ޕީއެސްޖީ

ފެބްރިގާސްގެ ލަނޑުން މޮނަކޯ ޕީއެސްޖީ ބަލިކޮށްފި

ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއްގައި އޮތް ޕީއެސްޖީ އާ ދެކޮޅަށް ފަހަތުން އަރައި އޭއެސް މޮނަކޯއިން 3-2 ން މޮޅުވެއްޖެ އެވެ.

މޮނަކޯ މޮޅު ކޮށްދިން ލަނޑު 84 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔަބު ސެސްފެބްރިގާސް އެވެ. ޕީއެސްޖީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ކިލިޔަން އެމްބާޕޭ އެވެ. އިތުރު ލަނޑެއް ޖަހައި ހެޓްރިކް ހެދުނު ކަމަށް އެމްބާޕޭއަށް ހީކުރެވުނު ނަމަވެސް އޭނާގެ ލަނޑު ވީއޭއާރުން ގަބޫލެއް ނުކުރި އެވެ.

ފުރަތަމަ ހާފުގައިވެސް ޕީއެސްޖީގެ ޑިފެންސް މައްސަލަ ފާހަގަ ކުރެވުނެވެ. އަނިޔާއިން ރަނގަޅުވެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނޭމާ ކުޅެން ނުކުމެވެސް ޕީއެސްޖީއަށް ނަތީޖާގެ ފަރަގު ބަދަލު ނުކުރެވުނެވެ.

މޮނަކޯގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކުރީ ކެވިން ވޮލޭންޑް އެވެ. އޭނާ ކާމިޔާބު ކުރި ދެ ވަނަ ލަނޑަކީ ފެބްރިގާސް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ. މޮނަކޯއަށް ލިބުނު ޕެނަލްޓީ އަކީ ޕީއެސްޖީގެ ޕެނަލްޓީ އޭރިއަގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އަބްޑޯ ޑައިއޯލާ މޮނަކޯގެ ވޮލޭންޑް ދަތި އަޅުވައި ވައްޓާލުމުން ދިން ޕެނަލްޓީ އެކެވެ. ފެބްރިގާސް ޕެނަލްޓީ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ.

ބަޔާން މިޔުނިކްގެ ކުރީގެ ކޯޗް ނިކޯ ކޮވާޗް، މޮނަކޯގެ ޓީމާ ހަވާލުވެ އޭނާ ވަނީ އެ ޓީމުގެ ނަތީޖާތައް ރަނގަޅު ކޮށްފަ އެވެ. މޮނަކޯ އޮތީ ޕީއެސްޖީގެ ފަހަތުން ތާވަލުގެ ދެ ވަނައިގަ އެވެ.