ބޭރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ހާއްސަކޮށް ޗައިނާއަށް ދަރަނި ދެއްކުމަށް މާމަގެ ފައްޓަރު ބައި ވިއްކާލަން ޖެހިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޗައިނާ ސަފީރު ޖަންގް ލިޒޯންގް މިއަދު ރައްދު ދެއްވައިފި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބުރަ ބޮޑުވެގެން އުޅެނީ ކުރީގެ ސަރުކާރުން ހާއްސަކޮށް ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާތީ ކަމަށެވެ.
ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ އިން ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ލޯނުތަކުގެ ގްރޭސް ޕީރިޑް ހަމަވެ، އޭގެ ބޮޑު ބައެއް މިހާރު އަނބުރާ ދައްކަންޖެހިފައިވާ ކަމަށެވެ.
މިގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް 4.9 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހިމެނިފައިވާއިރު، އޭގެ 80 ޕަސަންޓް ވުރެ ގިނަ ފައިސާއަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން އެންމެ ބަލިވި ގަޑީގައި އެ ފައިސާ ހޯދަން ޗައިނާ އިން އުޅުމަކީ މުޅި ދުނިޔެވެސް ދަންނަ އިންސާފެއް ނޫން ކަމަށާއި، އެކަން އެގޮތަށް މެދުވެރީ، ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށެވެ.
"މި ބަޖެޓު ފެންނާންއޮތް ގޮތް ކިތަންމެހާވެސް ހުތުރު. އެހެން ނަމަވެސް، ތަކުރާރުކޮށް ދަންނަވާނަން، މި ހުތުރު ކަމަކީ އަޅުގަނޑުމެން ގެނައި ހަޑި ހުތުރުކަމެއް ނޫނޭ. އެހެން ބައެއްގެ ދަރަނި ދައްކާންވެގެން އަޅުގަނޑުމެންގެ އަމިއްލަ ފައްޓަރުބައި މި ވިއްކާލަންޖެހެނީ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
އެ ވާހަކަަތަކަށް އިޝާރާތް ކުރައްވާ ސަފީރު ވިދާޅުވީ ރަހުމަތްތެރި ކަމަކީ އަގު ކުރެވޭނެ އެއްޗެއް ނޫނެވެ. އެހެން ކަމުން މާމަގެ ފައްޓަރު ބައި އެއީ އަގުހުރި އެއްޗަކަށް ވިޔަސް އެއަށްވުރެ އަގު ބޮޑީ ރާއްޖެ-ޗައިނާ ގުޅުން ކަމަށެވެ.
ޗައިނާގެ ބައެއް ލޯނުތައް ދެއްކުން ފަސްކޮށް ދީފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އީސް އޮފީހުން ބުނި ގޮތުގައި ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ އިން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށެވެ. މި ނިންމުމާއެކު ޗައިނާގެ އިތުރުން ޔޫރަޕުގެ ގައުމު ތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނޭ ކަމަށެވެ.
މި ބަދަލާއެކު، ރާއްޖޭގެ ގިނަ ލޯނުތައް ދައްކަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގަ އެވެ. މި ބަދަލާއެކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ އެވެ.