ވާހަކަ

ކާޝް

(އެގާރަވަނަ ބައި)

"އެނގޭތަ އެ ހުރިހާ ކަމެއް ދަސްކޮށްދިނީ ކާކުކަން؟ އައިޝަމްއަކަށް ނޭނގޭ ކުރިން އޭނާއަކީ ބާރުވެރި މީހެއް ކަމެއް. އޭނާއަކީ ކާކުކަމެއް. އެ ހުރިހާ ކަމެއް ކިޔައިދިނީ އަހަންނޭ." މިކާޝް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ކޮބާ މިކާޝްގެ ބޭނުމަކީ؟" އައިރީން ދެ ލޮލަށް ގޮތެއް ހަދައިލަމުން ސުވާލުކޮށްލިއެވެ.
"ތަކުރާރުކޮށް މި ދައްކަނީ ތި ވާހަކަ. މި އުޅެނީ ތި ކަމުގެ ވާހަކަތައް ކިޔައިދޭން،" މިކާޝް އައިރީންގެ ގާތަށް ޖެހިލިއެވެ. "އެންމެ ފުރަތަމަ އަހަންނަށް މައާފުކުރާތި. އެނގޭ ކުރެވުނީ ކުށެއްކަން ވެސް. މައާފުދެވޭ ވަރު ކަމެއް ނޫންކަން ވެސް."
"ކޮން މައާފެއް؟" ސުވާލުގެ ނަޒަރުން އައިރީން ބަލައިލީ ސީދާ މިކާޝްގެ މޫނަށެވެ.
"ނޭނގި ކަމެއް ވުމަކީ އެމީހަކު ކުށްވެރިވާ ޒާތުގެ ކަމެއް ނަމަ އަހަންނަށް ކުށްކުރެވިއްޖެ." މިކާޝް އަޑުގައި ނޭނގޭ ތުރުތުރެއް ދުވެލިއެވެ.

"ކީކޭ ތި ކިޔަނީ؟" އައިރީން އަނެއްކާ ވެސް އަހައިލިއެވެ.
"އަހަންނަށް އައިރިންގެ ހައްގަކަށް އަރައިގަނެވުނުހެން ހީވާތީ އެވާހަކަ." މިކާޝް ފެންކަޅިވެފައި އިނދެބުނެލިއެވެ.
"މާނައަކީ އައިޝަމްގެ..." އައިރީނަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
"އާނ! ތި ހީކުރީ ރަނގަޅަށް އަހަންނަށް، ޝަމް ދެކެ އަހަންނަށް ލޯބި ވެވުނީ. ގަސްތަކުނޫން. އިހުތިޔާރަކު ވެސް ނޫން. ހަގީގަތުގައި އަހަރެން އޭނާ ދެކެ ލޯބި ވެގެން ނުވާނެ. އޭނާއަށް އޯގާތެރިވެގެން ނުވާނެ. އޭނާއަށް ހަމްދަރުދީ އުފެދިގެން ނުވާނެ. އަހަންނަކަށް ނޭނގޭ އަހަންނަށްވީ ގޮތެއް. އަހަންނަށް މިހެން ވެގެން ނުވާނެ،" މިކާޝް ބަލައިލީ ސީދާ އައިރީންގެ މޫނަށެވެ. "ކުށެއް ނެތް އިންސާނަކަށް ގެއްލުން ދިނުމަކީ އެއް އިރެއް ގައިވެސް އަހަރެން ބޭނުންވާ ކަމެއް ނޫން. އަމުދުން މާޒީގައި ހިނގާފައިވާ ކަމެއްގެ ސަބަބުން އެކަމުގެ ގެއްލުން އެހެން މީހުންނަށް ލިބިގެން ނުވާނެ. ގެއްލުން ދީގެން ނުވާނެ. އެކަމަކު އަހަރެން އެކަން ކުރާން މަޖުބޫރު. އެ ނޫން ގޮތެއް..."
"މާނައަކީ؟ ކޮބާ މައްސަލައަކީ؟ އަހަންނަކަށް ސާފެއް ނުވޭ." މިކާޝް ދެއްކި ވާހަކަތައް އޮޅުންބޮޅުންވާހެން ހީވެގެން އައިރީން ސުވާލު ތަކުރާރުކޮށްލިއެވެ.
"މިއަދު އަހަރެން އައިރީން ގާތަށް މި އައީ ވެސް އެހެންވީމަ. މި ހުރިހާ ކަމެއް ސާފުކޮށްދޭން. އެކަންކަން ކިޔައިދޭން." މިކާޝް ހިފައިލީ އައިރީން އަތުގައެވެ.
"ކޮން ހުރިހާ ކަމެއް؟" އައިރީން ޝައްކުގެ ނަޒަރުން މިކާޝަށް ބަލައިލިއެވެ.
"އަހަންނަކީ އައިޝަމްގެ ބައްޕަގެ ދުޝްމަނުންގެ މީހެއް. އެމީހުން އަހަރެން ގެންގުޅެނީ އެމީހުންގެ މަސައްކަތްތެރިއެއް ގޮތުގައި. އަޅެއްގެ ގޮތުގައި. އަހަންނަށް އެނގޭ އަހަރެންގެ މަންމައަކީ އިންސިއެއްކަން. ބައްޕައަކީ އިންސިއެއް ނޫންކަން. އެކަމަކު އެންމެ ކުޑަ އިރުއްފެށިގެން މިއަދާ ހަމައަށް ވެސް އަހަންނަށް ނޭނގެނީ އެއީ ކޮން ބައެއްކަން. އެނގޭހާ ވެސް ކަމަކީ އެމީހުން ދުނިޔޭގައި އެބަ އުޅޭކަން. ދިރި އެބަތިބިކަން." މިކާޝް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"މާނައަކީ ތިޔައީ އެމީހުން ގެންގުޅޭ މީހެކޭތަ؟" އައިރީން އަހައިލިއެވެ.
"އާނ! އަހަންނަށް މަޖުބޫރު، އެމީހުން ބުނިކަމެއް ބުނި ގޮތަކަށް ކުރަން. އެހެންނޫނީ އަހަންނަށް އަދަބު ލިބޭނެ. އަނިޔާ ކުރާނެ. ބަލައިބަލަ، މި ތަން ބަލައިބަލަ." އައިރީންގެ ކަނާއަތު ކޮނޑާ ދިމާއިން ހެދުމުގެ ކަރު ތިރިކޮށްލަމުން އައިރީންނަށް ދައްކާލިއެވެ.

އައިރީން ދެ ލޯ ބޮޑުވިއެވެ. އަނގަމަތީ އަތް އަޅައިލެވުނެވެ. މިކާޝްގެ ކަނާއަތު ކޮނޑުން ޒަހަމުވެފައިވާ ތަންތަން ފެނުމުންނެވެ. ކޮނޑުގެ ކަށިގަނޑު ފެންނަވަރަށް ފުން ޒަހަމުތަކެއް ހުއްޓެވެ. މަސްގަނޑު އޮތީ ކަޅުކުލައިގެ ލެއިން ކަޅިވެފައެވެ. ޒަހަމުތަކުގެ ތެރޭގައި ކުދިކުދި މަސްކޮޅުތައް އުފުލިފައި ހުއްޓެވެ. ބައެއް ތަންތަން ކޮޅުން ކޮނޑުގެ ކަށިގަނޑު ފެންނަން ވެސް ހުއްޓެވެ. މުޅި ކޮނޑު އެކުގައިވަނީ ނޫފައިގެންފައެވެ.

"ސުބުހާﷲ، މިވަރު ކުރާކަށް ނުވާނެއްނު. ތަދެއް ނުވޭތަ؟" އައިރީނަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ.
"އަނިޔާއިން ތަދުނުވާނެ އެއްވެސް މަހުލޫގެއް އުޅޭތަ؟ ކޮންމެ ގޮތަކަށް ހެއްދެވިނަމަވެސް، އަނިޔާއިން، ޒަހަމުން ދިލަ ނަގާނެ. ތަދުވާނެ. އެކަމަކު އެކި މަހުލޫގުންގެ ކެތްތެރިކަމުގެ މިންވަރު ތަފާތުވާނީ." މިކާޝްއަށް ގިސްލެވެން ފެށުނެވެ.
"އަހަރެން ކިހިނެއް ހަދައިދޭންވީ؟"
"އަހަންނަށް މައާފުދޭންވީ، އަހަރެންގެ މި ޒަހަމުތަކަށް ފަރުވާއެއް ދޭންވީ." މިކާޝްގެ ގިސްލެވުން އިތުރުވަމުން ދިޔައެވެ.
"އަހަރެން މައާފުދޭންވީ ކޮންކަމަކާ؟ ކިހިނެއް ތިޔަ ޒަހަމުތަކަށް؟" އައިރީން ދެ ލޯބޮޑުކޮށްލިއެވެ.
"އާނ، އަހަންނަށް ގޯސްމަގަކުން ދެވުނީތީ، އައިޝަމްއާ ގުޅުން ބޭއްވުނީތީ، އެކަމަކު އަހަރެން އަބަދުވެސް، އަބަދުވެސް އައިޝަމް ދެކެ ލޯބިވާނެ. އެކަމަކު ގަބޫލުކުރަން އެއީ އައިރީންގެ ހައްގެއްކަން. އަހަރެން ބޭނުންވިޔަސް ނުލިބޭނެ ކިތައްމެ އުފަލެއް، ކިތައްމެ އެއްޗެއް ހުންނާނެ ކަން ގަބޫލުކުރަން. ކިތައްމެ ބޭނުން ވިޔަސް ނުވާނެ ކަންކަން ވެސް ހުންނާނެދޯ! އަހަރެން ބޭނުމީ އައިރީން ވެސް އައިޝަމްއަށް ލޯބިދިނުން. އެނގޭނެ އައިޝަމްއާ އެހެން މީހުންގެ ތަފާތު. އޭނާއަށް ކުރިމަތިވާނެ ގޮންޖެހުން. އެހެންވީމަ އަހަރެން ބޭނުން ތިޔަ ދެމީހުންނާއެކު އަބަދުމެވާން. މި އައީ އެ ވާހަކަތައް ދައްކާން. އެ ޔަގީންކަން ދޭން." މިކާޝް އަނެއްކާ ވެސް އައިރީންގެ އަތްތިލައިގައި ފިރުމައިލިއެވެ.
"އަހަރެންގެ ހިތުގައި އެއްވެސް ކިލަނބުކަމެއް ނެތް. މިކާޝްއަށް ހިތުން ރުހުމުން މައާފުދީފިން. އެކަމަކު ތިޔަ ޒަހަމުތަކަށް..." އައިރީން ވިސްނައިލިއެވެ. "އޯހ! ހަނދާން ވެއްޖެ، ލެޓް މީ ޓްރައި ދިސް."
އައިރީނަށް ކަމެއް ހަނދާންވުމުން ތެދުވާހެން މަޑުމަޑުން ތެދުވިއެވެ. އަތުގައި އޮތް އަނގޮޓީގައި ފިރުމާލަމުން އަނގޮޓީގެ އެސް ދިމާކޮށްލީ މިކާޝްގެ ކޮނޑުގައިވާ ޒަހަމުތަކާ ދިމާއަށެވެ.

އާއެކު ހިމަހިމަ ރޮނގުތަކެއް އެހުން ނިކުމެ ރާޅުބާނި ހަރަކާތްތަކަކާ އެކު ކުރިއަށް ދާންފެށިއެވެ. އެ ރާޅުބާނި ހަރަކާތްތަކުގެ ތެރެއިން ފެނިގެން ދިޔަ އަލިކަން ގޮސް މިކާޝްގެ ކޮނޑުގައި ޖެހުމާއެކު ފާރުތައް ހުދު ނޫކުލައަކުން ދިއްލިގެން ދިޔައެވެ. މިކާޝްގެ ހަށިގަނޑު ތެރެއަށް އެ އަލިކަން ފޭދިގަތެވެ. އަލިކަން ފޭދެމުންދާވަރަކަށް ފާރުތަކަށް ދިރުން އަންނަން ފެށިއެވެ. ލަސް ހަރަކާތްތަކަކާއެކު ފާރުތައް ބެދެމުންދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މިކާޝް ކޮނޑުގައިވާ ރޯފާރުތައް އޮބި މަސްތައް ހަމަޖެހި ހަންގަނޑު އޮމާންވެގެން ދިޔައެވެ.

މިކާޝް ހިނިތުންވެލިއެވެ. އޭނާއަށް ލޯ މަރައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. އައިރީން ހިނިތުންވެލިއެވެ. އޭނާ ވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ.

ކުއްލިއަކަށް އަންހެނަކު ރޮއިގަތް އަޑު އިވުނެވެ. އައިރީންއާއި މިކާޝް ސިހިފައި ބަލައިލީ އަޑު އިވުނު ދިމާއަށެވެ. އެމީހުންނާ ދާދި ގާތުން ދެތިން މީހުން ހަރަކާތްތެރިވާ މަންޒަރު ފެންނަމުން ދިޔައެވެ. އިރުއިރުކޮޅާ އަންހެން ކުއްޖާގެ ހަޅޭއްކުގެ އަޑު ބާރުވެއެވެ. މިކާޝްއާއި އައިރީނަށް ކޮޅަށް ތެދުވެ ވުނެވެ. އައިރީންނަށް ހިފައިލެވުނީ މިކާޝްގެ ކޮނޑުގައެވެ.

ހަނީފާއި އައިޝަމަށް އެތަނަށް އާދެވެނުނީ ހަމަ އެވަގުތުއެވެ. ސައިކަލު ޕާކުކޮށްލުމަށް ފަހު އާޓިފިޝަލްއަށް ވަންނަން ހިނގައިގަތް ދެމީހުންނަށް ސިހުން ލިބުނެވެ. އެހެން މީހުންނެކޭ އެއްފަދައިން އެމީހުން ވެސް ގަނޑުވީއެވެ. ހުއްޓުން އެރީއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ.

އޭރު ވެސް އަންހެން ކުއްޖާގެ ހަޅޭއްކުގެ އަޑު މުޅިތަނުގައި ގުގުމަމުން ދިޔައެވެ. އޭނާއަށް ބަލައިލެވުނީ ކުރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނަށެވެ. އެމީހުންގެ ގޮތް އެނގޭވަރެއް ނޫނެވެ. ބޮލާއެކު މޫނުވަނީ ނިވާކޮށްފައެވެ. އެންމެން ވެސް ތިބީ ކަޅުކުލައިގައެވެ. ފެންނަނީ ހަމައެކަނި ދެ ލޮލެވެ. އަންހެއް ކުއްޖާގެ ހިފަހައްޓައިގެން ތިން މީހުން ތިއްބެވެ. އެމީހުން ވަށައިގެން އިތުރު ފަސް މީހުން ތިއްބެވެ. އެ ހުރިހާ މީހުންގެ އަތުގައި ކޮޅަށް ހިއްލާލެވިފައިވާ ވަޅިތައް ފެންނާން ހުއްޓެވެ. މުޅި ތަނަނަށް ވެރިވެފައިވަނީ ނުތަނަވަސް ކަމެވެ. ހާސްވެ ކަންބޮޑު ވުމުގެ އަސަރުތަކެވެ. އެކި ތަންތަނުގައި ތިބި މީހުން ތިބީ ވާނުވާ ނޭނގިފައެވެ. ހުއްޓިފައެވެ. ގުޑިލަން ވެސް ނުކެރިފައެވެ. މަންޒަރު ބަލާށެވެ. ކައިރިވެ އެ އަންހެން ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދޭން ނުކުޅެދިފައެވެ.

"އޭ ޒޫނާ. ކަލޭ ބޭނުމީ މަރުވާންތަ ނޫނީ ތެދަށް ބުނާންތަ؟" ހަރުކަށި އަޑަކުން އަންހެން ކުއްޖާއާ މުހާތަބު ކުރި އަޑު އިވުނެވެ. "ބުނޭ ހަމަ މިހާރު ބުނޭ، ކަލޭ ޗިއްޕޭއަށް ނޫނެކޭ ބުނީ ކީއްވެ؟ ކަލޭ އެ ފިރިހެން ސޮރާއެކު ގަނޑެއްގަތީތަ؟ ކަލޭ ބޭނުމީ އެ ސޮރު ކޮށައިލަންތަ؟"

"ކަލޭމެން އަހަރެން މަރަންވީނު. ކުދިކޮށް ކޮށައި މިތަނަށް އުކަންވީނު." ޒޫނާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
ވެގެން އުޅޭ ގޮތް ސާފުވަމުން ދިޔައީ އެ މީހުންގެ ވާހަކަތަކުންނެވެ. ޒޫނާ ކައިރިއަށް އެކަކު ޖެހިލިއެވެ. އޭނާގެ މޫނާ ދިމާއަށް ވަޅި އަމާޒުކޮށްލަމުން އޭނާ ކޮލުގައި ހިފައި ބާރުކޮށްލިއެވެ. އެއާއެކު ޒޫނާ ހަޅޭއްލަވާގަންނަމުން ދެފަރާތަށް މޫނު ހަރަކާތްކޮށްލެވޭތޯ އުޅުނެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

"ކަލޭއަށް އޮތީ ދެ ގޮތް. އެއްގޮތަކީ ޗިއްޕެއަށް އާއެކޭ ބުނުން، އޭރުން ވަގުތުން ދޫކޮށްލާނަން. ގަދަ ހަދައިގެން ތިހެން ފުއްޕާލުން. އޭރުން ކަލޭ ގެންގުޅޭ ސޮރުގެ ވަސް ފޮހެވިގެންދާނެ. ދެން ކަލޭ ވެސް ނިޒާމުން ގެއްލޭނެ." އެމީހާ ވަށައިގެން ހޯދައިލިއެވެ.

"ކޮށައިލިޔަސް، ނިޒާމުން ގެއްލުވާލިޔަސް އަހަންނެއް އާއެކޭ ނުބުނާނަން. ކަލޭމެން ކުރާކަމެއް ކުރާނީ މަށަށް. ހަސީނަކަށް ނޫން. އޭނާ ކަލޭމެންނަކާ ނުބެހޭނެ. އެއީ އަހަރެން ބިޓެއް ވެސް ނޫން. ކަލޭމެން މޮޔަވެގެން އޭނާއާ ނުބެހޭތި،" ޒޫނާ ރުޅިވެރިކަމާއެކު ބުނެލިއެވެ. "ދޫކުރޭ. މި ބުނީނު ދޫކުރާށޭ. މީހުން މަރައިގެން، ބިރުދައްކައިގެން ލޯބި ހޯދޭ ކަމަށް ވަންޏާ ކަލޭމެން ފޮނުވި މީހާ ގާތު ބުނޭ އަހަރެން ކޮށައިލާށޭ."

އެމީހުން ޒޫނާ ދަމަމުން ކަހަލަ ގޮތަކަށް އާޓިފިޝަލް ބީޗާ އިންވެގެން އޮތް ބޮޑުތަކުރުފާނު މަގަށް އެމީހުން ނެރެން މަސައްކަތްކުރަމުން ދިޔައެވެ.
ހަނީފަށް ހުރެވުނީ އެމަންޒަރު ބަލާށެވެ. އޭނާ ހީކުރީ އައިޝަމް ވެސް އޭނާގެ ފަހަތުގައި ހުރި ކަމަށެވެ.

"ކޮޕުންނަށް ގުޅަންވީނު. ޝަމް ގުޅައިބަލަ! އަހަރެން ހިއެއް ނުކުރަން ރާއްޖެ މިހާލަތަށް ވެއްޓިދާނެ ކަމަކަށް. ކީކޭ ބުނާނީދޯ!" ހަނީފު ވާހަކަދައްކަމުން ދިޔައީ އައިޝަމް ފަހަތުގައި ހުރިކަމަށް ބަލައިގެންނެވެ.

އައިޝަމްގެ ޚަބަރެއް ނުވުމުން ހަނީފު ފަސްއެނބުރި ބަލައިލިއެވެ.

"ޝަމް! އޭ ކޮންތާކަށް ތިވަނީ؟" ހަނީފު އެކި ދިމަދިމާއަށް ކަޅި އުކަމުން ވާހަކަދައްކާން ފެށިއެވެ.

އޭރު ދަމަމުން ކަހަލަ ގޮތަކަށް އެމީހުން ޒޫނާ ގެންދާތަން ފެނުނެވެ. ހަނީފަށް ހުރެވުނީ މަންޒަރު ބަލާށެވެ. އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން ހައިރާންކަން ލިބި ބަސް ހުއްޓިފައެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލަން ވެސް ނުކެރިފައެވެ. ޒޫނާގެ ވަށައިގެން ތިބި މީހުން އަތުގައިވާ ވަޅިތައް ހުރީ މަޅައިލެވިފައެވެ.

ބާރު ދުވެލީގައި އާ ކާރެއް އާޓިފިޝަލް ބީޗާ ކައިރިއަށް މަޑުކޮށްލިއެވެ. ކަޅު ކުލައިގެ އެ ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. އެއިން ނުކުތީ ވެސް މޫނުފޮރުވާފައިވާ މީހެކެވެ. ޒޫނާ ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ކާރުގެ ފަހަތަށް އެރުވިއެވެ. އެއާއެކު ކާރުގެ ދޮރު ލައްޕާލިއެވެ.

ހަމަ އެވަގުތު މަތިން މީހަކު ތިރިވި މަންޒަރު ފެނުނެވެ. މޫނު ނިވާކޮށްފައިވާ މީހެކެވެ. ހަނީފަށް ހުރެވުނީ މަންޒަރު ބަލާށެވެ. އޭނާއަށް ސިފަވަމުން ދިޔައީ އިނގިރޭސި ފިލްމެއްގެ މަންޒަރެކެވެ. އޭނާއަށް މަޑުމަޑުން ކިޔައިލެވުނީ މަތިން ތިރިވި މީހާގެ މޭމަތީގައިވާ ނަމެވެ. އާއެކެވެ. އެއީ ކާޝްއެވެ. (ނުނިމޭ)