ބޮލީވުޑް

"އޭ ދިލް ހޭ މުޝްކިލް"ގެ ޝޫޓިންއަށް އައިޝްވާރިޔާ ވިއެނާގައި

Oct 20, 2015
1

މިމަހުގެ ކުރީކޮޅު ރިލީޒްވި ފިލްމު "ޖަޒްބާ" އާއެކު ބަތަލާ އައިޝްވާރިޔާ ރާއީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަނީ ފިލްމު ކުޅެން ފަށާފަ އެވެ.

މި ފިލްމަށާއި އައިޝްވާރިޔާއަށް ހޫނު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބިފައިވާއިރު، މިހާރު އައިޝްވާރިޔާ ވަނީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް" ގެ ޝޫޓިން ރަންބީރު ކަޕޫރާއެކު ވިއޭނާ ގައި ފަށާފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން ރަންބީރާއެކު މި ފިލްމުގެ ޝޫޓިންގައި އައިޝްވާރިޔާ ހަރަކާތްތެރިވަމުން އަންނަ ފޮޓޯތަކެއް ވަނީ ރަންބީރާއި އައިޝްވާރިޔާގެ ފޭން ކްލަބް ނަމުގައިވާ އެކައުންޓަކުން އިންސްޓަގްރާމް އަންނަނީ ޝެއާ ކުރަމުންނެވެ.

އައިޝްވަރިޔާ ހުދުކުލައިގެ ދިގު ކޯޓަކާއި ޑެނިމް ޖިންސެއް ލައިގެން އަދި ރަންބީރު ކަޅުކުލައިގެ ޖެކެޓަކާއި ކަޅު ޖިންސަކާއެކު ހުންނަ ފޮޓޯތަކެއް އަންނަނީ ސޯޝަލް މީޑިއާތަކުގައި ދައުރުވަމުންނެވެ.

މިފލްމުގެ ޝޫޓިންގެ ތެރެއިން އައިޝްވާރިޔާ ވަނީ އޭނާގެ ފޭނުންނަށް އޮޓޯގްރާފް ވެސް ދީފަ އެވެ.

މީގެ ދެމަހެއްހާ ދުވަސްކުރިން މިފިލްމުގެ ޝޫޓިން ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ ލަންޑަންގައި ފަށާފައިވާއިރު، ބައެއް މަންޒަރުތައް ވަނީ ޕެރިހުގައި ވެސް ނަގާފަ އެވެ. މީގެ ހަފްތާހެއްހާ ދުވަސްކުރިން ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން އާއި އިމްރާން ވެސް ވަނީ މިފިލްމުގެ ޝޫޓިންގައި ބައިވެރިވެފަ އެވެ. އަދި ލީސާ ހޭޑަން ވެސް ވަނީ މި ފިލްމުގެ މުހިންމު ރޯލަކުން އޭނާ ފެނިގެންދާނެ ކަމަށާއި ވަރަށް އަވަހަށް ޝޫޓިން ފަށާނެކަމަށް ބުނެފަ އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ކަރަން ޑައިރެކްޓްކުރާ މިފލްމަކީ އޭނާގެ އެންމެ އުންމީދީ ފިލްމެވެ. ލޯބި އޭގެ އެންމެ ފުންމިނަށް ގެނެސްދޭނެ ފިލްމަކަށް މިފިލްމު ވާނެ ކަމަށް ކަރަން ވަނީ ބުނެފަ އެވެ.

ދިއްލީގައި ވެސް މުހިންމު މަންޒަރުތަކެއް ނަގާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު އެވެ.