ހަބަރު

ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް

ސިއްހީ ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރަން މިއަދު އުޒުރުވެރިވެ ވަޑައިގަންނަވާތީ ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ތާވަލް ކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އާ ދެ ދައުވާގެ ފުރަތަމަ އަޑު އެހުމެވެ.

އެ ކޯޓުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުންނާއި، ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން މިއަދު ދަތުރުފަތުރު ކުރަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދި ވަޑައިގެންފައިވާތީ މިއަދުގެ އަޑުއެހުން އެހެން ދުވަހަކަށް ރީޝެޑިއުލް ކޮށްފައިވާ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

ރައީސް އަބްދުﷲ ޔާމީން މިހާރު ވެސް ގެންދަވަނީ މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ކުށް ސާބިތުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެއީ މަންފާ ހޯދައި އޭސީސީއަށް އެހެން ފައިސާތަކެއް ޖަމާކުރި މައްސަލާގަ އެވެ. އެ މައްސަލާގެ އިސްތިއުނާފު މިހާރު އޮތީ ހައިކޯޓުގަ އެވެ.