ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ހަގު ލިޔުންތެރިޔަކީ ހަތް އަހަރު ކުއްޖެއް

އިންޓަނޭޝަނަލް ބުކް އޮފް ރެކޯޑްސްގައިވާ މައުލޫމާތު ބުނާ ގޮތުން ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ލިޔުންތެރިޔަކީ ހަތް އަހަރުގެ އަބިޖީތާ ގުޕްތާ އެވެ.

އޭޝިއާ ބުކް އޮފް ރެކޯޑްސް އިން ދޭ އެވޯޑެއް ކަމަށްވާ "ގްރޭންޑްމާސްޓާ އޮފް ރައިޓިން"ގެ އެވޯޑު ވެސް އަބިޖީތާ އަށް މިހާރު ލިބިފައި ވެއެވެ.

އަބިޖީތާ އަކީ އިންޑިޔާގެ ވަރަށް މަޝްހޫރު ޝާއިރުން ކަމަށްވާ މައިތިލީޝަރަން ގުޕްތާ އާއި ސަންތުކަވީ ޝްރީ ސިޔަރަމްޝަރަން ޗުޕްތާއަށް ކާފަކިޔާ ކުއްޖެކެވެ. އެހެންކަމުން މިހާ ހަގު އުމުރުގައި ވެސް އަބިޖީތާ އަށް ކުރު ވާހަކަ ލިޔެ ކުރު ޅެންތައް ލިޔެލަން މޮޅަށް އެނގުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމަކަށް ނުވެއެވެ.

އަބިޖީތާ ލިޔެފައިވާ "ހެޕިނަސް އޯލް އެރައުންޑް" މިހާރު ވަނީ ފޮތެއްގައި ސިފައިގައި ޝާއިއުކޮށްފަ އެވެ. މިއީ ސިލްސިލާ ފޮތްތަކެއްގެ ފުރަތަމަ ފޮތެވެ. މީގެ ގިނަ ފޮތްތަކެއް އޭނާ ލިޔެ ޝާއިއުކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފޮތްތަކުގައި ހުންނަނީ ކުރު ވާހަކަ އާއި ކުރު ޅެމެވެ.

އަބިޖީތާގެ ފޮތްތައް ޚާއްސަކޮށްފައި ވަނީ ވެސް އޭނާގެ އުމުރުގެ ކުޑަ ކުދިންނަށެވެ. މިހާ ހަގު އުމުރުގައި އަމިއްލައަށް މޮޅަށް ވާހަކަ ލިޔެލުމުގެ ގާބިލްކަން އަބިޖީތާއަށް ލިބިފައިވަނީ އޭނާ އަށް ލިބިފައިވާ ހުނަރުންނެވެ. އަދި ބޮޑުވާ ވަރަކަށް އޭނާގެ މި ހުނަރު ކުރިއަރައި ވަރަށް މޮޅު ލިޔުންތެރިއަކަށް އޭނާ ވާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.

މިހާރު ދެ ވަނަ ގްރޭޑްގައި ކިޔަވާ އަބިޖީތާ ވާހަކަ ލިޔަން ފެށީ އުމުރުން ފަސް އަހަރުގަ އެވެ. މައިންބަފައިންނާއެކު ގާޒީއާބާދުގައި ދިރިއުޅޭ އަބިޖީތާގެ ބައްޕައަކީ ޗާޓާޑް އެކައުންޓެންޓެކެވެ. މަންމައަކީ އިންޖިނޭރެކެވެ.

އިންޑީޔާގެ ނިއުސް އެޖެންސީ އޭއެންއައި އަށް ދިން އިންޓަވިއު އެއްގައި އަބިޖީތާ ބުނީ އޭނާގެ ވަށައިގެންވާ މާހައުލުން ފެންނަ ވަރަށް ކުދި ކުދި އެއްޗެހި ވެސް އޭނާއަށް ވާހަކައެއް ލިޔުމަށް ހިތްވަރަކަށް ވެއެވެ.

"އަހަރެން ލިޔަނީ ޕޮޒިޓިވް ވާހަކަތައް. އަހަރެންނަށް އަޑު އިވޭ ފެންނަ އަދި އިހްސާސް ކުރެވޭ ކަންކަމުގެ ވާހަކަތައް،" އަބިޖީތާ ބުންޏެވެ.

އަބިޖީތާ ލިޔުނު ޅެންތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދަނީ "މަދާ އާތު"، "ލެޓްސް ޓްރައި ލެޓްސް ފްލައި"، "ސްޓަޑީ އިޒް މައި ބެސްޓް ބަޑީ" އަދި "ޕްރެޝަސް ފްރެންޑްޝިޕް" އެވެ.

މިހާރުވެސް އަބިޖީތާ ވާހަކައެއް ލިޔުމުގެ މަސައްކަތް އެބަ ކުރެ އެވެ. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ކުޑަކުދިންނަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ލިޔާ ފޮތެކެވެ.

އަބިޖީތާ މިހާތަނަށް ލިޔުނު ފޮތްތައް ފަދައިން މި ފޮތަކީ ވެސް އޭނާގެ އުމުރުގެ ކުދިންނަށް ވަރަށް ކިޔާލާހިތްވާ ޒާތުގެ ފޮތަކަށް ވާނެކަމަށް އުންމީދު ކުރެވެ އެވެ. އަދި އޭނާގެ މަސައްކަތް ފެނިފައި ލިޔުންތެރިންނަށް ވާން ބޭނުންވާ ކުދިން ލިޔަން ފެށުމަށް ލިބޭ ހިތްވަރަކަށް ވެސް އަބިޖީތާގެ މަސައްކަތް ވާނެ އެވެ.