައިގެން މިއައީ. ހިތަށް އަރާނެ އަހަރެން މީ ކާކުބާއޭ ދޯ." މިކާޝް ކޮޅަށް ތެދުވެލިއެވެ.
"ހަގީގަތަކީ މީ ވަރަށް ދިގު ވާހަކައެއްކަން. މީ ގަބޫލުކުރަން ދަތިވާހަކައެއްކަން. އައިރީން ހިތަށް އަރައިފާނެ މިއީ ހިޔާލީ ވާހަކައެކޭ. ހިތަށް އަރައިފާނެ މިއީ ފިލްމުތަކުގަ ވާގޮތް ގޮތޭ. ދިވެހިންގެ ދިރިއުޅުމުގައި މިކަހަލަ ކަންކަން ނުހިނގާނެޔޭ. ވިސްނައިލަބަލަ. އިންސާނުންނަކީ ހާދަ ފުދިގެން އުޅެންޖެހޭ ބަޔެކޭ. އެމީހުންނަށް ހާދަ ގިނަ ނިޢުމަތްތަކެއް ދެއްވާފަ ވެޔޭ. އިންސާނުންނަށް އެމީހުންގެ ބާރުވެރިކަން އެހެން އެއްވެސް މަޙްލޫގަކަށް ނުދެއްވާ. ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް ލައްވާފައިވަނީ އިންސާނާގެ ހިދުމަތުގަ. ބިންމަތީގައި ދުވާ ކުދިކުދި ހިނިތަކުން ފެށިގެން ބޮޑު ބިޔަ މަންމަލި ޖަނަވާރުތަކާ ހަމައަށް ވެސް. އެކަމަކު ވެސް... އެކަމަކު ވެސް އެމީހުންގެ ޢަމަލުތަކުން މުޅި އިންސާނިއްޔަތަށް ކިހައި ބޮޑު ގެއްލުމެއް މި ލިބެނީ. އެހެން ހައިވާނުންނަށް ކިހައި ބޮޑު ބުރަތަކެއް، ވޭނެއް އުފުލަން މި ޖެހެނީ. ކޮންމެ ދުވަހަކު، ކޮންމެ ވަގުތަކު ކޮންމެ ކަމެއްގައި ވެސް އަބަދުވެސް ވޭން. ތަކުލީފު. ތުރާލައި ހިތްދަތިކަން. އުފާވެރިކަމުގެ މޫސުމެއް ނުވާ ހަރީފު މޫސުން. އެ މޫސުންތަކުން ދީވާނާވެ މަގުގެއްލިފައިވާ މީހުން މިއަދު... މިއަދު ކުރާނެ ކަމެއް ހަދާނެ ގޮތެއް ނެތިގެން އުޅޭ އިރު..." މިކާޝް އައިރީނާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"އަހަންނަކަށް ނުވިސްނުނު. ކީކޭ ތި ކިޔަނީ؟ ތަންކޮޅެއް ސާފުކޮށް ތިލަކޮށް ބުނެދޭންވީނު." އައރީންގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ.
"އާނ! އައިރީން! އަހަރެންމީ އެކަހަލަ ކަމެއް. އަހަރެންގެ އަސްލު އެނގިއްޖެ ނަމަ އައިރީން ބިރުން ފިލަން ދުވާނެ. އަހަރެން... އަހަރެން ބޭނުން... އަހަރެން ބޭނުން އައިރީންގެ އެހީ... އައިރީންގެ މަދަދުވެރިކަން... ޕްލީޒް އަހަންނަށް އެހީ... އެހީތެރިވެދީ." މިކާޝް އައިރީންގެ ދެ އަތުގައި ހިފައި އާދޭސް ކުރާންފެށިއެވެ.
"އަހަރެން... އަހަރެން... މިކާޝް ތި ކާކު؟ އަހަންނާ މިކާޝްގެ މުހުތާދުތަކާ..." އައިރީން ސުވާލުގެ ނަޒަރުން މިކާޝަށް ދުންކޮށް ބަލައިލިއެވެ.
"ވަނީ ގުޅި ލާމެހިފަ. އައިރީނަށް އަދި އެކަން ވިސްނޭނެ. އެކަން އެނގޭނެ. ތީ ބާރުގަދަ މީހެއް. ފިސާރި އަންހެނެއް. އައިރީން ތިޔައީ އާދައިގެ މީހެއް ނޫން." މިކާޝް ހިފައިލީ އައިރީންގެ ދެ އަތުގައެވެ.
"ނޫނޭ! އަދި އަހަރެން ތިޔަ ބުނާ ވަރު ނުވެދާނެ. އެކަމަކު އަހަރެންމީ ކަންކަމާ ކުރިމަތިލާނެ މީހެއް. ހިތްވަރު ކުރާނެ މީހެއް. މިކާޝް ތިޔައީ މިވަގުތު އަހަރެންގެ މެހުމާނެއް. ގޮތް ނޭނގޭ ހިލޭ މީހެއް. އެކަމަކު އަހަރެންގެ ހިތް ބުނަނީ ތިޔައީ ރަހުމަތްތެރިއެއް ކަމަށް ޤަބޫލުކުރުމަށް. އެކުވެރިއެއް ކަމަށް ދުށުމަށް. މިކާޝްގެ މުހުތާދުތައް ފުއްދައިދިނުމުގައި މަދަދުވެރިވުމަށް،" އައިރީން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "އަންހެނަކަށް ހިތްވަރު ދެވޭނީ އަންހެނަކަށް. އަންހެނަކަށް މަގުދައްކުވައިދެވޭނީ އަންހެނަކަށް. އަންހެނަކަށް ވެ ހުރެ، އަންހެނެއްގެ އިހުސާސްތަކަށް އަހަރެން އިޙްތިރާމުކުރަން. ބުނެބަލަ ކޮބައިތަ ތިޔަ ދައްކާ ހުރިހާ ވާހަކައެއްގެ އަސްލަކީ؟ ކޮންމެވެސް އެއްކޮޅަކުން ފަށައިގެން ކިޔައިދޭންވީނު. އަހަރެން މިހުރީ އަޑުއަހަން ތައްޔާރަށް."
"އަހަރެންގެ ހަގީގަތް އެނގުމުން ފިލާނަންތަ؟" މިކާޝް އައިރީންގެ މޫނަށް ބަލައިލިއެވެ.
"ނޫން! ޔަޤީން ކުރޭ. އަހަރެންނަކީ ޢަޒުމުގައި ސާބިތުވާނެ މީހެއް؟" އައިރީން ޢަޒުމާއެކު ބުނެލިއެވެ.
"އެންމެ ރަނގަޅު. އަހަންނަކީ ޖިންނިއެކޭ ބުނެފިނަމަ..." މިކާޝް ސީދާ އައިރީންގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
"ހަގީގަތަކަށް ނުވާނެ. ގަބޫލު ކުރާނެ ހެކިތައް ފެނިއްޖެ ނަމަ ގަބޫލު ކުރާނަން. ގައިމު ވެސް ބިރެއް ނުގަންނާނަން." އައިރީން ހަމަޖެހިލަމުން ހިނިތުންވެލިއެވެ.
"އަހަންނަކީ ކޮންކަހަލަ މީހެއްކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގޭ! އަހަރެންގެ މަންމަ އަކީ އިންސާނެއްކަން ޔަގީންވޭ. ބައްޕައަކީ ޖިންނިއެކޭ ވެސް ކިޔާ. އެކަން ޔަގީންނެއް ނުވޭ. ދުވަހަކު ވެސް އަހަރެންގެ މަންމައެއް ބައްޕައެއް އަހަރެން ނުދެކެން. އަހަރެން އުޅެ ބޮޑު މިވީ ނުރައްކާތެރި ނާމާން ޖަންގައްޔެއްގަ. އަހަރެންގެ މައްޗަށް އަމުރެއް އަތުވެއްޖެ ނަމަ އެ އަމުރަކަށް ކިޔަމަންވާންޖެހޭ. ކަމެއް ކުރާން އަންގައިފި ނަމަ އެކަމެއް ކުރަން މަޖުބޫރުވޭ. އަހަރެންގެ އެއްވެސް ބާރެއް، އެއްވެސް މިނިވަންކަމެއް ނޯވޭ." މިކާޝް ފެންކަޅިވިއެވެ.
"އެހެންތަ؟ މާނައަކީ މިކާޝް ތިއީ އެބިއުސްޑ... ބައެއްގެ ޝިކާރައަށް ވެފައިވާ ކުއްޖެކޭތަ؟ މިކާޝް ތީ ވިކްޓިމްއެކޭތަ؟ ކީއްވެ ފުލުހުންނަށް ރިޕޯޓް ނުކުރަނީ؟ ކީއްވެ ތިކަން ރިޕޯޓު ނުކުރަނީ؟ މިކާޝްއަށް އެނގޭތަ ތިޔަހެން ގޭތެރޭގައި ކުރެވޭ ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހޭ އަންހެން ކުދިން މި ރާއްޖޭގައި މަދެއްނޫން؟ ރިޕޯޓު ކުރާން ނުކެރުމަކީ ދެރަކަމެއް. ފިނޑި ޢަމަލެއް. އާއިލާ ނޫނީ ގެންގުޅޭ މީހުން ހިތްހަމަ ނުޖެހިދާނެތީ ތިގޮތަށް ސިއްރުކުރާ ކަންތައް ތަކުން ނުކުންނަ ނަތީޖާ މަ ގޯސްވާނެ. ގިނަ ފަހަރަށް ހިތާމަވެރި ހާދިސާތައް ހިނގާފަ ހުންނަނީ ވެސް އާއިލީ ބޮޑު ސިއްރުތައް ހާމަ ކުރަން ނުކެރޭތީ. ޖިންސީ ޝިކާރައަކަށްވާ އަންހެން ކުއްޖާ އުފުލަން ޖެހޭ ތަކުލީފެއް އެކަކަށް ވެސް ނުވިސްނޭ. ގިނަ ފަހަރު މީހުންގެ ހުރިހާ މަލާމަތެއް ރައްދުވަނީ ވެސް އަންހެން ކުއްޖާއަށް. އެކަމަކު މިކަމުގައި ގޯހީ ކޮންބައެއް؟ ފިރިހެނުންގެ ދަށު ދަރަޖައިގެ ވިސްނުމެއްނު. މިހެން ބުނާއިރު ވެސް އެނގޭ ހުރިހާ ފިރިހެނުން ގޯސް ނޫންކަން ވެސް." އައިރީން މިކާޝްއަށް ވިސްނައިދެވޭތޯ އުޅުނެވެ.
"އަހަރެން ނުބުނަމެއްނު ތިހެން... ތިހެންނެއް؟" މިކާޝް ހުއްޓައިލިއެވެ.
"އަހަންނަށް ހީވެއްޖޭ ތީ އެކަހަލަ ކަމެކޭ. އާނ ނިކަމެތި އަންހެން ކުއްޖަކު ފެންނައިރަށް ގަޔަށްބޮލަށް އެރުން މިއޮތީ ފެޝަނަކަށްވެފަ މި ރާއްޖޭގަ. މިކާޝްއަށް ފުލުހުންނަށް ގުޅާން ނުކެރެންޏާ ޖެންޑަރއަށް ގުޅާ ރިޕޯޓު ކުރަންހިނގާ." އައިރީން އޯގާތެރިކަމާއެކު މިކާޝްގެ ދެ އަތުގައި ހިފައިލިއެވެ.
މިކާޝް ބަލައިލީ އައިރީންގެ މޫނަށެވެ. އޭނާ ބުނާން އުޅުނު ވާހަކަތައް ހުއްޓުނީ އައިރީންގެ ވާހަކައިގެ މިސްރާބު ބަދަލުވަމުންދާތީއެވެ.
"ތަނަކަށް ވަންނައިރު، އުޅަނބޮށިން ނޫނީ އެހެންތަނަކުން ވެސް އެހެން މީހަކު ޖެހިލީމަ އެ ލިބޭ ނުތަނަވަސްކަން ވިސްނައިލަބަލަ. އެ އަދި ގަސްތަކާ ނުލައިވާ ކަމެއް. ދެން ވިސްނައިލަބަލަ މީހަކު ގަސްތުގައި އަންހެން ކުއްޖެއްގެ ނުރުހުމުގައި އޭނާގެ ހަށިގަނޑުގައި ބީހުމުން ލިބޭނެ ނުތަނަވަސްކަން. ހިތްހަމަ ނުޖެހުން. މިކަން ފިރިހެނުންނަށް ވިސްނައިދޭން ޖެހޭ. މި ވާހަކަ ދައްކާން ޖެހޭ." އައިރީން އެއް ނޭވާއިން އަމުނައިލިއެވެ.
"ޕްލީޒް! އައި އިހަށް އަޑުއަހައިބަލަ! އަހަރެން މިއުޅެނީ ތިކަހަލަ ކަމެއް ދިމާވެގެންނެއް ނޫނޭ."
"ދެން؟" އައިރީން ހިތް އަވަސްވިއެވެ.
"އަހަންނަކަށް ނޭނގެ ފަށާނެ ހިސާބެއް ވެސް."
"ކޮންމެ ވެސް އެއްކޮޅަކުން ފަށާ. ރަނގަޅުވާނޭ." އައިރީން ބަލައިލީ މިކާޝްގެ މޫނަށެވެ.
"އައިރީން ގަބޫލު ކުރަންތަ ޖިންނި ވާހަކަތައް. ގަބޫލުކުރަންތަ އެއީ އުޅޭ ބައެއްކަން؟" މިކާޝް ސުވާލުކޮށްލިއެވެ.
"އާނ! ގަބޫލުކުރަން، އަހަންނަކީ މުސްލިމެއް. ގުރުއާނުގައި އެ އޮތީ ޖިންނީންގެ ވާހަކަތައް. ޖިންނި ސޫރަތެއް ވެސް އެބަ އޮތް. އެހެންވީމަ އެއީވެސް މާތްﷲ ހެއްދެވި މަހުލޫގުންތަކެއް. ކިހިނެއްވީ؟"
"މީ.. މީ އެކަހަލަ ވާހަކައެއް. މީ ޖިންނި ވާހަކައެއް. އަހަންނަކީ ޖިންނިންގެ ލަޝްކަރެއްގައި ގެންގުޅޭ އިންސާނުންގެ ނަސްލާއި ޖިންނީންގެ ނަސްނު ހިއްސާވާ މީހެއް." މިކާޝް ހުއްޓައިލިއެވެ.
"އޭނ! މާނައަކީ..." އައިރީނަށް ލިބުނީ ހައިރާންކަމެކެވެ.
ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުތަކުގެ ކުލަވަރު މޫނުމަތިން ވެސް ހާމަވަމުން ދިޔައެވެ.
"އެ ކިހިނެއް؟ އެހެންވެސް ވޭތަ؟ ކިހިނެއް ތިވާހަކަ... ތިވާހަކަ ޤަބޫލުކުރާނީ؟"
"ޖިންނިންނަކީ ވަރަށް ތަފާތު ބައެއް. ވަރަށް ބޮޑެތި ކަންކަންކަން އެވެރިންގެ ތެރޭގައި ހިނގާ. އަހަރެން މިއުޅެނީ އަހަރެންގެ މަންމައާއި ބައްޕަގެ ފަރާތުން އަހަރެން ޖަހައިގަނެގެން ގެންގުޅޭ ބައެއްގެ އަޅުވެތިކަމުގެ ދަށުގައި. އަހަރެން ވަރަށް ކުޑައިރު އަހަރެންގެ ބައްޕަގެ އާއިލާއާއި އަހަރެން މިހާރު މިގެންގުޅޭ މީހުންގެ އާއިލާއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އަހަރެން އެމީހުންގެ ބާރުދަށަށް ގެންދިޔައީ. އޭރު ޢުމުރުން އެންމެ ތިން އަހަރު ވެސް ނުވޭ. އޭގެ ފަހުން އަހަރެން އުޅެ ބޮޑުވަމުން މިއައީ އެމީހުންގެ ބެލުމުގެ ދަށުން. އަހަރެން މި ގެންގުޅޭ މީހުން އަހަރެން ބޭނުން ކުރަނީ އިންސާނުންގެ ތެރެއަށް އައިސް އެމީހުން ބޭނުންވާ ކަންކަން ކުރުމަށް މަގު ފަހި ކޮށްދޭ މީހެއްގެ ގޮތުގައި." މިކާޝް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ކީއްވެ ހަމަނުޖެހުން؟ ކީއްކުރަން އިންސާނުންގެ ތެރެއަށް؟" އައިރީން ސުވާލުކޮށްލިއެވެ.
"އާނ! ތީ މިވާހަކަ ފެށޭ ހިސާބަކީ ވެސް." މިކާޝް އައިރީންގެ މޫނަށް ބަލައިލިއެވެ. "އަސްލު އައިރީންގެ އެހީ އަހަރެން ބޭނުންވަނީ ވެސް އެހެންވީމަ."
"މާނައަކީ...؟"
"އެމީހުން ބޭނުންވަނީ އައިޝަމް! އައިޝަމްގެ ބާރުވެރިކަން ކަނޑުވައިލަން. އައިޝަމްގެ ދުވަސް ދުއްވާލަން!" މިކާޝް ހުއްޓައިލިއެވެ.
"އެއީ؟"
"ތިއީ އަހަންނަށް ވެސް ނޭނގޭ ޖަވާބަކީ. އެމީހުން އަހަރެން އިންސާނުންގެ ތެރެއަށް ފޮނުވާއިރު ހުރިހާ ވާހަކަތަކެއް ކިޔައެއް ނުދޭ، އަހަންނަށް އަންނަ އޯޑަރަށް އަހަންނަށް ޖެހެނީ ތަބާވަން، ހުރިހާ ސުވާލަކަށް ޖަވާބެއް ނުލިބޭ." އައިރީންގެ އަތުގައި މިކާޝް ހިފައިލިއެވެ. "އަހަންނަން އެނގިފައި އޮތް ގޮތުން އައިޝަމަކީ އަހަރެން މިގެންގުޅޭ މީހުންނަށް ބޮޑެތި ގެއްލުންތަކެއްދީ އެމީހުންގެ ހާންދާނަށް ބޮޑެތި ނުރައްކާތަކެއް ދެވޭ ވަރުގެ ޤާބިލު، އެހާ ކުޅަދާނަ މީހެއް. އައިޝަމްގެ ބައްޕައަކީ އަހަރެން މިގެން ގުޅޭ މީހުންގެ ދުޝްމަނެއް. އައިޝަމްގެ ބައްޕައަށް އިންސާނުންގެ ތެރޭގައި ނޫޅެވެނީ އަހަރެންގެ ބޮސްކޮށްފައިވާ ކަމަކުން. އެކަންތައް ނިމުމަކަށް ގެންނާނީ އައިޝަމްގެ ފަރާތުންކަމަށް އެމީހުން ޤަބޫލު ކުރާކަމަށްވަނީ. އަދި އެމީހުން ތެރޭގައި ވެސް ދަންނަ މީހުން އުޅޭ. ކިޔަވައިގެން ތިބި ގާބިލު މީހުން ވެސް ތިބޭ. އެކަމަކު އެމީހުންނަށް ލިބިފައިވަނީ ވަރަށް ކުޑަކުޑަ ބާރުތަކެއް. އިންސާނުންނަށް ލިބިފައިވާހާ ބާރުތަކެއް އެމީހުންނަކަށް ނުލިބޭ. އެ ކުޑަކުޑަ ބާރުތައް ބޭނުންކޮށްގެން ވެސް އެމީހުން ބޮޑެތި، ބޮޑެތި ކަންކަން ނިންމާ. އެމީހުންގެ ތެރޭގައި ވެސް ޢިލްމީ މީހުންތިބޭ. އެމީހުން ހިސާބު ޖަހައިގެން ބަލާ ކަންކަމަށް ބިނާކޮށް އެމީހުންގެ ދިރިއުޅުން ބައްޓަން ކުރޭ."
"އެހެންތަ؟"
"އައިރީންއަށް ވެސް އެނގޭނެ އައިޝަމްއަކީ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ އާދައިގެ އިންސާނުންނާ ތަފާތު މީހެއްކަން."
އައިރީން އެއްޗެކޭ ބުނުމުގެ ބަދަލުގައި ދެ ތުންފަތް ގާތްކޮށްލައި ބޯ ތަޅުވައިލަމުން އާއެކޭ ބުނެލިއެވެ.
(ނުނިމޭ)