ސަރުކާރު ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިންޑިއާ އިން ތިނަދު އަށް މުދާ އުފުލުމުގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އިންޑިއާގެ ޓުޓިކޮރިން އާއި ރާއްޖޭގެ ދެކުނާ ގުޅާލާ ކާގޯ ދަތުރުތައް ފެށުމުގެ ގޮތުން، ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި މިއީ އުންމީދީ ފެށުމެއް ކަމަށާ، އުންމީދަކީ ބޯޓު ފުރެންދެން އުތުރަށް މުދާ ގެންގޮސް ދިނުން ކަމަށެވެ. މިއީ ހުވަދު އަތޮޅުގެ ޒުވާން ވިޔަފާރިވެރިންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ ބޯޓު ދަތުރު ކުރާ މީހުންނަށް ވެސް މިއީ ލިބިގެން ދާނެ ފުރުސަތެއް ކަމަށެވެ.
"އުންމީދު ކުރަން މި ސަރަހައްދުގައި ތިބި ބޯޓު ދަތުރު ކުރާ މީހުން ވެސް މީގެ ބޭނުން ހިފައި އެސްޓީއޯގެ ބޯޓަށް އަރާނެ ކަމަށް. އޭރުން މަހަކު އެއްފަހަރު ރަށަށް އާދެ ވޭނެ. ފަހުން ޖާގަ ލިބިގެންދާ ވަރަކުން އިތުރު ފުރުސަތު ހޯދައި ދޭންނަ،" ސައީދު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި އެމްއެސްއެސް ފެށުނީ ދުނިޔޭގައި ފްރައިޓް ރޭޓް އެންމެ ބޮޑުވީ ދުވަސްވަރު ކަމަށެވެ. ނަމަވެސް އެ ކުންފުނިން ފެށީ ފްރައިޓް ރޭޓް މަތިނުކޮށް ކަމަށެވެ. މިއީ އެ ކުންފުންޏަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
"އަޅުގަނޑުމެން ވިސްނަނީ މުދާ ލިބުނަސް ބަރާބަރަށް ފުރައި، ބަރާބަރަށް ދާން. އެހެންވީމަ ވިޔަފާރިވެރިންނަށް ޔަގީންކަން މިހާރު އޮވޭ ބަރާބަރު ދުވަހަށް އަންނާނެކަން،" އަމްރު ވިދާޅުވި އެވެ.
އިންޑިއާގެ ޓުޓިކޮރިން އިން އަންނަ މި ބޯޓު އެސްޓީއޯ އިން ފުރަތަމަ ގެނެސްފައިވަނީ 400 މެޓްރިކް ޓަނުގެ މުދަލެވެ.