ފިނިޕޭޖް

ފިލްމެއްގެ ނަމާހެދި ކަރަން އާއި މަދުރު ކޯޅުމަކަށް

ޑައިރެކްޓަރު މަދުރް ބަންޑާރްކަރް އާއި ކަރަން ޖޯހަރްގެ މެދުގައި ކޯޅުމެއް ފެށިއްޖެ އެވެ. މި ކޯޅުމުގެ އަސްލަކީ ފިލްމެއްގެ ޓައިޓްލް އެކެވެ. ނުވަތަ ފިލްމަކަށް ކިޔާ ނަމެކެވެ. މަދުރް ބުނާ ގޮތުގައި ކަރަން މިހާރު ތައްޔާރުކުރަން ފަށާފައިވާ ޑިޖިޓަލް ރިއަލިޓީ ސީރީޒް "ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" އަށް އެ ނަން ކިޔުމަކީ އޭނާ ވަރަށް ގޯސްކޮށް ކުރި ކަމެކެވެ. އެއީ ހުރިހާ ގޮތަކުން ވެސް ވަރަށް ގޯސްކޮށް ކަރަން ކޮށްގެން އުޅޭ ކަމެކެވެ.

"ހިރޮއިން" އުފެއްދި ޑައިރެކްޓަރު މަދުރް ބޭނުން ވަނީ ކަރަންގެ ސީރީޒްއަށް ކިޔާ ނަން ބަދަލު ކުރާށެވެ. އެއީ "ބޮލީވުޑް ވައިވްސް" ގެ ނަމުގައި މަދުރް މާ ކުރިއްސުރެ ކުރިޔަށް ގެންދާ ޕްރޮޖެކްޓަކަށް ގެއްލުމެއް ވިޔަ ނުދިނުމަށެވެ.

މަދުރް ބުނަނީ ކަރަން އާއި އަޕުރްވާ މެހެތާ "ބޮލީވުޑް ވައިވްސް"އެ ޓައިޓްލް އެމީހުންނަށް ދިނުމަށް އޭނާގެ ކިބައިން އެދުނެވެ. ނަމަވެސް އޭނާ އެކަމާ ވާނީ އިންކާރު ކޮށްފަ އެވެ.

"ޑިއާ ކަރަން ޖޯހަރް. ކަލެޔާ އަޕޫރްވާ މެހެތާ އާ ދެ މީހުން އަހަރެން ކައިރީގައި 'ބޮލީވުޑް ވައިވްސް' ޓައިޓްލް ދޭން އެދުނީމަ އަހަރެން އެކަމަށް އިންކާރުކުރީ އަހަރެންގެ ޕްރޮޖެކްޓްގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާތީ. އެހެންވީމާ ކަލޭމެންގެ ސީރީޒްގައި އެ ނަން ބޭނުން ކުރުމަކީ ވަރަށް ގޯސްކޮށް ކޮށްފައިވާ ކަމެއް،" މަދުރުގެ އޮފިޝަލް އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވެއެވެ.

މަދުރް ބުނެފައިވާ ގޮތުގައި އެމީހުން އެ ނަމުގައި ސީރީޒެއް ތައްޔާރު ކުރަން އުޅޭކަން އެނގިގެން އެ ނަން ބަދަލުކުރުމަށް އެމީހުންގެ ކިބައިން އެދިފައިވެސް ވާނެ އެވެ.

ކަރަންގެ ޝޯ ނެޓްފްލިކްސް އިން މިމަހުގެ 27 ވަނަ ދުވަހު ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ. މި ޝޯގައި ބޮލީވުޑްގެ އެކްޓަރުންގެ އަނބިންގެ ތެރެއިން ހަތަރު މީހެއްގެ ދިރިއުޅުމުގެ ވާހަކަތައް ދައްކާނެ އެވެ.

މި ހަތަރު މީހުންނަކީ ބޮލީވުޑް އެކްޓަރުންގެ އަނބީންގެ އިތުރުން ބެސްޓް ފްރެންޑުންނެވެ. މި ހަތަރު އަނބިންގެ ތެރޭގައި ހިމެނެނީ ސުލައިލް ޚާންގެ އަންހެނުން ސީމާ ޚާން އާއި ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރު، ޗަންކީ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭ އަދި ސަމީރު ސޯނީގެ އަންހެނުން ނީލަމް ކޮތާރީ ސޯނީ އެވެ.

މި މީހުންގެ އިތުރުން ޝާހްރުކް ޚާނާއި އަންހެނުން ގޯރީ އަދި އަނަންޔާ ޕާންޑޭ އާއި ސަންޖޭ އާއި ސަމީރް ވެސް މެހެމާނުންގެ ގޮތުގައި ޝޯގައި ބައިވެރިވާނެ އެވެ.

މި ޝޯގައި ދައްކާނީ މި މީހުންގެ މުއްސަނދި ދިރިއުޅުމާއި އެ ދިރިއުޅުމުގައި މައިންބަފައިންގެ ހައިސިއްޔަތުންނާއި ޕްރޮފެޝަން އަދި އެކުވެރިކަމުގައި އެމީހުންގެ ހަޔާތުގައި ދިމާވި ފާހަގަ ކޮށްލެވޭ ބައެއް ކަންތައް ތަކެވެ.
މަދުރް އެންމެ ފަހުން ފިލްމެއް ޑައިރެކްޓްކޮށްފައިވަނީ 2017 ގައި ނުކުތް "އިންދޫ ސަރްކާރް" އެވެ.