ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ދެމި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްއާރްއެމްގެ ފުރަތަމަ އަހަރީ ދުވަހާއި ގުޅިގެން އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްއާރުއެމް އުފެދިގެން އައީ ގައުމީ މުހިއްމު އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށާ ޕާޓީގެ އެންމެ މުހިއްމު އަސާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އެ ކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށެވެ.
އެމްއާރުއެމުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމަށް މަންފާ ކުރާ ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަން ދީގެން ކަމަށްވެސް ބުންޏެވެ.
"ގައުމީ މި މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީ ގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތް. ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން ގާނޫނީ ހުކޫމަތު ދެމެހެއްޓުމާއި އަދުލު އިންސާފު ކަށަވަރު ކުރުމާއި ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި މޫސުމަށް އަންނަ ބަދަލު ތަކަށް ތައްޔާރު ވުމާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ހައްގު ތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެމްއާރްއެމްގެ އަސާސްތައް،" އަހަރީ ދުވަހުގެ ބަޔާނުގައިވއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްއާރުއެމްއަކީ މިހާރު އޮތް ކޯލިޝަން ސަރުކާރުގެ މުހިއްމު ބައިވެރިއެއް ކަމަށާ ސަރުކާރަށް ތާއީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އެމްއާރުއެމްއިން މި ސަރުކާރާއެކު ދެމި އޮންނާނެ ކަމަށެވެ.
"ހަގީގަތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންތިހާބު ކުރުމުގައި، އެމްއާރްއެމް އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ވާނެ،" ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.