ލައިފްސްޓައިލް

ފުރާޅަށް ވެއްޓުނު ގިނިހިލަޔަކުން ފަގީރަކު މުއްސަންޖަކަށް

ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނޭ ކުރީ ޒަމާނުގެ މީހުން ބުނެ އުޅެ އެވެ. އިންޑޮނޭޝިޔާގެ މި ފިރިހެން މީހާގެ ވެސް ނަސީބު އަތުގައި ހިފީ ހަމަ އެ ފަދަ ގޮތަކަށެވެ. ވަރަށް ފަގީރު ހާލުގައި ދިރިއުޅުނު މި މީހާއަށް އެއް ދުވަހެއްގެ އިރު އޮއްސިފައި އަނެއް ދުވަހަށް އިރު އެރިއިރު ވަނީ ލިބިފައި ވަނީ މީހަކަށް ހުވަފެނުން ވެސް ނުފެންނަ ވަރުގެ ބޮޑު މުއްސަނދި ކަމެކެވެ. އޭނާ ކުއްލިއަކަށް އެހާ ބޮޑު މުއްސަންޖަކަށް ވީ ކިހިނެއް ކަމަށް ތޯއެވެ؟ އޭނާގެ ގޭގެ ފުރާޅު ފޫއަޅުވާލާފައި ގޭތެރެއަށް ވެއްޓުނު އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި ގިނިހިލައެއްގެ ސަބަބުންނެވެ.

އިންޑޮނޭޝިޔާގެ ނޫހެއް ކަމަށްވާ ކޮމްޕަސް ގައިވާ މި ޚަބަރުގައިވާ ގޮތުން ޖޯޝުއާ ހުޓަގަލުންގް ކިޔާ މިމީހާއަށް ފުރަތަމައިނުން އެއީ ކޯޗެއް ކަމެއް ނުވެސް އެނގުނެވެ.

"އަހަރެން އެ ހިލަގަނޑު ނެގިއިރު ވެސް އޭގައި ހޫނުކަން ހުރި. އެ ހިލަގަނޑު އައިސް ފުރާޅުގައި ޖެހުނު ވަގުތު ވަރަށް ބާރުގަދަ އަޑުފައްގަނޑެއް ކިޔައި މުޅި ގެޔަށް ބާރުގަދަ ލޮޅުމެއް އައި. އަހަރެން ހިތަށް އެރި އަނެއްކާ ކޯޗެއް ބާއޭ ފުރާޅަށް ވެއްޓުނީ. ބަލާލިއިރު އެ ހިލަގަނޑު ޖެހިތަން އިނީ ފޫގޮސްފައި،" ޖޯޝުއާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއީ މަތީން ވެއްޓުނު އެއްޗެއް ކަމާ މެދު ފުރަތަމައިނުން ވެސް އޭނާ އަށް ވަރަށް ޝައްކުވި އެވެ.

"އެއީ މީހުން އެ ކިޔާ ކަހަލަ ގިނިހިލައެކޭ އޭރުވެސް އޭނާ ހިތަށް އެރި. ސަބަބަކީ މީހަކު އެއްލި އެއްޗެއް ނަމަ އެގޮތަށް އެހާ މަތިން އައިސް ފުރާޅުގައި ނުޖެހޭނެ ކަން ޔަގީންކުރެވޭތީ،" ޖޯޝުއާ ބުންޏެވެ.

ދަ އިންޑިޕެންޑެންޓްގައިވާ ރިޕޯޓެއް ބުނާ ގޮތުން މިފަދަ މީޓިއޮރައިޓްގައި ވަރަށް އަގުހުރި މައުދަން އެކުލެވިގެން ވެއެވެ. އަދި މިއީ 4.5 ބިލިއަން އަހަރު ވެފައިވާ، ދުނިޔެއިން ވަރަށް މަދު ހާލެއްގައި ނޫނީ ނުފެންނަ ކަހަލަ ހިލައެކެވެ.

އެހެންކަމުން މި ހިލަގަނޑު ވިއްކާލައިގެން ޖޯޝުއާ އަށް މަދުވެގެން އެއް މިލިއަން ޕައުންޑް ލިބިފައި ވެއެވެ. އޭނާ އެ ހިލަގަނޑު ވިއްކާލީ ޖެއާޑް ކޮލިންސް ކިޔާ އެމެރިކާ މީހަކަށެވެ. ޖެރާޑް އަކީ މިފަދަ ހިލަތައް އެއްކުރާ އެކަމުގެ ސްޕެޝަލިސްޓެކެވެ. އޭނާ އެ ހިލަގަނޑު ޖޯޝިއާ އަތުން ގަތުމަށްފަހު އެއަށް ވުރެ މާ ބޮޑު އަގަކަށް އެރިޒޯނާ ސްޓޭޓް ޔުނިވަސިޓީގެ މީޓިއޯ ސްޓަޑީ ސެންޓަރަށް ވަނީ ވިއްކާލާފަ އެވެ.

އިންސާނެއްގެ ހަޔާތުގައި ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަހަލަ މި ހާދިސާ އަށްފަހު ޖޯޝުއާ އަކީ އޭނާ ދިރިއުޅޭ ހިސާބުގަނޑުގައި މިހާރު ސެލެބްރިޓީ އެއްގެ ދަރަޖަ ލިބިފައިވާ މީހެކެވެ. އުޑުން ހިލަގަނޑު ވެއްޓުނު ތަން ބަލާބަލަން އޭނާގެ ގެޔަށް މިހާރު ކޮންމެ ދުވަހަކު އެތައް ބަޔަކު ޒިޔާރަތް ކުރެ އެވެ.

ޖޯޝުއާ އަކީ ކައިރީގައި ހުރި ޗާޗަކަށް ސަންދޯއް ޖަހައިދީގެން އާމްދަނީ ހޯދަމުން ދިޔަ މީހެކެވެ. ގެޔަށް ވެއްޓުނު ގިނިހިލަ ވިއްކާލައިގެން އޭނާއަށް ލިބުނު ފައިސާއަކީ 30 އަހަރު މަސައްކަތް ކުރިޔަސް ނުލިބޭހާ ފައިސާ އެވެ.