ވިޔަފާރި

ދެކުނަށް މުދާ ގެންދަނީ ކޮޗިން ފެރީގައެއް ނޫން: އެމްއެސްއެސް

Nov 22, 2020

ދެކުނުގެ އަތޮޅު ތަކަށް މުދާ އުފުލުގެ ހިދުމަތް ފަށަނީ ކޮޗިން ފެރީގައި ނޫން ކަމަށް، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އިން ބުނެފި އެވެ.

އިންޑިއާ އިން އައްޑޫ އަދި ހުވަދު އަތޮޅަށް މުދާ އުފުލުގެ ހިދުމަތް ފަށަން ނިންމާފައިވާ ދަތުރުތަކާބެހޭ ގޮތުން ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ދެކުނު އަތޮޅު ތަކަށް މުދާ އުފުލަން ފަށާ ދަތުރުތަކަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ކުރާ ދަތުރު ތަކެއް ނޫން ކަމަށެވެ.

"ކޮޗިން އާއި ކުޅުދުއްފުޓާއި އަދި މާލެއަށް ކުރާ ދަތުރު ތަކަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދުގައިވާ އެއްބަސްވުމެއްގެ ދަށުން ބާއްވާ ފެރީ އެއް. މި އެއްބަސްވުމަކު ނެތް ދެކުނު އަތޮޅުތައް ހިމަނާފައެއް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި. މިހާރުގެ މި ހިދުމަތަކީ ސަރުކާރުން ރައީސްގެ އިސްނެންގެވުމެއްގެ ދަށުން ދެކުނުގެ އަތޮޅުތަކަށް ވެސް ސީދާ މުދާ ގެންދެވޭނެ ގޮތެއް ހަމަޖައްސަން ފަށާ ފެށުމެއް. އަޅުގަނޑުމެން މި ފަށަނީ ޓުޓިކޮރިން ބަނދަރުން،" ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ކުރާނީ ޖެރެނަލް ކާގޯ ބޯޓެއް. ޕްލޭން ކޮށްފައި އޮތީ ރެފިޖަރޭޑެޓް ކާގޯ ގާތްގަނޑަކަށް 100 ޓަނު ހިމަނައިގެން ފަށަން. އެ މަސައްކަތް ދެ ހަފުތާއާ ދުވަހެއްގެ ތެރޭގައި ފެށޭނެ،" ސައިދު ވިދާޅުވި އެވެ.

އިންޑިއާގެ ގައުމީ ޝިޕިން ކުންފުނިން ރާއްޖެއަށް ކުރާ "ކޮޗިން ފެރީ" ގެ އެޖެންޓުކަން ކުރާ ދިވެހި ގައުމީ ޝިޕިން ކުންފުނީގެ އެމްޑީ ވިދާޅުވި ގޮތުގައި އިންޑިއާ އިން އައްޑުއަށް މުދާ އުފުލުން ފެށުމުން ފިނި ކުރި ބާވަތްތައް ސީދާ އައްޑުތައް ގެންދިއުމުގެ މަގު ތަނަވަސް ވެގެން ދާނެ އެވެ.

"ކުކުޅާއި މަސް އަދި މީޓްގެ ޕްރޮޑަކްޓްތައް ދެކުނުގެ ވިޔަފާރިވެރިންނަށް ގެންދަން ބޮޑު ފުރުސަތެއް މި ލިބެނީ،" ސައީދު ވިދާޅުވި އެވެ.

އައްޑު އަށް މުދާ އުފުލައިދޭނެ އަގުތައް

  • ޖެނެރަލް ކާގޯ، އެލްސީއެލްކޮށް: 39 ޑޮލަރަށް
  • ރެފްރިޖަރޭޓެޑް ކާގޯ ރީފާ ކޮންޓެއިނާ: 69 ޑޮލަރު

އޭނާ ވިދާޅުވީ ކޮޗިން ފެރީ އިން މުދާ ގެންނަން ކުޅުދުއްފުށީ ވިޔަފާރިވެރިންގެ މެދުގައި އޮތް ތަރުހީބު ވެސް ކުޑަ ނޫން ކަމަށެވެ.

"އަޅުގަނޑު ބައިވެރިވިން ބިޒްނަސް ސެންޓާއިން ބޭއްވި ވެބިނާއެއްގައި މި ބައްދަލުވުމުގައި 200 އެއްހާ ވިޔަފާރިވެރިން ބައިވެރިވި. އެހެންވެ އެ ދަތުރުތަކަށް މިހާތަނަށް ލިބުނު ތަރުހީބު ރަނގަޅު. އަޅުގަނޑުމެން އަދި ވެސް އުންމީދު ކުރަނީ އިތުރަށް ކުރިއަރާނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.