ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް 520 ޓަނުގެ ހަކުރު ވިއްކަން ނިންމާ އިންޑިއާ އިން އެކަން އިއުލާނުކޮށްފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ކޮންސިއުމާ އެފާއާޒް، ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން އިން މިއަދު މިފަދަ ނިންމުމެއް ނިންމާ އިއުލާނުކުރިއިރު ހަކުރު އެކްސްޕޯޓް ކުރުން އެ ގައުމުން އޮތީ މިންގަނޑެއްގައި ހިފަހައްޓާފައެވެ. އެއީ ރެކޯޑް މިންވަރަކަށް އެ ގައުމުން ހަކުރު ބޭރުކުރަން ފެށުމުން މިދިޔަ މަހު އެޅި ފިޔަވަޅެކެވެ.
ކޮންސިއުމާ އެފާއާޒް، ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން މިނިސްޓްރީން ބުނި ގޮތުގައި ހަކުރު ބޭރުކުރުން ހިފެހެއްޓިފައި އޮތް ނަމަވެސް ރާއްޖެއަށް ހަކުރު ވިއްކަން ވަނީ ނިންމާފައެވެ. އެ ގޮތުން ރާއްޖެ-އިންޑިއާ ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން 520 ޓަނުގެ ހަކުރު ވިއްކާނެ އެވެ. އަދި ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އެ އަދަދަށް ހަކުރު ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް ދޫކުރާނެ ކަމަށް ބުންޏެވެ.
ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އިންޑިޔާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ މިހާރު ވަނީ ތިން އަހަރަށް އިތުރުކޮށްދީފައެވެ. މީގެ ކުރީން ކޯޓާ ކޮންމެ އަހަރަކު އައު ކުރަން ޖެހެއެވެ. ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަނީ އިންޑިއާ އިންނެވެ. އެ ބާވަތުގެ ތަކެތި ހުސްނުވެ ލިބެން ހުންނަނީ އިންޑިއާ ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ސަބަބުންނެވެ.