ކޮވިޑް-19 އަށް ރާއްޖެއިން ގިނަ ބަޔަކު މިއަދު ޕޮޒިޓިވްވެފައިވާއިރު އެއާޕޯޓް ކްލަސްޓާއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ އެވެ.
އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވިއެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު 14 ވަނަ ދުވަހު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 15 ވަނަ ދުވަހުވެސް ތިން މީހަކު ޕޮޒިޓިވްވިއެވެ. ނޮވެންބަރު 18 ގައި ބަޔަކު ޕޮޒިޓިވްވިއެވެ.
މިއަދުވެސް ވަނީ އިތުރު ބަޔަކު ޕޮޒިޓިވްވެފައެވެ. ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިހާތަނަށް އެ ކްލަސްޓާއިން 102 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ ބައެއް މީހުންނާއި އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީގެ ބައެއް މުވައްޒިފުންގެ އިތުރުން ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީގެ މުވައްޒިފުންތަކެކެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކްލޯސް ކޮންޓެކްޓްގެ ގޮތުގައި 191 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ. އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ސެންޓަރުން ބުންޏެވެ. މިދިޔަ އަންގާރަ ދުވަހު އެޗްއީއޯސީގެ ޓީމެއް އެއާޕޯޓަށް ގޮސް ބަލި ކޮންޓްރޯލް ކުރުމަށް ޕްލޭނެއް އެކުލަވާލާ އެ ޕްލޭން ތަންފީޒު ކުުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.