ލައިފްސްޓައިލް

މައުސޫމާ: ގެވެށިއަނިޔާގެ ސަބަބުން ދިރިއުޅުން ބަރުބާދު

މީގެ 10 އަހަރު ކުރިން މައުސޫމާ އަތާއީ ފެނުނު ކޮންމެ މީހަކުވެސް އޭނާގެ ރީތި ކަމަށް ތައުރީފު ކުރާނެ އެވެ. އިރާނުގެ މި ޒުވާން އަންހެންމީހާ އަކީ އެހާ ވެސް ރީތި މީހެކެވެ. މައުސޫމާ އަކީ ގެވެށިއަނިޔާގެ ޝިކާރައަކަށްވެ މުޅި ދިރިއުޅުން އެ ފުށް މިފުށަށް ޖެހިފައިވާ އަންހެނެކެވެ. އޭނާގެ އޮތީ ހަމަ އެންމެ ކުށެކެވެ. ފިރިމީހާ ކައިރިން ވަރިވާން ބޭނުންވުމެވެ.

މީގެ 10 އަހަރު ކުރިން ފިރިމީހާ ކައިރިން ވަރިވާން މައުސޫމާ މަސައްކަތް ކުރިއިރު އޭނާގެ އުމުރުން އެންމެ 27 އަހަރެވެ. އޭނާއަށް ފިރިމީހާ ކައިރިން ވަރިވެވުނެވެ. ނަމަވެސް އޭގެ އަގު އޭނާއަށް އަދާކުރަން ޖެހުނީ ހިތި ގޮތަކަށެވެ. ފިރިމީހާ ކައިރިން ވަރިވުމުން އެ ފިރިހެންމީހާގެ ބައްޕަ ގާތަށް އައި ރުޅީގައި އެސިޑްޖަހައި މައުސޫމާގެ އޭނާގެ މޫނާއި ދެއަތުގެ ސިފަ މުޅިން ބަދަލުކޮށްލީ އެވެ. އޭރު މައުސޫމާގެ ދަރިފުލަށް އެންމެ ދެ އަހަރެވެ.

މި އަނިޔާގެ ސަބަބުން މޫނުމައްޗާއި އަތުގެ ސިފަ އިންތިހާއަށް އިތުރުވުމުގެ އިތުރުން މައުސޫމުގެ ދެލޮލުގެ ފެނުން ވެސް ގެއްލުނެވެ. އޭގެ ފަހުން މި ފާއިތުވީ 10 ވަރަކަށް އަހަރުގެ ތެރޭގައި އޭނާ 38 ސާޖަރީ ހަދާފައި ވެއެވެ. ވިރިގެން ގޮސްފައިވާ ތަންތަން މަރާމާތުކޮށް ރަނގަޅު ކުރެވޭތޯ އާއި އަޅާ ވޭނަށް ލުޔެއް ލިބޭތޯ ކުރި އޮޕަރޭޝަން ތަކެވެ. މީގެ ހަ އަހަރު ކުރިން އޭނާ އެމެރިކާއަށް ދިޔަ އެވެ. ލޮލުގެ ފެނުން އަނބުރާ ލިބޭތޯ އޮޕަރޭޝަން ކުރުމަށެވެ. ނަމަވެސް އެމެރިކާގައި ކުރި އޮޕަރޭޝަނުން ވެސް އަދި އެ ގައުމުގައި އަހަރެއްހާ ދުވަހު ހުރެގެން ހޯދި ފަރުވާއަކުން ވެސް މައުސޫމާގެ ލޮލުގެ ފެނުމެއް އަނބުރާ ނުލިބުނެވެ.

މި ފަރުވާ އަށް ޚަރަދުކުރީ ހެޔޮއެދޭ ދީލަތި މީހެކެވެ. ނަމަވެސް ފަރުވާ ފެއިލްވެ މައުސޫމާގެ އުންމިދު ގެއްލުނީ އެވެ.
މައުސޫމާއަށް ދިން މި ބޮޑު އަނިޔާގެ ސަބަބުން އޭނާގެ ހަޔާތަށް އައި ބޮޑު އިންގިލާބަށް ފަހު ވެސް އޭނާ ހިތްވަރެއް ދުލެއް ނުކުރެ އެވެ. އެގޮތުން ކެރިގެން މޮޑެލިންގެ ދުނިޔެއަށް ނުކުމެ މިހާރު އޭނާ ވަނީ ވަރަށް ރަނގަޅު ކާމިޔާބެއް ހޯދާފަ އެވެ.
"ބިއުޓީ އަކީ ހަމައެކަނި މީހާގެ ސިފައެއް ނޫން. މޫނުގެ ސިފަ ގެއްލުން ނުވަތަ މޫނުގައި ލަކުނުތަކެއް ހުރުމަކުން އެއީ ހުތުރު މީހަކަށް ނުވާނެ. ރީތިކަން ވަޒަންކުރާނެ އެހެން ކްރައިޓީރިއާ ތައް ވެސް ހުންނާނެ،" އިރާނުގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި މައުސޫމާ ބުންޏެވެ.

މިހާރު މަޝްހޫރު މޮޑެލް އަކަށް ވެފައިވާ މައުސޫމާ ބުނީ އަންހެނެއްގެ ހުރި ހުރިހާ ވެސް އެއްޗަކީ ރީތި މޫނެއް ކަމަށް ގަބޫލުކުރާ މީހުން އުޅެ އެވެ. އެހެނެކަމުން ސިފަ ގެއްލިފައިވާ އަންހެނަކު މުޖުތަމައުން ބަލައެއް ނުގަނެ އެވެ.

"އަހަރެން ވަރަށް ހިތްދަތިވި. މީހުންގެ ފަރާތުން ކުރިމަތިވާނެ މަލާމާތާއި ފުރައްސާރައަށް ބިރުގަތް. ކިޔާނެ އެއްޗެހި ހިތަށް އަރާފައި އެއްގޮތަކަށް ވެސް މީހަކަށް ނުފެނިއުޅެން ހިތަށް އެރި. ނަމަވެސް ވަރަށް ގިނަ ބަޔެއްގެ މަސައްކަތުން އަހަރެންނަށް ދިރިއުޅުމާ މެދު ޕޮޒިޓިވްކޮށް ވިސްނުނީ،" މައުސޫމާ ބުންޏެވެ.

އީރާނުގެ ވޯކްޝޮޕެއްގައި ތައްޔާރުކުރާ އީރާނުގެ ސަގާފީ ހެދުންތައް ޕްރޮމޯޓްކުރުމަށް ނަގާ ފޮޓޯތަކުގައި އެ ހެދުންތައް އަޅައިގެން މިހާރު އަބަދުވެސް ހުންނާތީ ފެންނަނީ މައުސޫމާ އެވެ.

ތެހެރާންގައި އުފައްދާ ޓްރެޑިޝަނަލް ކްލޯތިން ލޭބަލް އެއް އިޝްތިހާރުކުރުމުގެ ބޮޑު ޕްރޮޖެކްޓެއް މިހާރު މައުސޫމާއަށް ލިބިފައި ވެއެވެ. މި ޕްރޮޖެކްޓް އޭނާއަށް ލިބުނީ މިފަދަ ގެވެށިއަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީވުމަށް އުފައްދާފައިވާ އެސޯސިއޭޝަނެއް މެދުވެރިކޮށެވެ.

ފެޝަން ފޮޓޯގްރާފަރުންނާއެކު 50 އަށް ވުރެ ގިނަ ހެދުމުގައި މައުސޫމާ މިހާރު ފޮޓޯތައް ނަގާފައި ވެއެވެ. ރޮއިޓާސްގެ ރިޕޯޓެއް ބުނާ ގޮތުން އެސިޑްގެ ހަމަލާތައް އީރާނުގައި ވަރަށް ގިނައިން ދެ އެވެ. އަދި މިގޮތަށް ދޭ ހަމަލާތަކުގައި ގިނަ ފަހަރަށް މުޅި ދިރިއުޅުން ބަރުބާދު ވަނީ ވެސް އަންހެނުންގެ އެވެ. އެހެންވެ އިރާނުގެ ނެޝަނަލް އެސެމްބްލީން މިއަހަރު ވަނީ ޚާއްސަ ގާނޫނޫނެއް މިކަމާ ދެކޮޅަށް ފާސްކޮށްފަ އެވެ. އެއީ އެސިޑް ޖަހާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައަޅާފައިވާ ގާނޫނެކެވެ.