ކުޅިވަރު

ޓާސްޓެގަންގެ ގޯހުން އެތުލެޓިކޯއިން ބާސާ ބަލިކޮށްފި

ބާސެލޯނާގެ ކީޕަރު މާކް އެންޑްރޭ ޓާސްޓެގަން އަށް ހެދުނު ބޮޑު މިސްޓޭކެއްގެ ފައިދާ ނަގައި ޔަނިކް ކަރެސްކޯގެ ލަނޑުން އެތުލެޓިކޯ މެޑްރިޑުން 1-0 ން ބާސެލޯނާ ބަލި ކޮށްފި އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި އެތުލެޓިކޯގެ ހާފުގެ ތެރެއިން އޭންހަލް ކޮރެއާ ބާރު ބޯޅައެއް ދިނީ ޔަނިކް ކަރެސްކޯ އަށެވެ. ކަރެސްކޯ އަށް ލިބުނު ބޯޅަ ހުއްޓުވަން ޓާސްޓެގަން ހާފުގެ މަދަށް ވުރެ ކުރިއަށް ނުކުތެވެ. އޭނާ މަސައްކަތް ކުރީ ކަރެސްކޯގެ ފައިދަށުގައި އޮތް ބޯޅައަށް ޓެކްލު ކޮށް އެ ބޯޅަ ކުރިއަށް ފޮނުވާލުމަށެވެ. އެހެންނަމަވެސް އޭނާއަށް ބޯޅަ ނުހޯދުނެވެ. ޓާސްޓެގަން ކައިރިން ނައްޓާ ލުމަށް ފަހު ކުރިއަށް އަރައި ކަރެސްކޯ ވަނީ ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

"ބާސެލޯނާ ކަހަލަ ޓީމަކަށް އެކަހަލަ ގޯލް ވަދެގެންދެގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗް ރޮނަލްޑް ކޫމަން ބުންޏެވެ. "އެއީ އަހަރެމެންނަށް ހެދުނު ގޯހެއް. އަލުން އެކަހަލަ ގޯހެއް ހަދަން އަހަރެމެންނަށް ބަލަން ނުތިބޭވޭނެ."

އެތުލެޓިކޯ ލަނޑު ޖެހުމުގެ ކުރިން ބާސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިފަ އެވެ. އޭރިއާގެ އަރިމަތިން އަރައި އޭނާ ގޯލަށް ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލެކް ސަލާމަތް ކުރި އެވެ. ފުރަތަމަ ހާފުގެ ކުރީ ކޮޅު މާކޯސް ޔޮރެންޓޭއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ބާސާގެ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ސެލްޓަ ވީގޯ އާ ދެކޮލަށް ކުޅުނު ސެވިއްޔާ މެޗު ކާމިޔާބު ކުރީ 4-2 ންނެވެ.