އާލިންގް ހާލޭންޑް ދެ ވަނަ ހާފުގައި ހެދި ހެޓްރިކާއެކު ޑޯޓަމުންޑުން ހާތާ ބަލިންގެ މައްޗަށް 5-2 ން މޮޅުވެ، ވާދަވެރި ބަޔާން މިޔުނިކާ ފަރަގު ކޫޑަ ކޮށްފި އެވެ.
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ބާލިންގެ ޓީމުންނެވެ. ލީޑް ނަގައިދިނީ މަތިއަސް ކޫނިއާ އެވެ. މެޗުގެ 33 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ޑޯޑީ ލުކެބާކިއޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ފުރަތަމަ ހާފު ނިމުނީ ހާތާ ލީޑްގައި އޮވެގެންނެވެ. ޑޯޓަމުންޑްގެ ފުރަތަމަ ލަނޑު، ހާލޭންޑް ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގަ އެވެ. އޭގެ ދެ މިނެޓް ފަހުން ހާލޭންޑް ވަނީ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް ޑޯޓަމުންޑަށް ލީޑް ނަގައިދީފަ އެވެ. މެޗުގެ 62 ވަނަ މިނެޓްގައި އޭނާ ވަނީ ހެޓްރިކް ހަދާފަ އެވެ.
ޑޯޓަމުންޑްގެ ހަތަރު ވަނަ ލަނޑު ރަފޭލް ގުއެރޭރޯ ކާމިޔާބު ކުރީ މެޗުގެ 70 ވަނަ މިނެޓްގަ އެވެ. ހާތާގެ ދެ ވަނަ ލަނޑު ކޫނިއާ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުްނނެވެ. ނަތީޖާ ފަރަގު ކުޑަ ކުރެވުމުން ލިބުނު ހިތްހަމަޖެހުމުގައި ހާތާގެ ޓީމަށް އޮވެވުނީ ސިކުންތު ކޮޅެއްގަ އެވެ. ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް މިދިޔަ ހުކުރު ދުވަހު ހޯދި ހާލޭންޑް ވަނީ މިނެޓެއް ނުވަނީސް ޑޮޓަމުންޑްގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ރޭ ވާޑާބްރޭމން އަތުން އެއްވަރުވި ބަޔާން މިޔުނިކާއި ޑޯޓަމުންޑާ ދެމެދު މިހާރު ހުރީ އެއް ޕޮއިންޓްގެ ފަރަގެވެ. ބަޔާން އަށް ލިބިފައި ވަނީ 19 ޕޮއިންޓެވެ. ޑޯޓަމުންޑަށް 18 ޕޮއިންޓެވެ. ޑޯޓަމުންޑް އޮތީ ދެ ވަނައިގަ އެވެ. ޑޮޓަމުންޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ތިން ވަނައިގައި އޮތީ ބަޔާން ލެވަކޫސަން އެވެ.
އާމިނިއާ ބީލެފީޑް އާ ދެކޮޅަށް ލެވަކޫސަން ރޭ ކުޅުނު މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. ހަތަރު ވަނައިގައި އޮތް އާރްބީ ލައިޕްޒިގް އައިންޓްރެކްޓް ފްރޭންކްފާޓާ ދެކޮލަށް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.